ފިނިޕޭޖް

އަސަރުގަދަ ހުށަހެޅުންތަކުން އެންމެން ރޮއްވާލައިފި

Apr 8, 2017

މޯލްޑިވިއަން އައިޑޮލްގެ މި ސީޒަނުގެ އެންމެ ވާދަވެރި ޝޯއަށް ވެގެންދާނެ އެވެ. ދެރައީ މިވެނި ބައިވެރިއެއްގެ ލަވައޭ ބުނާނެ ހަމަ އެއްވެސް ލަވައެއް ރޭގައި ނެތެވެ. ހަމަގައިމުވެސް ރޭގެ ޝޯއަކީ ޖަޖުންނަށްވެސް ޖަޖު ކުރަން އުނދަގޫ ޝޯއަކަށް ވެގެންދާނެ ކަން ޔަގީނެވެ.

ގެސްޓު ޖަޖެއްގެ ގޮތުގައު ރޭގެ ޝޯގައި ބައިވެރިވީ ޝޯގެ ޖަޖު މަރިޔަމް އުނޫޝާގެ މަންމަ އަދި ކުރީގެ ލަވަ ކިޔުންތެރިޔާ ޝަފީގާ އެވެ. ރޭގެ ޝޯގައި ބައިވެރިން ލަވަ ހުށަހަޅައިދިނީ އެކުދިންގެ ބެލެނިވެރިންނަށް ހާއްސަކޮށެވެ. ހުރިހާ ކުދިންވެސް ހުށަހަޅައިދިނީ އެކުދިންގެ މަންމަ އަށް ރީތި އަދި މަންމަ އަށް ހާއްސަ ލަވަ އެވެ. ޝަމްވީލްގެ ލަވަ މަންމަ އާއި ބައްޕަ އާ ދެމީހުންނަށް ހާއްސަ ކުރި އެވެ.

އަހްމަދު ނަބީލްގެ މަންމަ ފާތުމަތު ޒޫނާ ކިޔާފައިވާ "އަބަދު ކަލާ ތިދޭ އުފާ" އަކީ ޒޫނާ އަށް ވަރަށް ހާއްސަ ލަވަ އެކެވެ. އެހެން ކަމުން ޒޫނާ އަށް ހާއްސަކޮށް ނަބީލް ރޭގައި ކީ އެލަވަ އެވެ. ކުޑައިރު ނިންދަވަން މަންމަ އެންމެ ގިނައިން ކިޔައިދޭ ލަވަ ކަމަށްވާ "ހުވަފެން ދެކޭނީ" އަހްމަދު ފަރަޝް ހާއްސަކޮށްލީ މަންމަ އަށެވެ. ޝޯގެ އެންމެ އިމޯޝަނަލް ކުއްޖާގެ ގޮތުގައި ސިފަ ކުރެވޭ ފަރަޝްގެ މި ލަވައިގައި އެހާ އަސަރު ނެތްކަން ތިން ޖަޖުން ވަނީ ފާހަގަކޮށްފަ އެވެ.

ތިން ވަނަ އަށް ރޭ ލަވަ ހުށަހަޅައިދިނީ އިބްރާހީމް ވަހީދު (ބޮޑުބެ) އެވެ. ބޮޑުބެގެ ލަވަވެސް މަންމަ އަށް ހާއްސަ އެވެ. ހުށަހަޅައިދިނީ މަންމަ އަށް އެންމެ ރީތި ލަވަ އެވެ. އެއީ "ވަކިވެ ދިޔަޔަސް" އެވެ. ހަމޫދު އަހްމަދު ހުށަހަޅައިދިން "ތުއްތު މޫނާ" އަކީ ހަމޫދު ދެ ސުޕަހީރޯ ކަމަށްވާ މަންމަ އާއި މަންމަ އަށް ކިޔާލަދިން ލަވަ އެކެވެ. މިދެ ބައިވެރިންނަށްވެސް ޖަޖުންގެ ފަރާތުން ޕޮޒިޓިވް ކޮމެންޓްތަކެއް ލިބުނެވެ. ޝަފީގާވެސް ވަނީ ހަމޫދުގެ ކިބައިގައި ލަވަ ކިޔާއިރު ހުންނަ ކޮންފިޑެންސް ފާހަގަކޮށްފަ އެވެ.

މުހައްމަދު ތަސްނީމް (ބޮބް) އަދި އައިޝަތު ޖައިޝާވެސް ހުށަހަޅައިދިނީ މަންމަ އަށް އެންމެ ރީތި ލަވަތަކެވެ. "ލޯބީގެ މި އާލަމްގާ" ބޮބް ހުށަހަޅައިދިން އިރު ޖައިޝަ ހުށަހަޅައިދިނީ "އަދު މިހާލާތު" އެވެ. މަންމަ އަށް ހާއްސަކޮށް އަބްދުﷲ ހިޝާން "ނުދާށޭ އެކަނިވެރިކޮށްފާ" ހުށަހަޅައިދިން އިރު ޝަމްވީލް މުހައްމަދު "ދޭށޭ އޯގާ" ހުށަހަޅައިދިނީ މަންމަ އާއި ބައްޕައަށް ހާއްސަކޮށެވެ.

ކިތަންމެ އުނދަގޫ ނަމަވެސް ރޭގެ ޝޯއަށް ޖަޖުން މާކްސް ދީފި އެވެ. ބައިވެރިން މުބާރާތުގައި ބެހެއްޓުމާއި ވަކިކުރުން މިހާރު އޮތީ ތިބޭފުޅުންގެ އަތްމަތީގަ އެވެ. ޖަޖުންގެ މާކްސް އާއި ބެލުންތެރިންގެ އެސްއެމްއެސް އަށް ބަލާފައި އެންމެ ފަށުން މާކްސް ލިބޭ ދެ ބައިވެރިން މިރޭ މުބާރާތާއި ވަކިވާނެ އެވެ. ފެވަރިޓް ބައިވެރިޔާއަށް އަވަހަށް އެސްއެމްއެސް ކުރާށެވެ. ތިނެއް ޖެހުމާއެކު ފުރުސަތު ބަންދުވާނެ އެވެ.