ހަބަރު

ސިޔާސީ މަގުސަދަށް ދައުލަތަށް ފައިސާ ނުދައްކާ ނުތިބެވޭނެ: ސަރުކާރު

ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ވަކި ބަޔަކަށް އަމާޒުކޮށްގެން ފައިސާދެއްކުމަށް ނާންގާނެ ކަމަށާއި ސިޔާސީ މަގުސަދުތައް ހާސިލުކޮށްދީގެން ސަރުކާރަށް ދައްކަން ޖެހޭ ފައިސާތައް ނުދައްކާ ތިބުމުގެ އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ޗެއާ، މުހައްމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ވިލާ ޝިޕިން ކުންފުނީގެ އެކައުންޓުތައް ފްރީޒް ކުރީ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށް ކަމަށް ބުނެ ކުރާ ތުހުމަތުތަކާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޒުހޫރު ވިދާޅުވީ ދައުލަތުން ދޫކޮށްފައި ހުރި ބިންތަކާއި ރަށްތައް އަދި ފަޅުތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން ވިލާ ކުންފުނީގެ އިތުރަށް އެހެން ވިޔަފާރިވެރިންގެ އަތުންވެސް ނަގަން ޖެހޭ ފައިސާ ނަގަމުންދާ ކަމަށެވެ. ވަކި މީހަކަށް އަމާޒުކޮށްގެން ސިޔާސީ ގޮތުން ދަތި ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މިހާރު ފެންމަތިވެގެން އުޅޭ މައްސަލައަކީ ގިނަ ފައިސާ ހުރި ބޭފުޅަކު ދައުލަތަށް ދައްކަން ޖެހޭ ފައިސާތައް ދައްކަން އެންގުމުން އެކަމުގެ ބަދަލުގައި ސަރުކާރަކަށް ސިޔާސީ ފިއްތުންތައް ކުރިމަތި ކުރުވަން މަސައްކަތް ކުރުން ކަމަށް ޒުހޫރު ވިދާޅުވި އެވެ. ޒުހޫރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތަރައްގީއަށް ބޭނުންކުރަން ހުރި ފައިސާތައް އެ ފަރާތްތަކުން ހިފަހައްޓައިގެން ހުރެ، ސިޔާސީ މަގްސަދެއް ހާސިލުކޮށް ދީގެން އެ ދަރަނިން ރެކިގެން ތާއަބަދު ނޫޅެވޭނެ އެވެ. އެ ފައިސާ ހޯދަން ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށް ޒުހޫރު ވިދާޅުވި އެވެ.

"ކާޑެއްދޫ އެއާޕޯޓު ވެސް ދައުލަތުން ނެގިން. ނަމަވެސް އެ ނެގީ ސަރުކާރަށް ފިއްތުން ތަކެއް އައިސްގެން ނުވަތަ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ވައްދައިގެން އުޅޭތީކީ ވެސް ނޫން. އޭރުންވެސް ހަމަ ކަން ކުރަން ޖެހޭ އުސޫލުން އެ އެއާޕޯޓުގައި އެއްވެސް ތަރައްގީއެއް ނެތުމުން އެ ދާއިރާގެ ރައްޔިތުން އެކަމާމެދު މައްސަލަ ޖައްސުމުން ސަރުކާރަށް އެ ފިޔަވަޅު އަޅަން ޖެހުނީ. މިހާރު މިކުރަނީ އެފަދަ ކަންކަން އެގޮތަށް ކުރީމަ ސަރުކާރަށް ދަތި ކުރަން ކުރާ މަސައްކަތް. އެހެންވީމަ މިއީ މިދުވަސްކޮޅާ ދިމާކޮށް އަޅަމުންދާ ފިޔަވަޅުތަކެއް ނޫން. މާކުރިންވެސް މިފަދަ ފިޔަވަޅުތައް އަޅުމުން މިދަނީ،" ޒުހޫރު ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ ރިސޯޓެއް ހަދަން ބިން ކުއްޔަށް ނެގުމަށް ފަހު އެތަނަށް ބޭނުންވާ ކުލި ދެއްކުމަކުން އޭގެން ދައުލަތަށް ލިބެން ޖެހޭ ފައިދާއެއް ފުރިހަމަ ގޮތުގައި ނުލިބޭނެ ކަމަށާއި އެތަން ތަރައްގީ ނުކޮށް އޮތުމުން ސަރުކާރަށް ލިބެން ޖެހޭ ޖީއެސްޓީއާއި ބީޕީޓީއެއް ނުލިބޭނެ ކަމަށެވެ. އޭގެ އިތުރުން ސަރުކާރުން ވައުދުވެފައިވާ ވަޒީފާގެ ފުރުސަތުތަކާއި އެ ސަރަހައްދެއްގެ ތަރައްގީގެ މަސައްކަތްތައް ވެސް މެދުކެނޑިފައި އޮންނާނެ ކަމަށް ވިދާޅުވި އެވެ.

އެލާ މައްސަލާގައި މިރާއިން ވިލާ ޝިޕިންއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ވިލާ ގުރޫޕުން ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަމަށެވެ. އަދި ބިމުގެ ކުލީގެ ގޮތުގައި 3.8 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި ޖޫރިމަނާގެ ގޮތުގައި 14.6 މިލިއަން ޑޮލަރާއި އިންޓްރަސްޓް ރޭޓްގެ ގޮތުގައި 226،352 ޑޮލަރު މީރާއަށް ވިލާ ޝިޕިންއިން ދައްކަން ޖެހޭ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ ވަކި ބަޔަކަށް އަމާޒުކޮށްގެން ނުވަތަ ވަކި ބައެއްގެ ނުފޫޒެއް އޮވެގެން ދައުލަތުގެ މުއައްސަސާތަކުން އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށާއި އެ ފަރާތްތައް އަމަލު ކުރައްވަނީ ގާނޫނާ ގަވައިދުތަކުގެ ތެރެއިން ވިޔަފާރިތަކަށް ވެސް ވިސްނައިގެން ކަމަށެވެ. އަދި މިހާތަނަށް 17 ކުންފުންޏެއްގެ އެކައުންޓު ފްރީޒްކޮށްފައިވާ ކަމަށާއި މައްސަލަ ސިޔާސީކޮށްގެން އުޅުއްވަނީ ވަކި ބޭފުޅަކު އަމިއްލަ ފުޅަށް ކަމަށް ވިދާޅުވި އެވެ.