ބޮލީވުޑް

ވިނޯދް ކަންނާ ފެނުނުއިރު ނޭނގޭ ވަރަށް ސިފަ ބަދަލުވެފައި

Apr 7, 2017

ނަވާރަސަތޭކަ ފަސްދޮޅަހުގެ ފަހުކޮޅު ފިލްމީ ދާއިރާ އަށް ތައާރަފުވި ވިނޯދް ކަންނާ އަކީ އޭނާގެ ކެރިއަރުގައި ކުރީކޮޅު ނުބައިބައި ރޯލުތައް ކުޅެގެން މަޝްހޫރުވެ، ހީރޯގެ ރޯލު ކުޅެން ފެށި ތަރިއެކެވެ.

އަށްޑިހަ ދޭކާ ހަމަޔަށް ކާމިޔާބު ފިލްމުތައް ކުޅުމަށްފަހު ވިނޯދް ވަނީ އޭނާ ފޮލޯކުރަމުން އައި ދީނީ ޓީޗަރެއްގެ ސަބަބުން އެވެ ކުއްލި އަކަށް ފަސްވަރަކަށް އަހަރެއްހާ ދުވަހަށް ފިލްމީ ދާއިރާއާ ދުރަށް ގޮސްފަ އެވެ. އޭގެފަހުން އަނެއްކާ ވެސް 1986 ވަނަ އަހަރު ވިނޯދް ފިލްމީ ދާއިރާއަށް އަލުން އެނބުރި އައިސް ވަނީ އެތަކެއް ކާމިޔާބު ފިލްމުތަކަކުން ފެނިގެން ގޮސްފަ އެވެ.

ކާމިޔާބު އެކްޓަރެއްގެ އިތުރުން ވިނޯދަކީ ކާމިޔާބު ސިޔާސީ ލީޑަރެކެވެ. ނަވާރަސަތޭކަ ނުވަދިހަ ހަތްވަނަ އަހަރު ބާރަތްޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) އާ ގުޅި ވަނީ، ގުރްދާސްޕޫރުގެ މަޖިލިސް މެމްބަރު ކަމަށް ވެސް ހޮވިފަ އެވެ. މަޖިލިސް މެމްބަރު ކަމުގެ މިނިސްޓަރުކަން ވެސް އަދާކޮށްފަ އެވެ.

އެންމެފަހުން 2015 އަހަރު ނިކުތް ޝާހްރުކް ޚާން އާއި ކާޖޮލް ލީޑްރޯލުން ފެނިގެންދިޔަ "ދިލްވާލޭ" ގެ މުހިންމި ރޯލަކުން ފެނިގެން ގޮސްފައިވާ ވިނޯދް ވާހަކަ އަނެއްކާވެސް ދެކެވިގެން ގޮސްފައިވަނީ އޭނާގެ ސިއްހީ ހާލަތު ގޯސްވެ، ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ކަމުގެ ހަބަރާއެކު އެވެ. ވިނޯދް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ ޑިހައިޑްރޭޓްވެގެން ކަމަށް އޭނާގެ ދަރިފުޅު ރާހުން ކަންނާ ބުނެފައިވީ ނަމަވެސް އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވިނޯދްގެ ފޮޓޯއަކުން އޭނާގެ ބަލި ހާލަތު ވަރަށް ދެރަކަން އެނގެ އެވެ. އަހަރެއްހާ ދުވަސްވަންދެން މީޑިއާއާ ދުރުގައި އުޅެނިކޮށް އާންމުވި ވިނޯދްގެ ފޮޓޯއިން، އޭނާގެ ސިފަ ބަދަލުވެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް އަނަރޫފަވެފަ އެވެ.

އަނަރޫފަވެ، ހަށިގަނޑުގެ ވަރުދެރަވެފައިވާ ވިނޯދްގެ ފޮޓޯ އާންމުވުމާއެކު ގިނަބަޔަކު ވަނީ އޭނާ ފަރުވާ ހޯދަމުން އަންނަނީ ކެންސަރުގެ ބައްޔަށް ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ގިނަ ސަޕޯޓަރުން އަންނަނީ އިއްޔެއިން ފެށިގެން ދައުރުވަމުން އަންނަ ފޮޓޯގައި ހުރީ ވިނޯދް ކަން ފާހަގަކުރަން ދަތިކަމަށާއި އޭނާ އަށް އަވަސް ޝިފާ އަކަށް އެދިފަ އެވެ. އިއްޔެ އާންމުވި ވިނޯދްގެ ފޮޓޯގައި އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ ބަލި މީހުން ލައި ހެދުން ލައިގެން ހުރިއިރު، އޭނާގެ ގައިގައި ހިފަހައްޓައިގެން ދެވަނަ އަނބިމީހާ ކަވީތާ އާއި ދަރިޔަކު ހުރެ އެވެ.

ވިނޯދް ފަރުވާ ހޯދަމުން އައި އެޗްއެބް ރިލަޔަންސް ފައުންޑޭޝަން އެންޑް ރީސާޗް ސެންޓަރުން ވެސް ވަނީ އޭނާ އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަނީ ކޮން ބައްޔަކާ ގުޅިގެންކަން ވާހަކަދައްކަން ދެކޮޅު ހަދާފަ އެވެ. އޭނާގެ ބައްޔާ ބެހޭގޮތުން ވާހަކަދެއްކުމުގެ ބަދަލުގައި އެ ހޮސްޕިޓަލުން ވަނީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފަ އެވެ.

ވިނޯދަށް ބްލެޑާ ކެންސަރު ޖެހި، އެކަމަށް ފަރުވާ ހޯދަމުން އަންނަކަން އޭނާގެ އާއިލާއިން ބުނަން ބޭނުންނުވި ނަމަވެސް، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ ވަނީ، ގުރްދާސްޕޫރްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ އަށް ކެންސަރު ޖެހި އެބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށާއި އަދި އޭނާގެ ބަލި ވަރަށް ބޮޑުތަން ފަސޭހަވެފައިވާ ކަމަށް ބުނެފަ އެވެ.