ހަބަރު

"އިދިކޮޅުގައި އިހުލާސްތެރިކަމެއް ނެތް، މިއީ އިންތިހާބަށް ޖަހާ ބެރެއް"

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް ހައްޔަރު ކުރުމާއެކު އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެގެން އެ ހިންގާ ހަރަކާތްތަކަކީ އެއްވެސް ކަހަލަ އިހުލާސްތެރިކަމެއް ހުރެގެން ހިންގާ ހަރަކާތްތަކެއް ނޫން ކަމަށާއި އެއީ 2018ގެ އިންތިހާބަށް ޖަހާ "ބެރެއް" ކަމަށް މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާން މިރޭ ވިދާޅުވެއްޖެ އެވެ.

ޗެނަލް 13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިނާން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށްވެސް މުހިންމީ ގާސިމް ނޫން ކަމަށާއި އެމަނިކުފާނުވެސް މަސައްކަތް ކުރަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކަމަށެވެ. ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ގާސިމް އިބްރާހިމް ހައްޔަރު ކުރި ކަމަށާއި ނަމަވެސް އެކަމާ ދެކޮޅަށް ސީދާ ހަރަކާތަށް އެއްވެސް ބަޔަކު ނުނުކުންނަ ކަމަށެވެ. އަދި ރޭގައި ގާސިމް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަން ސިނާނު ފާހަގަ ކުރެއްވި އެވެ.

"މީހަކު އަދި ހައްޔަރު ކުރިއަސް ސީދާ ހަރަކާތަށް ނުކުންނާކަށް ނުޖެހޭ،" ސިނާނު ވިދާޅުވި އެވެ.

ސިނާނު ވިދާޅުވީ އިހުލާސްތެރިކަމެއް ނެތި ހިންގާ ހަރަކާތްތައް ރިޔާސީ އިންތިހާބުގެ ކުރިން ނިމި އެފަރާތްތަކުން "ކަރުގައި ހިފާނެ" ކަމަށެވެ. ގާސިމް ހައްޔަރުކުރި ކުރުމުން އެމްޑީޕީން ފައިދާ ނަގައިގެން ސިޔާސީ ބޭނުމެއް ހާސިލް ކުރަން އުޅޭ ކަމަށް ސިނާނު ވިދާޅުވި އެވެ.

ސިނާނު ވަނީ އިދިކޮޅު ފަރާތްތަކުން ގާސިމަށް ހެޔޮ ނޭދޭކަން ތަކުރާރުކޮށް ފާހަގަކުރައްވާފަ އެވެ.

"މިހާރު އިދިކޮޅު ފަރާތްތަކުގެ އެއްވެސް މަސައްކަތެއް ނުހިނގާ. އެބަ އިނގޭ ސިޔާސީ ބޭފުޅުން އެކި ތަންތާގައި ތިބެގެން ހަދާ ކަލްކިއުލޭޝަން. މިއަށް ބެލީމަ އެބަ ފެނޭ 2018 ގައި އެންމެ ފަސޭހައިން އޮތީ މިދިމާލުގައި މިސާލަކަށް ގާސިމް އިބްރާހީމް ބަންދެއްގައި ހުންނެވީމާ އެ ސިމްޕަތީއާ އެދޭތެރެއަށް އެބޭފުޅުންގެ ސިޔާސި ހަރަކާތްތައް މިދޭތެރެއަށް ފައްތައިގަތުން. މީދޯ މިކުރާ ކަމަކީ. މީގެން ކޮންބައެއްތޯ ގާސިމް އަށް ހެޔޮ އެދިގެން އުޅެނީ." ސިނާނު ވިދާޅުވި އެވެ.

ސިނާންގެ ވާހަކައިގައި ގާސިމް އިބްރާހީމް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓުނަގަން ކުޑަތަން ވެފައި ވަނިކޮށް މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވުމާއި މަޖިލީހުގެ ނައިބު ރައީސްގެ ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމާއި ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވާ އިރު ސިނާނު ވިދާޅުވީ އިސްލާހަށް މަސައްކަތް ކުރައްވާ ނަމަ އެފަދަ ގޮތަކަށް މަސައްކަތް ނުކުރާނެ ކަމަށެވެ.

"އިހުލާސްތެރިކަމާއެކު މަސައްކަތްތަކެއް ކުރާނަމަ އަޅުގަނޑަށް ވިސްނޭ ގޮތުގައި އެކަންތައް ވިސްނައިދޭން ޖެހެނީ. އެއާ ހިލާފަށް އެކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެންނަށް މި އިވެނީ ތުންތުންމަތިން ބައެެއް މެމްބަރުންނަށް ފައިސާ ދޭ ވާހަކަ. ބައެއް މެމްބަރުންނަށް ފައިސާ ދަބަސް ހިފައިން ދާ ވާހަކަ. މިކަހަލަ ވާހަކަތަކެއްވެސް އެބަ އިވޭ. އިހުލާސްތެރި މަސައްކަތެއް ކުރައްވާ ކަމުގައި ވެއްޖެއްޔާ މިއެއް ނޫން އަންނަންވާނެ ގޮތަކީ. މިއެއް ނޫން ހިޔާރު ކުރަން ޖެހޭ މަގަކީ." ސިނާން ވިދާޅުވި އެވެ.

ސިނާން ވިދާޅުވީ އެފަދަ އިސްލާހު ތަކަކީ ވަގުތީ އިސްލާހުތަކެއް ކަމަށާއި އެކަން މާދަމާވެސް ބަދަލުވެގެން ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.