ބޮލީވުޑް

ގައުމީ ސަލާމް އުނިކޮށް "ޑަންގާލް" ޕާކިސްތާނުގައި އަޅުވަން އާމިރު ދެކޮޅު

Apr 7, 2017

އަވަށްޓެރި އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި ޖެހުނު މައްސަލަތަކަށްފަހު، ޕާކިސްތާނުގައި ހިންދީ ފިލްމުތައް ދެއްކުން މަނާކުރު ކުރުން އުވާލައި މިއަހަރުގެ ކުރީކޮޅުން ފެށިގެން ވަނީ އަލުން އެ ގައުމުގައި ހިންދީ ފިލްމުތައް ދައްކަން ފަށާފަ އެވެ.

ހިންދީ ފިލްމުތައް ދެއްކުން މަނާކޮށް، ކޮށްފައި އޮތް އޮތުން ހުއްޓުމަކަށް ގެނައުމާއެކު އެގައުމުގެ ޑިސްޓްރިބިއުޓަރުން އަލުން ވަނީ ހިންދީ ފިލްމުތައް ސިނަމާތަކުގައި ދެއްކުމަށް އަތުކުރި އޮޅާލާފަ އެވެ. އެގޮތުން އެންމެފުރަތަމަ ވެސް ޑިސްޓްރިބިއުޓަރުން ބޭނުންވީ ހންދީ ސިނަމާގެ މިހާތަނަށް ނިކުތް އެންމެ ކާމިޔާބު ފިލްމު "ޑަންގާލް" ރިލީޒްކުރާށެވެ.

ސުޕަސްޓާ އާމިރް ޚާން ލީޑްރޯލު ކުޅެ، ޕްރޮޑިއުސް ވެސް ކޮށްފައިވާ މި ފިލްމު ޕާކިސްތާނުގައި ރިލީޒްކުރުމަށްޓަކައި އެގައުމުގެ ސެންސަރު ބޯޑުން ބެލުމަށްފަހު ވަނީ އެ ފިލްމުގައި އިންޑިއާގެ ދިދަ ދައްކާ މަންޒަރަކާއި އިންޑިއާގެ ގައުމީ ސަލާމް އަޑުއިވޭ މަންޒަރު އުނިކުރުމަށްފަހު ފިލްމު ދެއްކޭނެ ކަމަށް ނިންމާފަ އެވެ.

"ޑަންގާލް" ޕާކިސްތާނުގައި އެ ދެ މަންޒަރު އުނިކުރުމަށްފަހު ދެއްކޭނެ ކަމަށް ނިންމި ނަމަވެސް މި ނިންމުމަކީ އާމިރް މާ ގަޔާވި ނިންމުމެއް ނޫނެވެ.

ޕާކިސްތާނުގެ ސެންސަރު ބޯޑުން އުނިކުރަން އެންގި ދެ މަންޒަރާ މެދު ހިތްހަމަނުޖެހިގެން އާމިރް ވަނީ އެ ފިލްމަކީ އެއްވެސް ސިފައެއްގައި ގައުމަށްޓަކައި ފިދާވުން ނުވަތަ ގުރުބާންވާ މަންޒަރު ދައްކާ ފިލްމެއް ނޫން ކަމަށާއި "ޑަންގާލް" އަކީ ކުޅިވަރު ޝަހުސިއްޔަތެއްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެއް ކަމަށް ބުނެފަ އެވެ.

" މި ފިލްމަކީ ކުޅިވަރަށް ބިނާކޮށް އުފައްދާފައިވާ ބައޮޕިކެއް. އެއްވެސް ގޮތަށް މި ފިލްމުގައި ޕާކިސްތާނާ ދެކޮޅު މަންޒަރެއް ނުވަތަ މެސެޖެއް ވެސް ދޭ އެއްވެސް މަންޒަރެއް ވެސް ނުހިމެނޭނެ." ޕާކިސްތާނުގެ ސެންސަރު ބޯޑުން އިންޑިއާގެ ދިދަ އާއި ގައުމީ ސަލާމް އުނިކުރަން އެދުމުން ޝޮކެއް ލިބުނު ކަމަށް ބުނެ އާމިރް ބުނެފައިވެ އެވެ.

އިންޑިއާގެ ގައުމީ ރޫހު ފެނިގެންދާ އެއްވެސް މަންޒަރެއް އުނިކުރަން އާމިރް ދެކޮޅު ހަދައި ވަނީ އެއިން އެއްވެސް މަންޒަރެއް އުނިކޮށް އެ ގައުމުގައި އެ ފިލްމު ނާޅުވާން ނިންމާފަ އެވެ.

ހިންދީ ފިލްމުތަކަށް އިންޑިއާ އަށް ފަހު ގައުމަކަށް އެންމެ ބޮޑު އާމްދަނީ ލިބޭ ގައުމަކީ ޕާކިސްތާނަށް ވިޔަސް ފިލްމުގެ ވިޔަފާރި ބޮޑުކުރުމުގެ ގޮތުން ގައުމަށް އުނިކަމެއް ލިބޭނެ އެއްވެސް ކަމެއް އާމިރް ކުރާކަށް ބޭނުމެއްނުވެ އެވެ. އިތުރަށް އާމިރް ވަނީ އޭނާގެ މި ނިންމުމާ ގުޅިގެން އެ ފިލްމުގެ ވަގު ކޮޕީ ޕާކިސްތާނުގެ ސިނަމާތަކުގައި ދެއްކުމަކީ ވަރަށް ގާތްކަމެއް ކަމަށް ވެސް ބުނެފަ އެވެ.

ޕާކިސްތާނުގައި ފިލްމު ނޭޅުވުމުން ގާތްގަނޑަަށް 10-12 ވަރަށް ކްރޯޑުގެ އާމްދަނީއެއް ފިލްމަށް މަދުވިޔަސް ވެސް އިންޑިއާއިން އެކަނި 385 ކްރޯޑާއި ބޭރު ދުނިޔޭގެ އެހެން ގައުމުތަކުގައި ފިލްމު ދައްކައިގެން މިހާތަނަށް 500 ކްރޯޑަށް ވުރެން ގިނައިން ލިބިގެން ވަނީ އެންމެ ބޮޑު އާޟްދަނީއެއް ލިބުނު ހިންދީ ފިލްމުގެ ރެކޯޑް މުގުރާލާފަ އެވެ.

މިފަހުން އާމިރް ވަނީ މި ފިލްމުގެ ރައިޓްސް 20 ކްރޯޑަށް ނެޓްފްލިކްސް އަށް ވިއްކާލާފަ އެވެ.