ދުނިޔެ

ކޮލަމްބޯ އެއާޕޯޓްގެ ރަންވޭ މަރާމާތަށް ފަހު މާދަމާ ހުޅުވަނީ

Apr 5, 2017

ސްރީލަންކާގެ ވެރިރަށް ކޮލްމްބޯގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ މަރާމާތުކޮށް، ކުރިއަށް ވުރެ ބޮޑު ކުރުމުގެ މަޝްރޫއު ނިމި، މާދަމާ ހުޅުވާނެ ކަމަށް އެގައުމުގެ ސަރުކާރުން މިއަދު ބުނެފި އެވެ.

ބަންޑާނަރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ތަރައްގީ ކުރުމަށް ހިންގި 50 މިލިޔަން ޑޮލަރުގެ މަޝްރޫއުގައި އެތަނުގެ ފުޅާމިން ވަނީ 75 މީޓަރަށް ފުޅާކޮށްފައެވެ. ކުރިން އެ ރަންވޭގެ ފުޅާމިނަކީ 60 މީޓަރެވެ. ރަންވޭ ފުޅާ ކުރުމުން ކޮމާޝަލް އެންމެ ބޮޑެތި މަތިންދާބޯޓްތައް ކަމަށްވާ އެއާބަސް އޭ 380 މަރުކާގެ މަތިންދާބޯޓްތަކަށް ވެސް އެ ރަންވޭ ބޭނުންކުރެވޭނެއެވެ. ރަންވޭ ފުޅާ ކުރުމުގެ އިތުރުން އެތަނަށް ގެނައި އަނެއް ކުރިއެރުމަކީ ނެދަލޭންޑްގައި އުފައްދާފައިވާ ލެޑް ބަލްމް ތަކަކަށް އެތަނުގެ ލައިޓިން ސިސްޓަމް ބަދަލުކުރުމެވެ. އެހެންވެ ރަންވޭގެ އަލިތަކަށް ހޭދަވާ ހަކަތަ 80 ޕަސެންޓަށް މަދުކުރެވޭނެ ކަމަށް ލަންކާގެ މިނިސްޓްރީ އޮފް އެންޑް ސިވިލް އޭވިއޭޝަނާ ހަވާލާދީ ދަ ސަންޑޭ ޓައިމްސް ނޫހުން ބުންޏެވެ.

ރަންވޭ ހުޅުވުމަށް މަދަމާ ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ލަންކާގެ ޓްރާންސްޕޯޓް މިނިސްޓަރު ނިމަލް ސިރިޕާލާ ޑިސިލްވާއާއި ޑެޕިއުޓީ މިނިސްޓަރު އަޝޯކް އަބޭސިންހަ އެވެ. ރަންވޭ ހުޅުވުމުގެ ގޮތުން އެތަނަށް ފުރަތަމަ ޖައްސަން ހަމަޖެހިފައި ވަނީ ސްރީލަންކަން ގެ ނަމްބަރު ޔޫއެލް1162 މަތިންދާބޯޓެވެ. އެއީ ސްރީލަންކަން އަށް އެންމެ ފަހުން ގަތް މަތިންދާބޯޓެވެ.

ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމެކެވެ. އަދި އެކި ބޭނުންތަކަށް ދިވެހިން ގިނައިން ދަތުރުކޮށް އުޅޭ ގައުމެކެވެ.