ދުނިޔެ

އެމެރިކާއިން ދެކޮރެއާ ކައިރިއަށް މަނަވަރުތައް ފޮނުވައިފި

Apr 9, 2017

އުތުރުކޮރެއާއިން މިސައިލް ޓެސްޓްތަކެއް ކުރުމުން ، އެގައުމާ ދެކޮޅަށް ފިޔަވަޅު އަޅާފާނެ ކަމުގެ އިންޒާރުދިންތާ ގިނަ ދުވަސްތަކެއް ނުވަނީ އެމެރިކާއިން ކޮރެއަން ޕެނިންސިއުލާގެ ކައިރިއަށް މަނަވަރުތަކެއް ފޮނުވައިފިއެވެ.

ބީބީސީ ބުނީ އެމެރިކާއިން ފޮނުވީ ހަނގުރާމަތީ މަތިންދާބޯޓްތައް އުފުލާ މަނަވަރު ޔޫއެސްއެސް ކާލް ވިންސަންއާއި ދެ ގައިޑެޑް މިސައިލް ޑެސްޓްރޯޔާއާއި ގައިޑެޑް މިސައިލް ކްރޫޒާއެއް ކަމަށެވެ. އެމެރިކާގެ ޕެސިފިކް ކޮމާންޑުން ބުނެފައި ވަނީ އެމަނަވަރުތައް ފޮނުވީ " ސަރަހައްދުގައި ތައްޔާރީތައް ދެމެހެއްޓުމަށް" ކަމަށެވެ.

އުތުރުކޮރެއާއިން މިސައިލްތައް ޓެސްޓްކޮށް، ސަރަހައްދުގައި ބިރުވެރިކަން އުފައްދާ މައްސަލަ ހައްލު ކުރުމަށް ޗައިނާގެ އެހީތެރިކަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވިދާޅުވިއެވެ. ނަމަވެސް ފަހުން ވިދާޅުވީ އެމެރިކާއިން އެކަނި ނަމަވެސް އުތުރުކޮރެއާއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަަމަށެވެ.

" ސަރަހައްދުގައިވާ އެންމެ ބޮޑު ނުރައްކަލަކީ އުތުރުކޮރެއާ، އެއީ އެގައުމުން ބެލުމެއް ނެތި ، ޒިންމާދާރުކަމެއް ނެތި ހަމަޖެހުން ގެއްލޭ ގޮތަށް ހިންމާ މިސައިލް ޓެސްޓް ކުރުމުގެ ޕްރޮގްރާމާ ނިއުކްލިއަ ހަތިޔާރު ގެންގުޅުމުގެ ސަބަބުން، " އެމެރިކާގެ ޕެސިފިކް ކޮމާންޑްގެ ތަރުޖަމާނު ޑޭވް ބެންހަމް ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައި ވެެއެވެ.