ބޮލީވުޑް

"ލިޕްސްޓިކް އަންޑަ މައި ބުރުގާ" ގޯލްޑަން ގްލޯބްސް އަށް

Apr 10, 2017

ހުތުރު ބަސްތައް ބޭނުންކޮށްފައި ހުރުމާއި އަންހެނުންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އުފައްދާފައިވާ ފިލްމަކަށް ވުމުން އަލަންކްރިތާ ޝްރީވާސްތާވް ޑައިރެކްޓްކޮށްފައިވާ، "ލިޕްސްޓިކް އަންޑާ މައި ބުރުގާ" އިންޑިއާގެ ސެންސަރު ބޯޑުން ފާސްކޮށް ނުދޭން ނިންމުމުން ފިލްމުގެ ތަރިންނާއި ޓީމަށް ބޮޑު މާޔޫސްކަމެއް ވަނީ ލިބިފަ އެވެ.

ނަމަވެސް ފިލްމުގެ މުޅި ޓީމަށް ވަނީ މިހާރު އެ މާޔޫސްކަން ފިލުވާލާނެ ވަރުގެ އުފަލެއް ލިބިފަ އެވެ. ޓޮކްޔޯގައި ބޭއްވި އިންޑިއަން ފިލްމް ފެސްޓިވަލް އޮފް ލޮސް އެންޖަލިސް ފެސްޓިވަލްގައި މި ފިލްމު ދެއްކުމަށްފަހު، ގޯލްޑެން ގްލޯބްސް އެވޯޑް ހަފްލާގެ ގާލާ ނައިޓްގައި ދައްކާލުމަށް ހަމަޖެހިފައިވާކަން އިއުލާންކޮށްފަ އެވެ.

ޓޯކްޔޯގައި ބޭއްވި ފިލްމު ފެސްޓިވަލްގައި "ލިޕްސްޓިކް އަންޑާ މައި ބުރްގާ" ދައްކައި ނިމުމުން އެ ފިލްމަށް ތައުރީފު ބަންޑުން ކޮށްލާފައިވާއިރު، އެ ފިލްމު އެ ފެސްޓިވަލްގައި ދެއްކުމުގެ ކުރިން އައިއެފްއެފްއެލްއޭ ގެ ޑިރެކްޓަރު ކްރިސްތީނާ މަރޫޑާ ވަނީ މި ފިލްމު ގޯލްޑަން ގްލޯބްސްގައި ދައްކާލާނެ ކަމުގެ އުފާވެރި ހަބަރު ދީފަ އެވެ.

ފިލްމުގެ ޑައިރެކްޓަރު އަލަންކްރިތާ ވަނީ ހޮލީވުޑް ފޮރިން ޕްރެސް އެސޯސިއޭޝަނުން (އެޗްއެފްޕީއޭ) އިން އޭނާގެ ފިލްމު ގޯލްޑަން ގްލޯބްސްގައި ދައްކާލުމުގެ ފުރުސަތު ދިނުމަކީ ގޯލްޑަން ގްލޯބްސް ގައި އިންޑިއާގެ ފިލްމުތަކަށް ވެސް ފުރުސަތުތައް ހުރިކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.

"މިއީ އެއްވެސް ގޮތަކަށް އުންމީދުކޮށްގެން ހުއްޓާ ލިބުނު ފުރުސަތެއް ނޫން. ހުރިހާ ވެސް ޝުކުރެެއް އަހަރެންގެ ފިލްމުގެ ތަރިންނާއި ފިލްމުގެ ޓީމަށް. ފިލްމުގެ ތަރިންނާއި ކްރޫއާ ނުލާ މިހާ ކާމިޔާބު ފިލްމެއް ނުއުފެއްދުނީސް" އަލަންކްރިތާ ބުނެފައިވެ އެވެ.

ޕްރަކާޝް ޖާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަށް ހުއްދަ ނުދޭން އިންޑިއާގެ ސެންސަރު ބޯޑުން ނިންމާފައިވީ ނަމަވެސް އޭނާ ވަނީ "ލިޕްސްޓިކް އަންޑާ މައި ބުރްގާ" އަކީ ތަފާތު ހިޔާލުގެ ހަތަރު އަންހެނަކު އިންޑިއާގެ މުޖުތަމައުގެ ތެރޭގައި އެމީހުންގެ ހިޔާލުގެ މިނިވަންކަން ހޯދުމަށްކުރާ މަސައްކަތްް ދައްކުވައިދޭ ފިލްމެކެވެ.

މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދަނީ ކޮންކޮނާ ސެން ޝަރްމާ އާއި ރަތްނާ ޕަތަކް އާއި އަހާނާ ކުމާރުގެ އިތުރުން ޕްލަބިތާ ބޯރްތާކުރެވެ.