ބޮލީވުޑް

އަކްޝޭ އަށް ފުރަތަމަ ފަހަރަށް ނެޝަނަލް އެވޯޑެއް!

Apr 9, 2017

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރަށް ފުރަތަމަ ފަހަރަށް ނެޝަނަލް އެވޯޑް، ފިލްމު "ރުސްތޮމް" ގައި އޭނާ ކުޅުނު ރޯލުން ލިބިއްޖެ އެވެ.

އިންޑިއާގެ 64 ވަނަ ގައުމީ ފިލްމު އެވޯޑު ލިބޭ ފަރާތްތަކުގެ ނަންތައް ހުކުރު ދުވަހު އާންމުކޮށްފައިވާއިރު، އެންމެ މޮޅު އެކްޓަރުގެ އެވޯޑް އަކްޝޭ އަށް ލިބުނުއިރު، ހައިޖެކްކުރި މަތިންދާ ބޯޓު ފޭންއޭއެމްގައި ތިބި ޕަސިންޖަރުން ސަލާމްތްކުރުމުގެ ތެރޭގައި މަރުވި ކެބިންކްރޫ ނީރްޖާ ބެނޮތްގެ، އެ ހާދިސާގެ މައްޗަށް އުފެއްދި ފިލްމުގައި އޭނާގެ ރޯލު ވަރަށް ފުރިހަމަ އަށް އަދާކުރި ބަތަލާ ސޯނަމް ކަޕޫރަށް "ނީރްޖާ" އިން ވަނީ ހާއްސަ އެވޯޑެއް ލިބިގެން ގޮސްފަ އެވެ.

ފަންސަވީސް އަހަރުގެ ފިލްމީ ކެރިއަރުގައި ސަތޭކައަށް ވުރެން ގިނަ ފިލްމު ކުޅެފައިވާ އަކްޝޭ އަށް ލިބުނު ފުރަތަމަ ނެޝަނަލް އެވޯޑާ އެކު އުފަލުން ހުރެ ވަނީ އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އަކްޝޭ އަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބޭކަން އިއުލާންކުރުމާއެކު އޭނާގެ ފޭނުންނާއި ބޮލީވުޑްގެ ގިނަ ފަރާތްތަކުން އަންނަނީ އޭނާ އަށް މަރުހަބާ ކިޔައި، "ރުސްތޮމް" ގައި އޭނާ ދައްކުވައިދީފައިވާ މޮޅު އެކްޓިން އަށް ނެޝަނަލް އެވޯޑެއް ލިބުން ހައްގު ކަމަށް ބުނަމުންނެވެ.

ނަނާވަތީގެ ކޭސްގެ މައްޗަށް ބިނާކޮށް މިދިޔަ އަހަރު ނެރުނު "ރުސްތޮމް" އިން އަކްޝޭ އަށް ނެޝަނަލް އެވޯޑް ލިބޭކަން އިއުލާންކުރުމާއެކު އެންމެ އުފާވި އެކަކީ އޭނާގެ އަންހެނުން އަދި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާ އެވެ. އަކްޝޭ އަށް ނެޝަނަލް އެވޯޑެއް ނުލިބޭތީ އޭނާ އަށް އަންހެނުން ވަރަށް ދިމާކުރާ ކަމަށް އަކްޝޭ މީގެކުރިން ދީފައިވާ އިންޓަވިއު ތަކުގައި ވަނީ ބުނެފަ އެވެ.

ޓްވިންކަލް ކުރި ޓްވީޓެއްގައި ވަނީ އަކްޝޭ އަށް ނެޝަނަލް އެވޯޑް ލިބޭތީ އޭނާ އަށް އުފަލުން ރޮވުނު ކަމަށާއި އަކްޝޭގެ ކާމިޔާބީއާ މެދު އޭނާ ފަހުރުވެރިވާ ކަމަށެވެ.

އަކްޝޭ އަށް އެންމ މޮޅު އެކްޓަރުގެ އެވޯޑް ލިބުނުއިރު، އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް "މިންނާމިނުންގެ" ބަތަލާގެ ރޯލު ކުޅެގެން ލިބިފައިވަނީ މަލްޔާލަމް އެކްޓަރު ސުރާބީ ލަކްޝްމީ އަށެވެ.

އެންމެ މޮޅު ފިލްމަކަށް ސޯނަމް ލީޑްރޯލު ކުޅެފައިވާ "ނީރްޖާ" ހޮވުނުއިރު، އިޖްތިމާއި މައްސަލަތަކުުގެ މައްޗަށް އަލިއަޅުވާލައިގެން އުފެއްދި އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ މެގަސްޓާ އަމީތާބް ބައްޗަން އާއި ތަޕައްސީ ޕާނޫގެ "ޕިންކް" އެވެ. އަދި އެންމެ މޮޅު ޑައިރެކްޓަރަށް ހޮވިފައިވަނީ "ވެންޓިލޭޓަރު" ގެ ޑައިރެކްޓަރު ރާޖޭޝް މަޕޫސްކަރް އެވެ. އެ ފިލްމަކީ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. އެ ފިލްމަށް ވަނީ އެންމެ މޮޅު އިޑިޓިންގެ އެވޯޑް ވެސް ލިބިގެން ގޮސްފަ އެވެ.

މީގެ އިތުރުން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ލިބިފައިވަނީ "ޑަންގާލް" ގައި ގީތާ ޕޮގަތް ކުޑައިރުގެ ރޯލުން ފެނިގެންދިޔަ ޒާއިރާ ވަސީމް އަށެވެ.