އޮމާންގައި ކުރިއަށްދާ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގެ ގުރޫޕް އޭގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ކުޅުނު ތިން ވަނަ މެޗުގައި ރޭ އިރާގުގެ 23 އަހަރުން ދަށުގެ ޓީމު އަތުން 7-1 އިން ރާއްޖެ ބަލިވެއްޖެ އެވެ.
މި މެޗުގެ ކުރީކޮޅު އިރާގް އިން ލަނޑެއް ލީޑު ނެގި ނަމަވެސް، މެޗުގެ 28 ވަނަ މިނިޓުގައި ރާއްޖޭގެ ފޯވަޑް ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް އިރާގަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ.
އިރާގް އިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން ވަރުގަދަކޮށް، ރާއްޖެ ކޮޅަށް އިތުރު ފަސް ލަނޑު ޖަަހައިފަ އެވެ.
މި ގުރޫޕްގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެ، ރާއްޖެ އޮތީ ގުރޫޕްގެ ފުލުގަ އެވެ. ރާއްޖެ އަށް އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު މިހާރު ވަނީ ގެއްލިފަ އެވެ.
ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މާދަމާ ނުކުންނާނީ އޮމާންއާ ދެކޮޅަށެވެ.