ގެރިތަކެއް އެއް ރަށުން އަނެއް ރަށަށް ގެންދަނިކޮށް ހިންދޫންގެ ބަޔަކަށް ފެނިގެން އިންޑިއާގެ މުސްލިމަކު މަރާލައި، ހަތަރު މުސްލިމުން މިވަނީ ޒަހަމްކޮށްލައިފަ އެވެ.
ރާޖަސްތާނުގައި ހިނގި އެހާދިސާގައި ދަނޑިބުރިބުރިންނާއި ދަނގަނޑުން ތަޅައި އަނިޔާކުރުމުން ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް މަރުވީ އުމުރުން 55 އަހަރުގެ ޕެހުލް ޚާން ނަމަކަށް ކިޔާމީހެކެވެ.
ގެރިއަކީ އިންޑިއާގެ ހިންދޫން މުގައްދަސް އެއްޗެއްގެ ގޮތުގަައި ބަލާ ޖަނަވާރެކެވެ. އެހެންވެ އެގައުމުގެ ގިނަ ސްޓޭޓްތަކެއްގައި ގެރި ކަތިލުމާއި ގެރިމަސް ވިއްކުން ވަނީ އެހެންނާ މަނާކޮށްފައި އެހެންނާ އުނދަގޫ ކަމަކަށް ހަދާފައެވެ. ރާޖަސްތާނުގައި އެ ދެކަންތައް ވެސް މަނަލެވެ.
ދިރޭ ގެރި ނުވަތަ ގެރިމަސް އުފުލާތޯ ބަލަން ހިންދޫންގެ ހަރުކަށި މީހުން އިންޑިއާގެ ބައެއް ސްޓޭޓްތަކުގެ ހައިވޭތަކަށް ނުކުމެއެވެ. " ގައުރަކްޝަކް( ގެރި ހިމާޔަތްކުރާ މީހުން)" ގެ ނަމުގައި ހަރަކާތްތެރިވާ އެފަދަ ގްރޫޕްތަކަށް ގެރިއެއް އުފުލާ ކަމަށް ބެލެވޭ ޓްރަކެއް ފެނިއްޖެ ނަމަ ހުއްޓުވައި އޭގައި ތިބޭ ބަޔަަކަށް އަނިޔާކުރެއެވެ. މިފަހަރުގެ ހާދިސާގައި އެފަދަ ގްރޫޕަކުން އަނިޔާކޮށް މަރައިލި ޚާންގެ އާއިލާއިން ބުނީ ޚާންއާއި އޭނާގެ ބައިވެރިން ގެރިތައް ގެންދަން އުޅުނީ ޑައިރީ ފާމަކަށް ކަމަށެވެ. އެމީހުން ގެރިތައް ގެންދިޔައީ ނައަމްސޫފީގެ މައުރަޒެއްގައި ދައްކައިލުމަށް ފަހު ކަމަށް ވެސް އެެއާއިލާއިން ވަނީ ބުނެފައެވެ.
ގެރިތައް އުފުލި ވެހިކަލްތައް އިންޑިއާ ފުލުހުން ވަނީ އަތުލައިގެން ގެންގޮސްފައެވެ. އެމީހުން ދަނީ ގެރި އުފުލި މައްސަލަ ތަހުގީގުކުރަމުންނެވެ. ތަހުގީގުގައި އުޅޭ ރަމޭޝް ޗާންދު ސިންސިންވާރު ބުނީ ގެރިތައް ޚާން މެން ގެރިތައް އުފުލީ ހުއްދަ ނުނަގައި ކަމަށެވެ.
ރާޖަސްތާނުގެ ސަރަހައްދީ ސަރުކާރުގެ ހޯމް މިނިސްޓަރު ގްލާބް ޗާންދު ކަޓާރިއާ ވިދާޅުވެފައި ވަނީ އެހާދިސާގައި ދެފަރާތުގެ ކުށް ވެސް އެބަ އޮތް ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ގެރި "ޓްރެފިކް ކުރުމަކީ" މަނާ ކަމެއްކަން މީހުންނަށް އެނގޭ ކަމަށާއި އެހެން ނަމަވެސް މީހުން އެކަން ކުރާ ކަމަށެވެ. އަދި އެކަހަލަ ކުށްތައް ހުއްޓުވަން "ގައުރަކްޝަކްސް" މަސައްްކަތް ކުރާ ކަމަށް ވިދާޅުވެ، ޚާން މަރައިލި މީހުން ކުރީ ރަނގަޅު ކަމެއް ކަމަށް ދޭހަވާ ގޮތަށް އޭނާ ވަނީ ވާހަކަފުޅު ދަައްކަވާފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ކަމަށް ނަރެންދުރާ މޯދީ ވަޑައިގެންނެވި ފަހުން ހަރުކަށި ހިންދޫން ވަނީ ގެރިމަސް ވިއްކުން އިންޑިއާގައި މުޅިން މަނާ ކުރުމަށް ގޮވާލަން ފަށާފައެވެ. އަދި ގެރި ކަތިލާ މީހުންނާއި ގެރިމަސް ގެންގުޅޭ މީހުންނަށް އަނިޔާކޮށް މެރުން ވަނީ އާއްމު ކަމަކަށް ވެފައެވެ.