ދުނިޔެ

ޗައިނާގެ ރައީސަށް ލަވަކިޔައިދިނީ ޓްރަމްޕްގެ ކާފަދަރިން

Apr 9, 2017

ޗައިނާގެ ރައީސް ޝީޖިންޕިން ބުދަ ދުވަހު އެމެރިކާއަށް ވަޑައިގެންނެވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ދައުވަތަކަށެވެ. އެ ދަތުރުފުޅުގައި ޓްރަމްޕް ޝީއާ ދެފަހަރު މަތިން ބައްދަލުކުރެއްވީ ފްލޮރިޑާ ސްޓޭޓްގެ ޕާމްބީޗްގައިވާ ޓްރަމްޕްގެ އަމިއްލަފުޅު އެސްޓޭޓް މާރާލާގޯގައެވެ.

އިގުތިސާދީ ގުޅުން ބަދަހިކުރުމާއި އުތުރުކޮރެއާގެ މައްސަލަ ފަދަ ސީރިއަސް މައްސަލަތަކާއި މެދު ޓްރަމްޕާއި ޝީ މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ބައްދަލުވުން ތަކުގެ އިތުރުން މާރާލާގޯގައި ޝީއަށް ޓަކައި ތަންކޮޅެއް ލުއި ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ހިނގި އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ޓްރަމްޕްގެ ކާފަ ދަރިކަނބަލުން ޝީޖިންޕިއަން އަށް ލަވާ ވިދާޅުވެދެއްވުމެވެ. ޓްރަމްޕް ރައީސް ކަމުގެ މަގާމަށް ވަޑައިގެންނެވުމާއި އެކު ސަރުކާރުގެ މަގާމެއް ދެއްވާފައިވާ ދަރިކަނބަލުން އިވަންކާ ޓްރަމްޕާއި އެޑްވައިޒަރެއްގެ ސަރުކާރުގައި ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައި ހުންނެވި ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ ދަރިކަނބަލުން ޝީ ޖިންޕިންއަށް ކިއުއްވައި ދެއްވީ ޗައިނާގެ ސަގާފީ ލަވައެކެވެ.

ސީއެން އެއިން ސިފަކުރާ ގޮތުގައި ޓްރަމްޕް އިންތިޒާމް ކުރެއްވި އެ ކަމަކީ އޭނާއަކީ އާއިލާއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއްކަން ދެއްކެވުމަށް ކުރެއްވި ކަމަކެވެ.

އެމެރިކާއަށް ރަސްމީ ދަތުރުފުޅުތައް ކުރައްވާ ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާ ތަނަކީ މާރާ ލާގޯ ކަމަށް ހައްދަވައިގެން ޓްރަމްޕް އުޅުއްވާތީ އެމެރިކާގެ އިދިކޮޅު ފަރާތްތަކުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ޓްރަމްޕާއި ޝީގެ ބައްދަލުވުމުގައި ދެބޭފުޅުން އެއްބަސްވެވަޑައިގެންފައި ވަނީ ޗައިނާއާ އެމެރިކާއާ ދެމެދު ވިޔަފާރި ކުރުމުގައި ދެގައުމަށް ފައިދާ ހުރި ގޮތަކަށް ކަންތައްތައް ބައްޓަށް ކުރުމަށް މަޝްވަރާތައް ބޭއްުވުމަށެވެ.

ޓްރަމްޕް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ޝީ ވަނީ ދައުވަތު ދެއްވާފައެވެ. އެ ދައުވަތު ގަބޫލުކުރައްވާ ޓްރަމްޕް މިއަހަރުގެ ތެރޭގައި ޗައިނާއަށް ވަޑައިގަންނަވާނެކަން ވަނީ އިއުލާންކުރައްވާފައެވެ.