ހަބަރު

ދެ ފަނޑިޔާރަކު ވަކިކުރަންޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ވަކީލުންތަކެއް ހައި ކޯޓަށް

Dec 14, 2014

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމުގެ ގޮތުން އެ ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަންޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ގާނޫނީ ވަކީލުންތަކެއް ހައި ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ވަކީލް ޝާހީން ހަމީދާއި އިތުރު ދެ ވަކީލެއްގެ ނަމުގައި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅި އެ މައްސަލައިގައި އެދިފައިވަނީ ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަންޖެހޭ ގޮތަށް ގާނޫނަށް ގެނައި އެ އިސްލާހު ބާތިލްކޮށް ދިނުމަށެވެ.

ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން މިހާތަނަށް ގޮތެއް ނުނިންމާ ކަމަށްވެ އެވެ.

އެ އިސްލާހުގެ ދަށުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ފަނޑިޔާރު މުއުތަސިމް ފަނޑިޔާރުކަމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން މިއަދު މަޖިލީހުން ތައްޔާރުވަމުންދާއިރު ގާނޫނީ ގިނަ ބޭފުޅުން ދަނީ އެއީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށް ބުނަމުންނެވެ.

ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ވޯޓާ އެކު ކޯޓުތަކުގެ ގާނޫނަށް ގެނައި އެ އިސްލާހުގެ ދަށުން ފާއިޒާއި މުއުތަސިމް ވަކިކުރަން އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވަން ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމި މައްސަލަ އެމްޑީޕީން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެކަން އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ކަށަވަރުކޮށްދެއްވި ނަމަވެސް އިތުރު ތަފްސީލެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ކޯޓުތަކުގެ ގާނޫނަށް ގެނައި އެ އިސްލާހަކީ ގާނޫނު އަސާސީއާ ޚިލާފް އިސްލާހެއް ކަމަށް ސިވިލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ވަނީ ނިންމައި، ގަރާރެއް ނެރެފަ އެވެ.