ފިނިޕޭޖް

"ވަކިން ލޯބިން"ގެ ޓީމު އަވަދިނެތި ކެއުމުގައި

އާ ފިލްމެއް އިއުލާނުކޮށް ފިލްމުގެ ފޭސްބުކް ޕޭޖު ހަދާ ހިސާބުން ފެށިގެން ދިވެހި ފިލްމުތަކަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކުން އެ ޕޭޖު ފޮލޯ ކުރެ އެވެ. ޕޭޖަށް އާ ފޮޓޯއެއް، ފިލްމުން މަންޒަރެއް ފެންނާނެ ކަމަށް އުންމީދުކޮށް ރެޔާ ދުވާލު އެ ޕޭޖަށް ކަޅި އަޅަ އެވެ. ނުވިތާކަށް ފިލްމީ ތަރިންނާއި އެ ފިލްމެއްގައި ހިމެނޭ ކްރޫގެ ހުރިހާ އެންމެންވެސް ފޭސްބުކް އިން "އެޑް"ކޮށް ބަރާބަރަށް ފޮލޯ ކުރަމުންދެ އެވެ.

އެ ގޮތުގެ މަތިން ޑާކްރެއިން އެންޓަޓެއިންމަންޓުގެ "ވަކިނ ލޯބިން"ގެ ޓީމު ފޮލޯ ކުރަމުން ދިޔައިރު ފާހަގަވި ކަމެއް އެބަ އޮތެވެ. އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމް އިން ޕޯސްޓުކުރި ގިނަ ފޮޓޯތަކުގައި ޓީމު މުޅިންވެސް އުޅެނީ ކެއުމުގަ އެވެ. ދުވަސް ފެށުމާއެކު ޝޫޓިން ފަށާ ގޮތަށް ބަރާބަރަށް ކެއުމުގެ ބުރުތައްވެސް ކުރިއަށްދެ އެވެ. ހާއްސަކޮށް ކޮންމެ ދުވަހެއްގެވެސް މެންދުރުގެ ކެއުމެވެ. އެންމެ ބުރަ ޝެޑިއުލްގައި އުޅުނު ނަމަވެސް ބަރާބަރަށް ކާން ޖެހޭނެ އެވެ. ރަނގަޅަށް މަސައްކަތް ކުރެވޭނީވެސް ރަނގަޅަށް ކައިގެންނެވެ.

މަސައްކަތުގެ ބުރަ ބަހަނާއަކަށް ހަދާފައި ދުވަހުގެ ކެއުން ފަސްކޮށްލާ މީހުން މިއީ ނަމޫނާ އެކެވެ. ފިލްމެއްގެ މަސައްކަތަކީވެސް ލުއި މަސައްކަތެއް ނޫނެވެ. އޮމާނަކްމާއެކީ އެއްވެސް ކޫރުމެއް ނެތި ސްކްރީނާ ހިސާބަށް އަންނަނީ ބައެއްގެ ބުރަ މަސައްކަތުންނެވެ. ފިލްމުތަކުގެ މަސައްކަތް ނިމޭއިރު ތަރިން ކުޑަކޮށް ނަމަވެސް ފަލަވާ ކަމަށް ބައެއް ތަރިން ބުނެ އެވެ. އޭގެ ސިއްރު މިއޮއް އެނގެނީ އެވެ.

ވަކިން ލޯބިންގެ ޝޫޓިން ފަށާފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ. ޝޫޓިން ކުރިއަށް ގެންދަނީ މާ ހަލުވި ސްޕީޑެއްގައިވެސް ނޫނެވެ. އެކަމަކު މާ ލަސްލަހުންނެއްވެސް ނޫނެވެ. ފިލްމު އެޅުވުމާ ދޭތެރޭ ފުދޭ ވަރަކަށް ދުވަސް އޮތުމާއެކު ވަރަށް ހަމަޖެހިގެންނެވެ.

"ފިލްމުގެ ޝޫޓިން އަނެއްހެން ބުނަންޏާ އަދި ފެށުނީ ކިރިޔާ، ކުޑަކުދިން ގޮވައިގެން ޝޫޓު ކުރާތީ އެހާ ބާރަށް ކުރިއަށް ނުގެންދެވޭ، އެކުދިންގެ ޓައިމާއި މޫޑަށްވެސް ބަލަން ޖެހޭނެތާ،" ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ.

ވަކިން ލޯބިންގެ މަންޒަރުތައް ނަގަމުންދަނީ ތްރީ ސައުންޑުކޮށެވެ. މޮގާބުނީ އޭރުން ފިލްމު އެޑިޓްކުރާއިރުވެސް "ނެޗުރަލް ސައުންޑު" ބޭނުންކޮށް ޑަބް ކުރަން ނުޖެހޭނެ ކަމަށެވެ. އެހެން ކަމުން އިތުރު ވަގުތުތަކެއް ސަލާމަތްވެ ފިލްމު އިތުރަށް ފުރިހަމަވެސް ވާނެ ކަމަށެވެ.

ވަކިން ލޯބިން ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް ފަހެއްގަ އެވެ. އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލް އެވެ. އަދި އިބްރާހިމް އަމާން އަދި ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އޮފީސް ޑްރާމާ މުބާރާތުން ފިލްމީ ދާއިރާއަށް ތައާރަފްވި އައިމިނަތު ޖުލީސާ (ޖުލީ) ވެސް ފެނިގެންދާނެ އެވެ. ކުޑަކުއްޖެއްގެ ރޯލުން ކުރީގެ ފިލްމީތަރި ހަދީޖާ އިބްރާހިމް (ކުޑަ ހައްޖަ)ގެ ދަރިފުޅު ޝުއާ ޝާނީޒް ފެނިގެންދާނެ އެވެ.

މި ފިލްމުގައިވެސް އަމިއްލަ ރާގުގެ ރީތި ލަވަތަކެއް ހިމެނޭނެ އެވެ. އޭގެ ތެރެއިން އެއް ލަވަ މިހާރު ވަނީ އާންމުނަށް ދޫކޮށްލާފަ އެވެ. އެއީ ފަތޯގެ "ބީވީމަ" އެވެ. މި ފިލްމުން މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ރަނާރަޕް ހަމޫދު އިބްރާހީމްގެ އަޑުން ލަވައެއް އިވޭނެ އެވެ. އެއީ "ހިތުގެ ނަށާ ރާނީ" އެ ލަވަ އެވެ.

މީގެ އިތުރުން އަންނަ އަހަރުގެ އޭޕްރިލް މަހުގެ ފަހެއްގައި ޑާކްރެއިންގެ "ގޮށްރާޅު"ވެސް ރިލީޒްކުރާނެ އެވެ. ވަކިން ލޯބިންގެ ޝޫޓިން ނިންމާލުމަށްފަގު އެ ފިލްމުގެ މަސައްކަތް ފަށާނެ އެވެ.