ބޮލީވުޑް

ކާޖޮލްގެ ބަހުގެ ހަމަލާތަކެއް އަނެއްކާވެސް ކަރަން އަށް

Apr 6, 2017

ވޭތުވެދިޔަ އަހަރު ބޮކްސް އޮފީހުގައި ފެނުނު އެންމެ ބޮޑު އެއް ދެ ފިލްމުގެ ކުރިމަތިލުމާއެކު ޒަމާންވީ ދެ އެކުވެރިއެއްގެ އެކުވެރިކަން ނިމުމަކަށް އައިސްފަ އެވެ.

ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ "އޭ ދިލްހޭ މުޝްކިލް" އާއި ކާޖޮލްގެ ފިރިމީހާ، އެކްޓަރު އަޖޭ ދޭވްގަން އެކްޓްކޮށް، ޑައިރެކްޓް ވެސް ކޮށްފައިވާ "ޝިވާއޭ" އާ ދެ ފިލްމު ބޮކްސް އޮފީހުގައި ކުރިމަތިލާނެކަން އިއުލާންކުރި ހިސާބުން ކަރަން އާއި ކާޖޮލްގެ ދެމެދުގައި ވަނީ މައްސަލަތައް ޖެހެން ފަށާފަ އެވެ. ނަމަވެސް ދެމީހުން ކުޑައިރުން ފެށިގެން އޮތް ޒަމާންވީ އެކުވެރިކަން ނިމުމަކަށް އައީ "ޝިވާއޭ" ބަދުނާމުކޮށް ޓްވީޓްކުރުމަށް ކަރަން ފިލްމު ކްރިޓިކް ކަމާލް އާރް ޚާން ކައިރި ބުނިކަމަށް އޭނާ ބުނާ އޯޑިއޯއެއް ލީކުވި ހިސާބުންނެވެ.

"ޝިވާއޭ" ބަދުނާމުކޮށް، އެ ފިލްމުގެ ވިޔަފާރި އަށް އަސަރުކުރާން ގޮތަށް ޓްވީޓްކުރަން ކަރަން ބުނިކަމަށް ކަމާލް ބުނުމުން ކާޖޮލް ވަނީ ބޮޑު ޝޮކެއް ލިބުނު ކަމަށް ބުނެ ޓްވީޓެއް ކޮށްފަ އެވެ.

ކާޖޮލް އާ ދެމެދު ޖެހުނު މައްސަލަ ހައްލުކުރަން ކަރަން ކުރި މަސައްކަތް ބޭކާރުވި ނަމަވެސް އެކަމާ ގުޅިގެން ދެމީހުންކުރެ އެކަކު ވެސް މިހާތަނަށް މީޑިއާގައި ވާހަކަދައްކާފައެއްނުވެ އެވެ. ނަމަވެސް ކަރަން ވަނީ މި ޖެނުއަރީ މަހުގެ ތެރޭގައި ނެރުނު އޭނާގެ އޮޓޯބަޔޮގްރަފީގައި، ކާޖޮލް އާއި އޭނާގެ އެކުވެރިކަން ނިމުމަކަށް އައި ގޮތާއި ބެހޭގޮތުން ވާހަކަދައްކާފަ އެވެ.

މީގެކުރިން، ކަރަން އާއި ކާޖޮލްގެ އެކުވެރިކަން ނިމުމަކަށް އައި ގޮތާ ބެހޭގޮތުން ނޫސްވެރިން އޭނާ އާއި ސުވާލުކުރުމުން އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ބުނެފައިވާއިރު، އެކަމެއް ހިނގިތާ އެތަކެއް މަހެއް ފަހުން ވަނީ މިވަނީ ބަހުގެ ހަމަލާތަކެއް ކަރަން އަށް އަނެއްކާވެސް ރައްދުކޮށްފަ އެވެ.

ކާޖޮލް ވަނީ ބައެއް މީހުންނަކީ ހަގީގަތް އޮޅުވާލައިގެން ފޮތްތަކާއި ފިލްމުތައް އަދި ރޭޓިން މަތިކުރަން ކޮންމެ ކަމެއް ކުރަން ޖެހުނަސް ފަހަށް ނުޖެހޭނެ ބައެއް ކަމަށް ބުނެފަ އެވެ.

ކަރަންގެ ފޮތުގައި އޭނާ އާއި ކާޖޮލްގެ އެކުވެރިކަން ނިމުމަކަށް އައި ގޮތާއި ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން އެއީ އެދުވަސްކޮޅު އެންމެ ގަދަޔަށް ހިނގި އެއް ވާހަކައަށް ވަނީ ވެގެން ގޮސްފަ އެވެ.

ކަރަން މިހާތަނަށް ޑައިރެކްޓްކޮށްފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރެއިން، "ކުޗްކުޗް ހޯތާހޭ" 'ކަބީ ޚުޝީ ކަބީ ޣަމް" އަދި "މައި ނޭމް އިޒް ޚާން" ފަދަ ފިލްމުތަކުގެ ލީޑްރޯލުން ކާޖޮލް ވަނީ ފެނިގެން ގޮސްފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި ސަރޮޖޭޓް މަންމައެއް މެދުވެރިކޮށް ކަރަން އަށް އެއްމާބަނޑު ދެކުދިން ލިބިފައިވާއިރު، އޭނާ އަށް ކުދިން ލިބުމުން އުފަލުގައި ބޮލީވުޑްގެ ތަރިން މަރުހަބާ ކިޔައި، އެކުދިންނާ ބައްދަލުކުރުމަށް ކަރަންގެ ގެއަށް ގޮސްފައިވާއިރު، އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ކާޖޮލް ވަނީ އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.