ތުވާލޫގެ އާގުބޯޓަކަށް ކަނޑުފޭރޭ ބަޔަކު ހަމަަލާދީ ފޭރިގަނެފައި ވަނިކޮށް އިންޑިއާއި ޗައިނާގެ ކަނޑުގެ ސިފައިން ގުޅިގެން ކުރި މަސައްކަތުން އެބޯޓް ސަލާމަތްކޮށްފި އެވެ.
ރޮއިޓާސް ބުނީ އެމްވީ އޯ އެސް ނަމަކަށް 35 ނަމަކަށް ކިޔާ އެބޯޓަށް ހަމަލާ އަމާޒުވީ ހޮނިހިރު ދުވަހު ކަމަށެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ބޯޓުން ފޮނުވި ޑިސްޓްރެސް ސިގްނަލް ލިބުމުން، ބޯޓް އޮތްތަން ހޯދަން އިންޑިއާގެ ކަނޑުގެ ސިފައިންގެ ހަތަރު އުޅަނދަކުން މަސައްކަތް ކުރި ކަމަށެވެ. އަދި ބުނީ ބޯޓަށް ހަމަލާ އަމާޒުވިކަން އެނގުމުން ފަޅުވެރިން ތިބީ އޭގައިވާ ރައްކާތެރި ތަނަކަށް ވަދެ ކަމަށާއި އެއީ އާގުބޯޓްފަހަރު ދުއްވުމުގައި އޮންނަ ސަލާމަތީ އުސޫލާ އެއްގޮތަށް ކުރި ކަމެއް ކަމަށެވެ.
އާގުބޯޓް ދާ ދިމާލެއް އިންޑިއާގެ ކަނޑުގެ ސިފައިން ރޭގަނޑުގައި ބަލަމުން ދިޔަ ކަމަށާއި އެއީ އެބޯޓުގައި ކަނޑުފޭރޭ މީހުން އޭރުވެސް ތިބި ކަމަށް ވެސް އިންޑިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އިރު އެރުމުން ކައިރީގައި އޮތް ޗައިނާގެ ކަނޑުގެ ސިފައިންގެ އުޅަނދެއްގައި ތިބި ސިފައިން އާގުބޯޓަށް އަރައި ފަޅުވެރިން ސަލާމަތް ކުރި އެވެ. އިންޑިއާ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ ޗައިނާގެ ކަނޑުގެ ސިފައިންނަށް ވައިގެ މަގުން އެހީތެރިވީ އިންޑިއާ ސިފައިން ކަމަށެވެ. ޗައިނާ ސިފައިން ވަނީ ބޯޓުގައި ތިބި ފިލިޕީންސަށް ނިސްބަތްވާ 19 ފަޅުވެރިން ސަލާމަތްކޮށްފަ އެވެ.
އާގުބޯޓް ސަލާމަތް ކުރެވުނީ ކޮން ސަރަހައްދަކުން ކަމެއް، އެކަމުގައި ކަނޑުފޭރޭމީހުން މަރުވިކަމެއް ނުވަތަ ހައްޔަރުވި ކަމެއް އިންޑިއާއާއި ޗައިނާއިން ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ޗައިނާ ޑިފެންސް މިިނިސްޓްރީން ބުނީ ބޯޓަށް ނުރައްކާ ވެގެން އުޅޭ ކަމުގެ ސިގްނަލް އެގައުމުގެ ކަނޑުގެ ސިފައިންނަށް ލިބުމުން އެބޯޓް ސަލާމަތް ކުރަން ދިޔަ ކަމަށާއި ބޯޓްގެ ހަރަކާތްތައް ބަލަން އެހީވީ ހެލިކޮޕްޓަރަކުން ކަމަށެވެ. ނަމަވެސް އެއީ އިންޑިއާގެ ހެލިކޮޕްޓަރެއްކަމަކަށް ނުވަތަ ނޫން ކަމަކަށް ވެސް ޗައިނާގެ ޑިފެންސް މިނިސްޓްރީން ނުބުނެ އެވެ.
ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ އާގުބޯޓަށް ހަމަލާ ދިނުން މަދުވެފައި އޮންނަތާ ހައެއްކަ އަހަރު ފަހުން މިއަހަރު ވަނީ އެކަން އަލުން ފެށިފަ އެވެ. ކަނޑޫފޭރުމުގެ މައްސަލަ އެންމެ ބޮޑުވީ 2011 ވަނަ އަހަރުއެވެ. އިންޓަނޭޝަަނަލް މެރިޓައިމް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެ އަހަރު ކަނޑުފޭރޭމީހުން 237 ހަމަލާ ދިނެވެ.
ކަނޑުފޭރުމުގެ ހާދިސާތަކުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ހަތް ބިލިޔަން ރުފިޔާގެ ގެއްލުން ލިބުނު އިރު ފިދުޔައިގެ ގޮތުގައި ކަނޑުފޭރޭމީހުންނަށް ވަނީ 160 މިލިޔަން ޑޮލަރު ލިބިފައެވެ.