ބޮލީވުޑް

އާމިރް އާއި ރަޖްނިކާންތް ކުރިމަތިލުމަކަށް

Apr 10, 2017
1

މިއަހަރު ބޮކްސް އޮފީހުގައި އެންމެ ބޮޑު ކުރިމަތިލުމަކަށް ވާނީ ޖެނުއަރީ މަހުގައި ރިލީޒްކުރި ޝާހްރުކް ޚާން ރައީސް" އާއި ރިތިކް ރޯޝަންގެ "ގާބިލް" ކަމަށް ކުރިން ހީކުރެވުނަސް، ކުރިއަށް އެއަށްވުރެން ބޮޑު ދެ ފިލްމެއްގެ ކުރިމަތިލުން އެބައޮތެވެ.

އެއީ ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ފިލްމުގެ ރެކޯޑް ހަދާފައިވާ އާމިރް ޚާންގެ "ސުޕަސްޓާ" އާއި ތަމަޅަ ސުޕަސްޓާ ރަޖްނިކާންތްގެ މެގަ ފިލްމު "2.0" އެވެ.

ކުރިން އާމިރްގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން އުފައްދާ "ސުޕަސްޓާ" އޮގަސްޓް މަހުގެ ތެރޭގައި ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް އިންޑިއާގައި ފާހަގަކުރާ ފެސްޓިވަލެއް ކަމަށްވާ ދިވާލީއާ ދިމާކޮށް ރިލީޒްކުރަން ނިންމާފައިވާ ކަމަށް ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ ބުނެފަ އެވެ.

އާމިރްގެ ގާތްއެކުވެރިޔާ އަދްވައިތް ޗަންދަން ޑައިރެކްޓްކުރާ މި ފިލްމުގައި އޭނާ އާއެކު މުހިންމު ރޯލަކުން "ޑަންގާލް" ގައި ގީތާ ޕޮގަތް ކުޑައިރުގެ ރޯލުން ފެނިގެންދިޔަ ޒާއިރާ ވަސީމް ވެސް ފެނިގެންދާނެ އެވެ.

ރަޖްނިކާންތް އާއި އަކްޝޭ ކުމާރު ނުބައިބައި ރޯލަކުން ފެނިގެންދާ "2.0" އަކީ 2010 ވަނަ އަހަރު ނިކުތް ތަމަޅަ ފިލްމު "ރޮބޮޓް" ސިލްސިލާގެ ދެވަނަ ފިލްމެެވެ.

ބުނެވޭ ގޮތުގައި ކުރިން އޮގަސްޓުގައި ރިލީޒްކުރަން ހަމަޖެހިފައި އޮތް "ސުޕަސްޓާ" ރިލީޒްކުރުން އޮކްޓޯބަރަށް ލަސްކުރީ އޮގަސްޓުގައި ރިލީޒްކުރުމަށް ހަމަޖެހިފައި އޮތް ޝާހްރުކް އާއި އަނުޝްކާ ޝަރްމާގެ ފިލްމާ އެއް ދުވަހެއްގައި ރިލީޒްކުރަން ބޭނުންނުވުމުންނެވެ. "ސުޕަސްޓާ" އާއި "2.0" އެއް ދުވަހެއްގައި ރިލީޒްކުރުމާ ގުޅޭގޮތުން އާމިރް އާއި ރަޖްނިކާންތް ވާހަކަދައްކައި، ދެ ފިލްމު ބޮކްސް އޮފީހުގައި ކުރިމަތުލުމާ މެދު ދެތަރިން ކުރެ އެއްވެސް ތަރިއެއްގެ މައްސަލައެއް ނެތް ކަމަށް ބުނެފައިވާ ކަމަށް ވެސްވެ އެވެ.

އާމިރްގެ އެންމެފަހުން ރިލީޒްވި "ޑަންގާލް" އިން ބޮކްސް އޮފީހުގެ ހުރިހާ ރެކޯޑެއް މުގުރައި، އެންމެ ކާމިޔާބު ހިންދީ ފިލްމުގެ މަގާމު ހޯދާފައިވާއިރު، އޭނާގެ ފިލްމެއް ރިލީޒްވާނެ ދުވަހަކަށް ބެލުންތެރިން އަންނަނީ އިންތިޒާރުރަމުންނެވެ.

ރަޖްނީކާންތަކީ ވެސް އަދި އާމިރަކީ ވެސް ފޭނުން އިންތިހާއަށް ގިނަ ދެތަރިންނަށްވީއުރު، މި ދެފިލްމު އެއް ދުވަހެއްގައި ރިލީޒްކޮށް ކާމިޔާބު ހޯދާނީ ކޮން ފިލްމެއްކަން ބުނަން އަދި މާ އަވަހެވެ.