ދުނިޔެ

އިންޑިއާއިން ވިސާގެ ކަންކަން ފަސޭހަކޮށްފި

Apr 5, 2017

އިންޑިއާއަށް ދަތުރު ކުރުމަށް ވިސާ ދޫކުރުމުގައި އެ ގައުމުން ލުއި ގޮތްތަކެއް ހަމަޖައްސައިފި އެވެ.

އިންޑިއާގެ ހޯމް މިނިސްޓަރު ރަޖްނާތު ސިންގް އާ ހަވާލާދީ ހިންދުސްތާން ޓައިމްސް އިން ބުނީ ކުރިއަށްވުރެ މިނިވަން ވިސާ ރެޖީމް އެއް އިންޑިއާ ސަރުކާރުން މި އޭޕްރިލް މަހުގެ ފުރަތަމަ ދުވަހު ތައާރަފްކޮށްފައިވާ ކަމަށެވެ.

އާ ގަވައިދުގެ ދަށުން އޮންލައިންކޮށް ޓޫރިސްޓް ވިސާ އާއި ބިޒްނަސް ވިސާ ހޯދާ މީހުންނަށް އިންޑިއާގައި ދެ މަސް ދުވަސް ހޭދަކުރެވޭ އިރު އެ ވިސާގައި ދެފަހަރު ދަތުރުވެސް ކުރެވޭނެ އެވެ. ކުރީގެ ގަވައިދުގައި ހާއްސަ ގޮތްތަކެއް ހަމަޖައްސާފައިވާ ވަކި ގައުމުތަކެއް ފިޔަވައި އެހެން ގައުމުތަކުގެ މީހުންނަށް ޓޫރިސްޓް ވިސާގައި ލިބެނީ އެއް މަސް ދުވަހެވެ. އަދި އެ ވިސާގައި އިންޑިއާއަށް ދަތުރުކުރެވެނީ އެއް ފަހަރުއެވެ. މެޑިކަލް ވިސާގައި ދަތުރުކުރާ މީހުންނަށް ކުރިން އިންޑިއާއަށް އެތެރެވެވެނީ ދެފަހަރު ކަމަށް ވިޔަސް ފަހުގެ ގަވައިދުގައި ތިން ފަހަރު ދަތުރުކުރެވޭނެއެވެ.

އިންޑިއާއިން ހާއްސަ އިނާޔަތްތަކެއް ދީފައިވާ ބައެއް ގައުމުތަކުގެ މީހުންނަށް ޓޫރިސްޓް ވިސާގައި އެގައުމުގައި ތިން މަސްދުވަސް މިހާރުވެސް ހޭދަކުރެވެއެވެ. އެފަދަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

އާ ގައިދުގެ ދަށުން ކުއްލިއަކަށް އިންޑިއާއަށް ދަތުރު ކުރަން ޖެހޭ ހާލަތްތަކުގައި ވަރަށް އަވަހަށް ވިސާ ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފަ އެވެ. އެފަދަ ހާލަތްތަކުގައި ވިސާ ހޯދަން ހުށަހަޅާތާ 48 ގަޑި އިރުގެ ތެރޭގައި ވިސާ ދޫކުރާނެ އެވެ.

ވިސާ ދޫކުރުމަށް ގެނައި ބަދަލުގައި އާ ކެޓަގަރީތަކެއް ވެސް އިންޑިއާ ސަރުކާރުން ވަނީ ތައާރަފްކޮށްފަ އެވެ. އެގޮތުން ތައާރަފްކޮށްފަައި ވަނީ އެއް އަހަރު ދުވަހަށް ދޫކުރާ "ފިލްމް" ވިސާ އާއި "އިންޓާން" ވިސާއެވެ.

ސިންގް ވިދާޅުވެފައި ވަނީ ވިސާ ދޫކުރުމުގެ އިންތިޒާމް ފަސޭހަކުރީ އިންޑިއާގައި ޓޫރިޒަމް ކުރިއެރުވުމަށާއި ވިޔަފާރިއާއި އިންވެސްޓްމެންޓާ ގުޅޭ ކަންކަމުގައި އިންޑިއާއަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުކުރުމަށް ކަމަށެވެ.