ހަބަރު

ވޯޓާޒް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ތަންތަނާއި ބެހޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ. ޝަކުވާ ހުށަހަޅާ ފޯމް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހު ޝަކުވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށެވެ. ރާއްޖޭންބޭރުގައިނަމަ، ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީއިން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ހަވީރު 04:00 އަށެވެ. އަދި ބަންދު ދުވަސްތަކުގައި މެންދުރު 12:00 އިން ހަވީރު 05:00 އަށެވެ.

ޝަކުވާތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނެވެ. އަދި މާލޭގައިނަމަ، ބާ ޖަމާލުއްދީންގައި ގާއިމްކޮށްފައިވާ އިންތިހާބީ މަރުކަޒު އިންނެވެ. ރާއްޖޭން ބޭރުގައިނަމަ ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީއިންނެވެ.

މި އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި އާންމުކޮށް ފެންނާނެހެން ބަހައްޓާފައި ހުންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތު ދެ އެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ.