ބޮލީވުޑް

ޝްރަދާއާ ހެދި ފަރްހާން އާއި އަދިތްޔަގެ ޒުވާބެއް

Apr 6, 2017

"އާޝިގީ 2" ރިލީޒްވެ، އެ ފިލްމަށް ލިބުނު ކާމިޔާބީ އާއެކު ފިލްމުގެ ލީޑްރޯލުން ފެނިގެންދިޔަ ޒުވާން ދެތަރިން ކަމަށްވާ އަދިތްޔަ ރޯއި ކަޕޫރާއި ޝްރަދާ ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމުގެ ވާހަކަ އަކީ ބޮލީވުޑްގައި އެންމެ ގަދަޔަށް ހިނގި އެއް ވާހަކަ އެވެ.

މި ދެތަރިންގެ ލޯބީގެ ގުޅުމާ ބެހޭގޮތުން ތަފާތު ވާހަކަތައް ދެކެވުނު ނަމަވެސް އެދެމީހުން ވަނީ އަބަދުވެސް އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"އާޝިގީ 2" ގެ ކާމިޔާބުގެ ވާހަކަ އަށް ވުރެން މިދެތަރިންގެ ޖޯޑު ހިޓްވެ ލޯބިވެރިންގެ ޓެގު އެޅުވެ މީޑިއާ އާއި އާންމުންގެ ސަމާލުކަން ވަނީ ދެތަރިންނަށް ހުއްޓިފަ އެވެ.

ނަމަވެސް މިދިޔަ އަހަރު ޝްރަދާ އެކްޓަރު ފަރްހާން އަޚްތަރާ އެކު "ރޮކް އޮން 2" ކުޅުނު ހިސާބުން އެ ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފަ އެވެ. އަދި ފަރްހާން އާއި އޭނާގެ ކުރީގެ އަންހެނުން އަދޫނާގެ ސޯޅަ އަހަރުވީ ކައިވެނި ނިމުމަކަށް އައީ ވެސް ފަރްހާން އާއި ޝްރަދާގެ މެދުގައި ގާތްގުޅުމެއް އުފެދުމުން ކަމަށް ބުނެވެ އެވެ.

އޭގެފަހުން އަނެއްކާ ވެސް މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަދިތްޔަ އާއި ޝްރަދާގެ އާ ފިލްމު "އޯކޭ ޖާނޫ" ރިލީޒްވުމާއެކު ދެތަރިން އަލުން ގުޅުނު ކަމުގެ ވާހަކަތަކެއް ވަނީ ދެކެވިގެން ގޮސްފަ އެވެ.

ޕްރޮޑަކްޝަން ކުންފުނި، ވިޝޭޝް ފިލްމްސް އަަށް ތިރީސް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޕާޓީގައި ޝްރަދާ އާއި އަދިތްޔަ ވެސް ވަނީ ބައިވެރިވެފަ އެވެ. މިދެތަރިން އެ ޕާޓީގެ ތެރޭގައި ވަރަށް ގާތްކޮށް މިދެތަރިން އުޅުނު ކަމުގެ ހަބަރު ފަރްހާން ކަންފަތާ ހަމައަށް ފޯރުމާއެކު، އެކަމާ ހިތްހަމަ ނުޖެހިގެން ވަނީ އަދިތްޔައާ ޒުވާބުކުރިކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ފަރްހާން އާއި އަދިތްޔަގެ ދެމެދުގައި ޒުވާބެއް ހިނގުމުން ޝްރަދާ ވަނީ ފަރްހާންގެ ގެއަށް ގޮސް އޭނާ ހަމަޔަކަށް އަޅުވަން މަސައްކަތް ވެސް ކޮށްފަ އެވެ.

ޝްރަދާގެ އެންމެފަހުން ރިލީޒްވި ދެ ފިލްމު، "ރޮކް އޮން 2" އާއި "އޯކޭ ޖާނޫ" ވަނީ ފްލޮޕްވެފަ އެވެ. އޭނާގެ ދެން އެންމެ އަވަހަށް ރިލީޒްވާނީ އަންނަ މަހު ނިކުންނަ "ހާފް ގާލްފްރެންޑް" އެވެ.