ދުނިޔެ

ދޮގު ވާހަކަ ރިމޫވް ނުކުރާ ސޯޝަލް މީޑިއާތައް ޖޫރިމަނާ ކުރަނީ

Apr 7, 2017

ރުޅިވެރިކަން އުފެދޭ ގޮތަށް ދައްކާ ވާހަކަތަކާއި ދޮގު ހަބަރުތައް އަވަހަށް ރިމޫވް ނުކުރާ ނަމަ ސޯޝަލް ނެޓްވޯކްތައް 53 މިލިޔަން ޑޮލަރުން ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނެއް ހަދަން ޖަރުމަނު ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

އަލްޖަޒީރާ ބުނީ އެގާނޫނުގެ ޑްރާފްޓް ޖަރުމަނު ސަރުކާރުން މިހާރު ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި ބުނީ ޖަރުމަނު ސަރުކާރުން ބުދަ ދުވަހު އެ ފިޔަވަޅު އެޅީ ދޮގު ހަބަރާއި ރުޅިވެރިކަމުގެ ބަސްތައް، ހާއްސަކޮށް ނަސްލީ ތަފާތުކުރުމާއި ރެފިއުޖީންނާ ބެހޭ ގޮތުން ދައްކާ ވާހަކަ ތަކުގެ ސަބަބުން އިންތިހާބުގެ ދުވަސްވަރު ރައްޔިތުންގެ ވިސްނުން ބަދަލުވެދާނެކަމުގެ ބިރު ހީވާތީ ކަމަށެވެ.

ގާނޫނުގެ ޑްރާފްޓާ ބެހޭ ގޮތުން ދެއްވި ބަޔާނެއްގައި ޖަރުމަނުގެ ޖަސްޓިސް މިނިސްޓަރު ހެއިކޯ މާސް ވިދާޅުވެފައި ވަނީ މަގުމަތީގައި ކުށްވެރި އުތުރި އެރުންތަކަށް ޖާގަ ނުދޭ ފަދައިން ސޯޝަލް މީޑިއާގައި ވެސް އެ ޖާގަ ދީގެން ނުވާނެ ކަމަށެވެ.

" އަޅުގަނޑުމެންގެ ކުރިއަރަމުން އަންނަ ޑިމޮކްރަސީގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ބޮޑު އަހައްމިޔަތެއް އޮންނަ ކަމާ މެދު އޮޅުމެއް ނެތް. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިމޭނެ ޖިނާއީ ގާނޫނު ފެށޭ ހިސާބުން،" މާސް ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ އެފަދަ ގާނޫނެއް މުޅި ޔޫރަޕަށް ތައާރަފްކުރަން މަސައްކަތްކުރައްވާނެ ކަަމަށެވެ.

މާސް ވިދާޅުވެފައި ވަނީ ފޭސްބުކް އިން ޑިލީޓްކޮށްފައި ވަނީ ކުށްވެރި ޕޯސްޓްތަކުގެ 39 ޕަސެންޓް ކަމަށާއި ޓްވިޓާއިން ޑިލީޓްކޮށްފައި ވަނީ އެންމެ އެއް ޕަސެންޓް ކަމަށެވެ.

ޖަރުމަނު ސަރުކާރުން ތައާރަފްކުރަން އުޅޭ ގާނޫނުގެ ސަބަބުން ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭނެ ކަމަށް ނޫސްވެރިންނާއި ޑިޖިޓަލް ކޮމްޕެނީ ތަކުން ވަނީ ބުނަން ފަށާފައެވެ.

ފޭސްބުކްގެ ފަރާތުން އަލްޖަޒީރާއާ ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ ގާނޫނާ ހިލާފު ތަކެތި ރިމޫކް ކުރަން އެކުންފުނިން ބުރަކޮށް މަސައްކަތްކުރާ ކަމަށާއި އެހެން ނަމަވެސް ގާނޫނުގެ ޑްރާފްޓާ މެދު ކަންބޮޑުވާ ކަމަށެވެ. ޖަރުމަނުގެ 29 މިލިޔަން މީހުން ފޭސްބުކް ބޭނުން ކުރެއެވެ.

ޓްވިޓާއި ހިންގާ ކުންފުނީގެ އޮފިޝަލުން ވަނީ ޖަރުމަނު ސަރުކާރުގެ ފިޔަވަޅާ މެދު އެއްޗެއް ބުނަން ދެކޮޅު ހަދާފައެވެ. ނަމަވެސް ގާނޫނާ ހިލާފު ވާަހަކަތައް ފެތުރުން ހުއްޓުވަން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އެ ނެޓްވޯކުން ވަނީ ބުނެފައެވެ.