ހަބަރު

ދެން ވެސް ނަގާނީ ރޯލް ކޯލް ވޯޓެއް: ނިހާން

ރައްޔިތުން މަޖިލީހަށް މިހާރު ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ދެން ވެސް ނަގާނީ ރޯލް ކޯލް ވޯޓު ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ. -- ރޯލް ކޯލް ވޯޓަކީ ވަކިވަކި މެންބަރުން ތެދުވެ، ވޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ މެދު އެ މެންބަރަކަށް ފެންނަ ގޮތެއް އަނގަ ބަހުން ބުނުމެވެ. --

ރައްޔިތުން މަޖިލީހުގައި ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް ހުށަހެޅުމާ ގުޅިގެން ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ނިހާން ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމަށް އެންމެ ފަހުން ބޭއްވި ޖަލްސާގައި ވެސް ރޯލް ކޯލް ވޯޓަކަށް ނަގަން އަހާފައިވާނީ މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބުނާ ފަދައިން ކަމަށާއި އެކަމަކަށް އިދިކޮޅު ފަރާތްތަކަށް އެއްވެސް މައްސަލައެއް ނުޖެއްސޭނެ ކަމަށެވެ. ނަމަވެސް މަޖިލީހުގައި އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ ދެންވެސް ނަގާނީ ރޯލް ކޯލް ވޯޓެއް ކަމަށް ނިހާން ވިދާޅުވި އެވެ.

"މިހާރު އެބަ ވިދާޅުވޭ އިދިކޮޅު ފަރާތްތަކުން ރޯލް ކޯލެއް ނެގިޔަސް އެ ވޯޓު ކާމިޔާބު ކުރާނެ ކަމަށް. އަނެއްކާވެސް ބަލިވާތަން ބަލަން އަޅުގަނޑުމެން ތިބޭނަން. އިތުބާރު ނެތްކަމުގެ މައްސަލައެއްގައި ދެން ވޯޓެއް ނަގާކަށް ވެސް ނުޖެހޭނެ. ނަމަވެސް އެފަދަ ހާލަތެއް އައިސިއްޔާ އަޅުގަނޑުމެން އަނެއްކާވެސް ވޯޓު ލާނީ ރޯލް ކޯލްއަކުން،" ނިހާން ވިދާޅުވި އެވެ.

މިދިޔަ މަހު 27 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރޯލް ކޯލް ވޯޓެއް ނަގަން ހުށަހަޅައި ތާއީދު ލިބި އެ ހުށަހެޅުން ފާސްވުމުން އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލީހުގައި އިހުތިޖާޖުކޮށް ތަޅުން ދޫކޮށް ގޮސްފަ އެވެ.

މަސީހުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅާފައިވާ އިރު ސަރުކާރު މެންބަރުން މިހާރު އަންނަނީ އެ މައްސަލަ ބާތިލު ކުރެވޭ ގޮތަށް 42 މެންބަރުންނާ އެކު ނޫނީ އެފަދަ މައްސަލައެއް ހުށަނޭޅޭ ގޮތަށް ގަވާއިދު އިސްލާހު ކުރުމަށް ކޮމިޓީން ފާސްކޮށްފަ އެވެ.