ދުނިޔެ

ލަންކާ ސިފައިންގެ އަތްދަށުގައި ހުރި އާއްމުންގެ ބިންތައް ދޫކޮށްލައިފި

ސްރީލަންކާގެ ޖަފްނާގައިވާ އާއްމުންގެ ބިންތަކެއް އެގައުމުގެ ސިފައިންގެ ބާރުގެ ދަށުގައި އޮންނަތާ 27 އަހަރު ވީ ފަހުން އެބިންތަކުގެ ވެރިންނާ އެތަންތަން ހަވާލުކޮށްފި އެވެ.

ޖަފްނާގެ ވަލިގަމަމް ނަމަކަށް ކިޔާ ސަރަހައްދުގައި ސިފައިންގެ އަތްދަށުގައި ހުރި ބިންތަކުގެ ތެރެއިން ހުކުރު ދުވަހު އެބިންތަކުގެ ވެރިންނާ ހަވާލުކުރީ 28.8 އޭކަރުގެ ބިމެވެ. އެބިންތައް ސިފައިން ދޫކޮށްލިކަން އިއުލާން ކުރެއްވީ އެ ސިޓީއާ ހަވާލުވެވަޑައިގެންނެވީ ޖަފްނާ ޑިސްޓްރިކްޓް ސެކްރެޓަރީ ވެންޑަނަޔަގަން އެވެ. ލަންކާ ސިފައިންގެ ފަރާތުން ވެންޑަނަޔަގަން އާ އެސިޓީ ހަވާލުކޮށްދެއްވީ ޖަފްނާ ސެކިއުރިޓީ ފޯސަސް ކޮމާންޑަރް މޭޖާ ޖެނެރަލް ދަރުޝަނާ ހެއްޓިއަރައްޗީ އެވެ.

ޖަފްނާގެ 400 އާއިލާއެއްގެ މިލްކިއްޔާތުގެ ގޮތުގައި އޮތް އެ 28.8 އޭކަރުގެ ބިން ލަންކާ ސިފައިންގެ ބާރުގެ ދަށަށް ގެންދިޔައީ 1990 ވަަނަ އަހަރުއެވެ. ބިންތަކުގެ ވެރިން އެބިންތަކަށް ވަންނަން 27 އަހަރު ފަހުން ފުރުސަތު ދިނީ ހުކުރުދުވަހުއެވެ. ބިންތަކުގެ ވެރިން އެތަނަށް ވަދެ ބެލި އިރު ގިނަ ގޯތިތައް އޮތީ ހުސްކޮށެވެ. ގެތައް ތަޅާލައި، ފެންވަޅުތައް ވެސް ވަނީ ބައްދާލާފައެވެ.

" މިހާރު ކޮން ގޯއްޗެއް ނިސްބަތް ވަނީ ކޮން އާއިލާއަކަށް ކަން ދެނެގަތުމުގެ އުނދަގޫ މަސައްކަތް މިހާރު އަހަރެމެންނަށް މިއޮތީ،" ވެންޑަނަޔަގަން ސަންޑޭ ޓައިމްސް ނޫހަށް ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ އާއްމުންގެ ބިންތަކުގެ ތެރެއިން 5250 އޭކަރުގެ ބިން ސިފައިންގެ ބާރުގެ ދަށުގައި އަދިވެސް އެބަ އޮތް ކަމަށެވެ. އެ ބިންތަކުގެ ތެރެއިން 4500 އޭކަރުގެ ބިމަކީ ވަލިގަމަމް ސަރަހައްދުގައިވާ ބިންތައް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ލަންކާގެ އުތުރުގައިވާ ޖަފްނާ ޕެނިންސިއުލާއަކީ ލަންކާ ސަރުކާރާ ދެކޮޅަށް 30 އަހަރު ހަނގުރާމަކުރި ތަމަޅައިންގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ)ގެ ނުފޫޒު ކުރިން ވަރަށް ބޮޑަށް އޮތް ސަރަހައްދެކެވެ. ލަންކާ ސިފައިން ކުރި ވަރުގަދަ ހަނގުރާމައެއްގައި ތަމަޅައިން މުޅިން ބަލިވީ 2009 ވަނަ އަހަރުއެވެ. އެހަނގުރާމައިގައި ތަމަޅައިންގެ އާއްމުންނާ ދެކޮޅަށް ލަންކާ ސިފައިން އިންސާނިއްޔަތާ ޚިލާފު ގިނަ ޖަރީމާތަކެއް ހިންގި ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތު ކުރެއެވެ.