ދުނިޔެ

ވިޔަފާރީގެ މަޝްވަރާތަކަށް ޓްރަމްޕާއި ޝީ ވައުދުވެވަޑައިގެންފި

Apr 8, 2017

ދުނިޔޭގެ އެންމެ ބޮޑު ދެ އިގުތިސާދީ ބާރު ކަމަށްވާ ޗައިނާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ މަޝްވަރާތައް ކުރިއަށް ގެންދަން ދެގައުމުގެ ރައީސުން ވައުދުވެވަޑައިގެންފިއެވެ.

ޗައިނާގެ ރައީސް ޝީޖިންޕިން އެމެރިކާއަށް ކުރެއްވި ދެދުވަހުގެ ރަސްމީ ދަތުރުުފުޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އާ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ބައްދަލުކުރެއްވީ ފްލޮރިޑާ ސްޓޭޓްގެ ޕާމްބީޗްގައި ޓްރަމްޕްގެ އަމިއްލަ ފުޅު އެސްޓޭޓް މާރް އަ ލާގޯގައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން އެ ބައްދަލުވުންތައް ސިފަކުރެއްވީ ވަރަށް އެކުވެރި، ވަރަށް ބިނާކުރަނިވި ބައްދަލުވުންތަކެއްގެ ގޮތުގައެވެ. އެމެރިކާގެ ބައްދަލުވުންތަކުގައި ޓްރަމްޕާއި ޝީ އެއްބަސްވެވަޑައިގެންފައި ވަނީ އެމެރިކާއާއި ޗައިނާއާއި ދެމެދު ވިޔަފާރީގެ މަޝްވަރާތައް ކުރިއަށް ގެންގޮސް 100 ދުވަސް ތެރޭގައި އެ މަޝްވަރާަތަކުން ކުރިއެރުމެއް ހޯދުަމަށެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން ބުނީ ޓްރަޕްމާއި ޝީގެ ބައްދަލުކުރެއްވުމުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ޗައިނާއާއި އެމެރިކާއާއި ދެމެދު ގުޅުން ބަދަހިކުރުމާއި އުތުރުކޮރެއާގެ ނިއުކްލިއަ މައްސަލައެވެ.

ބައްދަލުވުމާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓިލާސަން ވިދާޅުވީ ޗައިނާގެ މަސައްކަތްތެރިންނާއި އެމެރިކާގެ މަސައްކަތްތެރިން ވާދަ ކުރުމަށް ހަމަަހަމަ ފުރުސަތު ހޯދައި ދޭން ޗައިނާގެ އިގުތިސާދަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ޝީގެ އަރިހުގައި ޓްރަމްޕް ވިދާޅުވި ކަމަށެވެ.

"ޗައިނާގެ އިގުތިސާދަށް އެގައުމުގެ ސަރުކާރުން ނުފޫޒު ފޯރުވާތީ ކުރިމަތިވާ ގޮންޖެހުންތައް ރައީސް ޓްރަމްޕް ފާހަގަކުރެއްވި. އަދި އެކަމުގައި ހުރި ސީރިއަސް ކަންބޮޑުވުންތައް ފާޅުކުރެއްވި،" ޓިލާސަަން ވިދާޅުވި ކަމަށް ސީއެންއެންގެ ހަބަރުގައި ވެއެވެ.

އުތުރުކޮރެއާއިން އުފައްދާ ބިރުވެރިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވަން ވެސް ޓްރަމްޕާއި ޝީ އެއްބަސްވެވަޑައިގެންނެވި ކަމަށް ޓިލާސަން ވިދާޅުވިއވެެ.


ޓްރަމްޕާއި ޝީޖިންޕިންގެ ބައްދަލުވުންތައް ކުރިއަށް ދިޔައީ ރަނގަށް ކަަމަށް ޓިލާސަން ވިދާޅުވި ނަމަވެސް އެބައްދަލުމާ ދިމާކޮށް، އެމެރިކާއިން ސޫރިޔާ ސަރުކާރުގެ އަމާޒުތަކަށް ދިން ހަމަލާގެ ހިޔަނި އެ ބައްދަލުވުމަށް އެޅޭނެ ކަމަށް ވަނީ ބެލެވިފައެވެ. އެހެނީ ސޫރިޔާ ހަނގުރާމައިގައި ޗައިނާއިން އަރާފައި ވަނީ ރަޝިޔާ ފަޅިއަށެވެ. ރަޝިޔާއަކީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ދަމަހައްޓަން އެންމެ ބޮޑަށް މަސައްކަތްކުރާ ގައުމެވެ.