ބޮލީވުޑް

ސިދާތްގެ އިސްތަށިގަނޑާ ހެދި "ރީލޯޑް" ގެ ލަވައެއް ނުނެގިފައި

Apr 7, 2017

ދެހާސް ސާދަވަނަ އަހަރު ނިކުތް ކާމިޔާބު ފިލްމު "ބޭންގް ބޭންގް" ގެ ކާމިޔާބީ އާއެކު މި ސިލްސިލާގެ ދެވަނަ ފިލްމެއް އުފައްދަން ނިންމައި ވަނީ މިހާރު އާ ފިލްމުގެ ޝޫޓިން ވެސް ނިންމާފަ އެވެ.

ޒުވާން ދެތަރިން ކަމަށްވާ ސިދާތް މަލްހޯތުރާ އާއި ޖެކްއަލީން ފާނެންޑޭޒް ލީޑްރޯލުން ފެނިގެންދާ "ރީލޯޑް" ނަމަކަށް ކިޔާ އެ ފިލްމުގެ ޝޫޓިން ފެބްރުއަރީ މަހުގެ ތެރޭގައި ނިންމާލައި ވަނީ "އިއްތިފާގް" ގެ ރީމޭކްގެ ޝޫޓިން ފަށާފަ އެވެ.

"އިއްތިފާގް" ގެ ޝޫޓިން ފެށިއިރު، "ރީލޯޑެޑް" ގެ ޕްރޮމޯޝަނަލް ލަވައެއްގެ މަންޒަރު އޮތީ ނުނެގި އެވެ. އަދި "އިއްތިފާގް" ކުޅެން ވެގެން ސިދާތް ވަނީ އޭނާގެ އިސްތަށިގަނޑު ކޮށާާފަ އެވެ. މި ފިލްމުގެ ޝޫޓިން ނިމޭނެ ކަމަށް ލަފާކުރެވެނީ ޖޫން ހިސާބުގައި ކަމަށްވުމުން، ފިލްމުގެ ޝުޓިން ނިމުމުން ނޫނީ އަލުން އަނބުރާ އޭނާގެ އިސްތަށިގަނޑު ދިގުކުރެވޭކަށް ނެތެވެ.

އަލުން "ރީލޯޑް" ކުޅުނުއިރު އިސްތަށިގަނޑާއި ސިފަ ހުރި ގޮތްތަށް އަނބުރާ އައިސްގެން ނޫނީ އެ ލަވަ ޝޫޓްކުރެވެން ނެތުމުން ފިލްމުގެ ޑައިރެކްޓަރުން ކަމަށްވާ ރާޖް ނިދިމޮރޫ އާިއ ކްރިޝްނާ ޑީކޭ ވަނީ ޖޫން މަހުގެ ތެރޭގައި އެ ލަވައިގެ މަންޒަރުތައް ނެގުން ލަސްކޮށްފަ އެވެ.

މުމްބައިގެ ސްޓޫޑިއޯއެއްގައި މި ލަވައިގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާއިރު، ލަވައިގެ މަންޒަރުތައް ނަގައި ނިމޭނެ ކަމަށްވަނީ ދެތިން ދުވަހުން ކަމަށްވެ އެވެ. އަދި "ރީލޯޑެޑް" ގެ ޝޫޓިން ނިންމާލައި، ޖެކްއަލީން ވެސް ސުޝާންތް ސިންގް ރާޖްޕުތާ އެކު ކުޅޭ ފިލްމު "ޑްރައިވް" އަށް އަންނަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން ސީދާ އެ ފިލްމުގެ ޕްރޮމޯޝަނަލް ލަވަ ނެގޭނެ ދުވަހެއް އިނގޭނީ ޖެކްއަލީން ވެސް އެހެނިހެން ފިލްމުތަކުގެ މަސައްކަތްތަކުން ފްރީ ވުމުންނެވެ.

ސިދާތްގެ ފިލްމަކަށް އެންމެފަހުން ރިލީޒްވި ފިލްމަކީ މިދިޔަ އަހަރު ނިކުތް "ބާރް ބާރް ދޭކޯ" އެވެ. އެ ފިލްމު ފްލޮޕެވާއިރު، މިއަހަރު އޭނާގެ ދެ ފިލްމެއް ރިލީޒްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ "ރީލޯޑެޑް" އާއި "އިއްތިފާގް" އެވެ.