ހަބަރު

އިތުބާރު ނެތްކަމަށް ހުށަހެޅޭނީ 42 މެންބަރުންގެ ސޮޔާއެކު ކަމަށް ފާސްކޮށްފި

Apr 9, 2017
2

ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ 42 މެންބަރުންގެ ވޯޓާ އެކުގައި ކަމަށް ހަމަޖައްސަން މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން އާންމު ކޮމިޓީ އިން ފާސްކޮށްފި އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ އަނެއްކާ ވެސް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމާ ގުޅޭ ގޮތުން އެ ކޮމިޓީގެ މުގައްރިރު އަލީ އާރިފް ވިދާޅުވީ އެ ގޮތަށް ފާސްކުރީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ވެސް އެޕްލައިވާ ގޮތަށް ގަވާއިދު އިސްލާހު ކުރުމަށް ކަމަށެވެ. އެ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ އިތުބާރު ނެތް ކަމުގެ މައްސަލަތައް ވަގުތުން ބޭރުވާނެ އެވެ.

މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ މިފަހަރު ވައްދާފައި މިވަނީ 32 މެންބަރުންގެ ސޮޔާ އެކު އެވެ. މަޖިލީހުގެ ނައިބު ރައީސް ރީކާ މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ ވޯޓް މިހާރު ވަނީ އަންނަ އަންގާރަ ދުވަހަށް ތާވަލްކޮށްފަ އެވެ.