ދުނިޔެ

ޓްރިވެންޑްރަމްގައި އެއް އާއިލާއެއްގެ ހަތަރުމީހުން މަރާލާފައި އޮއްވައި ފެނިއްޖެ

Apr 9, 2017

އިންޑިއާގެ ކެރެލާ ސްޓޭޓްގެ ވެރިރަށް ތުރިވަނަންތަޕޫރަމް( ޓްރިވެންޑްރަމް)ގެ ގެއެއްގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރުމީހުން މަރާލާފައި އޮއްވައި ފެނިއްޖެއެވެ.

ދަ ހިންދޫ ނޫހުން ބުނީ މަރާލާފައިވާ ހަތަރުމީހުންގެ ހަށިގަނޑު ރޭ ފަތިހު ފެނިފައި ވަނީ ތިރުވަނަންތަޕޫރަމްގެ ނަންތެންކޯޑް ނަމަކަށް ކިޔާ ސަރަހައްދުގައި ހުރި ގެއެއްގެ ތެރެއިން ކަމަށެވެ.

ކެރެލާ ފުލުހުން ބުނީ މަރާލާފައިވަނިކޮށް ފެނުނު މީހުންނަކީ ރާޖަތަންކަމް ނަމަކަށް ކިޔާ ރިޓަޔާކޮށްފައިވާ ޕްރޮފެސަރަކާއި މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އޭނާގެ އަންހެނުން ސީ ޖީން ޕަދުމާއާއި އެމީހުންގެ އަންހެން ދަރިފުޅު ކެރޮލިންއާއި ތިމާގެމީހެއް ކަމަށްވާ ލަލީތާ ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އޭގެ ތެރެއިން ތިން މީހުންގެ ހަށިގަނޑު އަންދާލާފައި އޮތް އިރު ހަތަރުވަނަ މީހާގެ ހަށިގަނޑު އޮތީ ކޮށާލާފައި ކޮތަޅަކަށް އަޅާފައި ކަމަށް ކެރެލާ ފުލުހުންނާ ހަވާލާދީ ނޫހުން ބުންޏެވެ. އެ ހަށިތައް ފެނުނު އިރު ހުރީ ކުނިވާން ފަށާފައި ކަމަށް ވާތީ އެމީހުން މަރުވެފައި ވަނީ ދެދުވަހެއް ކުރިން ކަމަށް ވަނީ ބެލެވިފައެވެ.

ހަށިތައް ފެނުނީ އެގެއިން ދުން އަރާތީ އަލިފާން ނިވާމީހުންނާއި ފުލުހުން އެގެއަށް ދިއުމުންނެވެ.

އެ މައްސަލައިގެ ތުހުމަތަށް ފުލުހުން ހޯދަން ފަށާފައި ވަނީ މަރުވި ދެމަފިރިންގެ ފިރިހެން ދަރިފުޅެވެ. ކެޑާލް ނަމަކަށް ކިޔާ އެމީހާ ފިލައިގެން އުޅޭތީ ތިރުވަނަންތަޕޫރަމްގެ އާޕޯޓާއި ރެއިލްވޭ ސްޓޭޝަންގައި ފުލުހުން ވަނީ އޭނާއަށް ފާރަލާން ފަށާފައެވެ.