ދުނިޔެ

ކެމިކަލް ހަމަލާއާ ގުޅިގެން ޓްރަމްޕްގެ އިންޒާރެއް އަސަދަށް

Apr 6, 2017

ސޫރިޔާގެ އިދުލީބް ޕްރޮވިންސްގައި އަންގާރަދުވަހު ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެގައުމުގެ ރައީސް ބައްޝާރުލް އަސަދާ މެދު ދެކެވަޑައިގަންނަވާ ގޮތް ބަދަލުވެފައިިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އުރުދުންގެ ރަސްގެފާނު ޢަބުދުﷲ ދެވަނަ އާއި އެކު އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގެ ރޯޒް ގާޑަންގައި ބޭއްވި ގުޅިފައިވާ ނޫސްކޮންފަރެންސްގައި ޓްރަމްޕް ވިދާޅުވީ ކެމިކަލް ހަމަލާއަކީ އިންސާނިއްޔަތަށް ހުރި މަލާމާތެއް ކަމަށެވެ.

"... އިއްޔެ ކުޑަކުދިންނަށް ދިން ހަމަލާއިން އަޅުގަނޑަށް ބޮޑު އަސަރެެއް ކުރުވައިފި. ސޫރިޔާއާއި އަސަދާ މެދު އަޅުގަނޑު ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެއްޖެ،" ޓްރަމްޕް ވިދާޅުވިކަމަށް ދަ ގާޑިއަން ނޫހުގެ ރިޕޯޓްގައި ވެއެވެ.

އިދުލީބުގެ ޚާން ޝައިޚޫން ނަމަކަށް ކިޔާ ރަށަށް ދިން އެހަމަލާއަކީ ރަތް ރޮނގު ހުރަސްކުރުން ތޯ ނޫސްވެރިއަކު ދެންނެވުމުން ޓްރަމްޕް ވިދާޅުވީ އެއީ " ގިނަ ރޮނގުތަކެއް ހުރަސްކުރުން" ކަމަށެވެ.

ސޫރިޔާ ސަރުކާރާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅައި، އަސަދު ވެރިކަމުން ދުރުކުރަން މަސައްކަތް ކުރައްވާނަންތޯ ސުވާލު ދެންނެވުމުން ޓްރަމްޕް ވިދާޅުވެފައި ވަނީ ކަމެއް ކުރާނެ ގޮތް ވިދާޅުނުވާނެ ކަމަށެވެ. އަދި އަސްކަރީ ގޮތުން އެމެރިކާ ސަރުކާރުގެ މިސްރާބު ހުރި ގޮތާއި ކުރާނެ ކަންތައް ކިޔައިދެއްވަން ބޭނުންވެވަޑައި ނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ހުއްޓުވަން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ އޮބާމާއަށް ވެސް ފާޑުވިދާޅުވެފައެވެ.

އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކި ހާލޭ ވަނީ ކެމިކަލް ހަމަލާއާ ގުޅިގެން ރަޝިޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ހަމަލާގެ ޒިންމާއިން ރަޝިޔާއަށް ބަރީއަ ނުވެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އެހަމަލާއިން ދޭހަވަނީ ރަޝިޔާއާއި އީރާނާއި އަސަދުވެސް ސުލްހައަށް އެއްވެސް ޝައުގުވެރިކަމެއް ނެތްކަން ކަމަށެވެ.

ސޫރިޔާގެ އިދުލީބު ޕްރޮވިންސްގެ ޚާން ޝައިޚޫން އަށް އަންގާރަދުވަހު ހެނދުނު ދިން ކެމިކަލް ހަމަލާގައި މަރުވިމީހުންގެ އަދަދު މިހާރު ވަނީ 70 އަށް އަރާފައެވެ. އެހަމަލާފައި 500 އަށް ވުރެ ގިނަ މީހުން ޒަހަމްވެސް ވިއެވެ. ކުރީ ފަހަރު ތަކެކޭ އެއްގޮތަށް އެހަމަލާގެ ޒިންމާއިން ވެސް އަސަދުގެ ސަރުކާރު ވަނީ ރެކިގަނެފައެވެ. އެހަމަލާއަކީ ވެރިރަށް ދިމިޝްގުގެ ކައިރީގައިވާ ޣޫތާގައި 2013 ވަނަ އަހަރު ދިން ގޭސް ހަމަލާގެ ފަހުން ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާ އެވެ. ކުރީ ފަހަރުގެ ހަމަލާގައި އެތައް ސަތޭކަ އާއްމުންނެެއް މަރުވި އެވެ.