އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ އައްސޭރި ފަށަށް މޫދަށް އެރުނު އަންހެން ކުންޖަކަށް މިޔަރެއް ހަމަލާ ދިނުމުން އޭގެ މޫނުމަތީގައި ޖެހުމަށް ފަހު ސަލާމަތްވެއްޖެ އެވެ.
ކެއިޓްލިން ޓެއިލާ ނަމަކަށް ކިޔާ އުމުރުން 17 އަހަރުގެ އެކުއްޖާގެ ފައިގައި މިޔަރު ދަތް އެޅުމުގެ ސަބަބުން ވަރަށް ބޮޑަށް ފަހަން ޖެހޭ ވަރަށް އޭނާގެ ފައިވަނީ ޒަހަމްވެފަ އެވެ. ނަމަވެސް މިޔަރު އޭނާ ދަމައިގަނެގެން ގެންދަން އުޅުނު ވަގުތު އޭގެ މޫނުގައި ބާރަށް ޖެހުމުން މިޔަރު ވަނީ އޭނާ ދޫކޮށް ގޮސްފައި ކަމަށް އޮކަލޫސާ ކައުންޓީ ޝެރިފްގެ އޮފީހާ ހަވާލާދީ ދަ ޓެލެގްރާފް ނޫހުން ބުންޏެވެ.
އަންގާރަ ދުވަހު ހިނގި އެހާދިސާއާ ބެހޭ ގޮތުން ސޯޝަލް މީޑިއާ ޓްވިޓާގައި ޓެއިލާ ބުނެފައި ވަނީ ހަމަލާއަށް ފަހު ގަދަވެ ސަލާމަތުން ހުންނަން ލިބުނު ކަމީ ބޮޑު ނަަސީބެއް ކަމަށެވެ. އަދި އޭނާއަށް އެހީތެރިވެދިން މީހުންނަށް ޝުކުރު އަދާކުރާ ކަމަށާއި އޭނާ ރަނގަޅުވާނެ ކަމަށް ވެސް ޓެއިލާގެ ޓްވީޓްގައި ބުނެފައި ވެއެވެ.
އޭނާގެ އުޚުތު ޕައިޖް ޓެއިލާ ބުނެފައި ވަނީ އެއީ ބިރުވެރި ހާދިސާއެއް ކަމަށާއި އޭނާގެ އުޚުތު ސަލާމަތުން ލިބުނު ކަމީ ނަސީބެއް ކަމަށެވެ. އަދި ބުނެފައި ވަނީ ކެއިޓްލިން ޓެއިލާ އަކީ " ވަރުގަދަ ހަނގުރާމަވެރިއެއް " ކަމަށެވެ.
އޮކަލޫސާ ކައުންޓީ ޝެރިފްގެ އޮފީހުން ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވެފައި ވަނީ ޓެއިލާއާ ދިމާލަށް މިޔަރު އެއީ ކޯމަހެއް ކަމަށް އޭނާ ހީކުރި ކަމަށެވެ.
" އޭނާ ބުނީ މިޔަރު ހިފީ އޭނާގެ ފައިގައި ކަމަށް، އަދި ދަމާ ގެންދިޔަ ކަމަށް، ޓެއިލާއާ ހަވާލާދީ ހާދިސާ ސިފަކޮށްދެއްވަމުން އޮފިޝަލް ވިދާޅުވެފައި ވެއެވެ.