ހަބަރު

އިދިކޮޅުގައި އިހްލާސްތެރިކަމެއް ނެތް، މަޝްވަރާއަށް ނާންނާނެ: ޝައިނީ

  • ބޭނުންވަނީ ޖަލުގައި ތިބި ބަޔަކު ސަލާމަތް ކުރަން
  • މަޝްވަރާއަށް ދިން ދައުވަތައް އިޖާބައެއް ނުދޭ
  • ބޭރުގެ މަންދޫބުން ބައިވެރި ކުރަން ތައްޔާރު

އިދިކޮޅު ސިޔާސީ ޕާޓީތަކުން އިހްލާސްތެރިކަމާއެކު ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ސަރުކާރާއެކު މަޝްވަރާ ކުރަން ވެސް ނާންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަދި ޕާޓީ ޓޯކްސްގައި ސަރުކާރު ފަރާތުން އިސްކޮށް ހުންނެވި މަންދޫބު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

"އަވަސް"އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝައިނީ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް އަންނަން ޖެހޭނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިންނާއި އެންމެން ގަބޫލު ކުރާ ހަމަތަކަކާ އެއްގޮތަށް ހުންނަ މައްސަލަތައް ހިފައިގެން ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އެއްވެސް އިދިކޮޅު ޕާޓީއަކުން ސަރުކާރު ތެރޭގައި ހުރި މައްސަލައެއް ރަސްމީކޮށް ހުށަހަޅާ އެކަން ހައްލު ކުރުމަށް މަސައްކަތްކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ. އޭގެ ބަދަލުގައި އިދިކޮޅު ފަރާތްތަަކުން އަބަދުވެސް މަސައްކަތް ކުރަނީ ޖަލުގައި ތިބި ވަކި ބަޔަކު މިނިވަންކޮށް އަމިއްލަ މަންފާތަކެއް ހޯދަން ކަމަށް ޝައިނީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ އިދިކޮޅު ފަރާތްތަކުން ޕާޓީ ޓޯކްސްއަށް ނާންނާނެ ކަން. މި އުޅޭނީ ރާއްޖޭގައި ހުރި މައްސަލައެއް ރަނގަޅު ކުރާކަށް ނޫން. މިއީ ހަމަ ސިޔާސީ ގޮތުން ވަކި ބަޔަކު ޖަލުން ނެރެން ވެގެން ނުވަތަ އެ މީހުންގެ އަމިއްލަ މަންފާއަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރަން ކުރާ ކަމެއް. އެހެންވެ މަޝްވަރާ ނުކުރެވޭ ކިޔާގެން ރައްޔިތުންގެ ލޮލުގަ އަނދުން އެ އަޅުވަނީ،" ޝައިނީ ވިދާޅުވި އެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހު އަނެއްކާ ވެސް ހަލަބޮލިވުމާ އެކު އދ އިން ވެސް ގޮވާލާފައި ވަނީ ހުރިހާ ސިޔާސީ ޕާޓީތައް އެކަުގައި އިށީދެ މަޝްވަރާކޮށްގެން ކަންކަމަށް ހައްލު ހޯދުމަށެވެ.

ޝައިނީ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން ނެރެ އިންތިހާބަށް ކުރިމަތިލެވޭ ގޮތަށް ހަދާނަމަ އެމަނިކުފާނާއެކު ޓެރަރިޒަމްގެ ކުށްކޮށްފައި ތިބި އެންމެނަށް ވެސް އެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އެ ނޫނީ ދެން ކުރަން ޖެހޭ ކަމަކީ ހުރިހާ ޕާޓީތަކެއް ގުޅިގެން ރައީސް ނަޝީދަށް 2018 ގައި ބައިވެރިވެވޭނެ ކަމަށް ގާނޫނު އަސާސީއަށް މާއްދާއެއް އިތުރުކުރުން ކަމަށް ޝައިނީ ވިދާޅުވި އެވެ.

"ޕާޓީ ޓޯކްސް ތެރެއިން ޖަލުގައި ތިބި ބަޔަކަށް ހައްލެއް ލިބޭނެ ކަމެއް ނޭނގެ. ރައީސް އަބްދުﷲ ޔާމީން ވެސް ވިދާޅުވަނީ އެމަނިކުފާނަކަށް ވެސް ގާނޫނުގެ ތެރެއިން ޖަލުގައި ތިބި އެ ފަރާތްތައް ބޭރު ކުރެވޭކަށް ދެން ކޮށްދެވޭނެ ކަމެއް ނެތްކަން،" ޝައިނީ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރައްވާ ރާއްޖޭގެ ސިޔާސީ މަޝްވަހު އަމާން ކުރުމަށް ބޭރުގެ އެކި ފަރާތްތަކުން ގޮވާލަމުން އަންނަ އިރު ސަރުކާރުން ދާދި ފަހުން ވެސް ވަނީ މަޝްވަރާތަކަށް ހުޅުވާލާފައިވާ ކަން އިއުލާން ކުރައްވާފަ އެވެ. ނަމަވެސް އިދިކޮޅު އެއްވެސް ފަރާތެއް ރަސްމީ ޖަވާބެއް ނުވަތަ ލިޔުމެއް ސަރުކާރަށް މިހާތަނަށް ލިބިފައި ނެތް ކަމަށް ޝައިނީ ވިދާޅުވި އެވެ. ޝައިނީ އިތުރަށް ވިދާޅުވީ މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ބޭރުގެ މަންދޫބުންގެ އެހީ ހޯދުމުގެ މަސައްކަތް އަދި މިހާތަނަށްކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މަޝަވަރާގެ މޭޒަށް އައުމުން ބޭރުގެ ފަރާތްތައް ވެސް ހިމަނައިގެން މަޝްވަރާ ކުރިޔަށް ގެންދާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.