ޗައިނާއާ ދެކޮޅަށް ޖާސޫސްކުރާ މީހުންނާ ބެހޭ މައުލޫމާތު ދޭ ރައްޔިތުންނަށް އެގައުމުގެ ސަރުކާރުން ބޮޑެތި އިނާމުތަކެއް ހުށަހަޅައިފިއެވެ.
ޗައިނާގެ ވެރިރަށް ބެއިޖިން ސިޓީ ނެޝަނަލް ސެކިއުރިޓީ ބިއުރޯއިން މިއަދު އިއުލާންކޮށްފައިވާ ގޮތުގައި ޖާސޫސުންނާ ބެހޭ މައުލޫމާތުދޭ މީހުންނަށް 10000 ޔުއާން އާއި 500000 ޔުއާންއާ( 1500 ޑޮލަރާއި 73000 ޑޮލަރާއި) ދެމެދުގެ ފައިސާގެ އިނާމެއް ދޭނެއެވެ.
އިނާމު ހޯދުމަށް ޓަކައި ފޯރުކޮށްދެވޭނެ މައުލޫމާތުތަކުގެ ތެރޭގައި ޗައިނާގެ ގައުމީ މަސްލަހަތަށް ގެއްލުން ދިނުމަށް ދައުލަތުގެ މުއައްސަސާއެއްގެ މުވައްޒަފަކާ ގުޅިގެން މަސައްކަތް ކުރާ ކަމުގެ މީހުންގެ މައުލޫމާތާއި ދައުލަތުން ވަކިވާން ހިތްވަރުދޭ މީހުންގެ މައުލޫމާތާއި ދައުލަތުގެ ސިއްރުތައް ފައިސާ ދީފައި ގަންނަ މީހުންގެ މައުލޫމާތު ހިމެނެއެވެ. އޭގެ ޖާސޫސް ކުރުމަށް ބޭނުންކުރާ ރެކޯޑުކުރެވޭ އާލާތްތަކާއި ބަލައި ދިރާސާ ކުރާ އާލާތްތައް ހޯދާ މީހުންނަށް ވެސް އިނާމު ލިބޭނެއެވެެ.
ޗައިނާ ސަރުކާރުން ބުނެފައި ވަނީ ވާދަވެރިން ފްރޭމް ކުރުމަށް ޓަކައި ދޮގު ހަދައިގެން މައުލޫމާތު ދޭމީހުންނަށް އަދަބުދޭނެ ކަމަށެވެ. ނަމަވެސް ހެޔޮ ނިޔަތުގައި ދޭ މައުލޫމާތެއް ދޮގުވިޔަސް އަދަބެއް ނުލިބޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މިދިޔަ 2016 ވަނަ އަހަރުން ފެށިގެން ޗައިނާ ސަރުކާރުން އަންނަނީ ޖާސޫސް ކުރާ މީހުންނަށް ވަރުގަދަ އިންޒާރުތަކެއް ދެމުންނެވެ. އެގޮތުން އެފަދަ ބައެެއް މައްސަލަތަކުގެ ތަފުސީލުތައް އާއްމުކޮށްފައި ވެސް ވެއެވެ. ޗައިނާގެ ގައުމީ ސަލާމަތަށް ޓަކައި ވަރުގަދަ ފިޔަވަޅުތައް އެޅުމުގެ އިހުތިޔާރު ސަރުކާރަށް ލިބިދޭ ގާނޫނެއް އެގައުމުގައި 2015 ވަނަ އަހަރު ވަނީ ފާސްކޮށްފައެވެ. ޓެރަރިޒަމާ ދެކޮޅަށާއި ބޭރުގެ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ކަންތައްތައް ބެލެހެއްޓުމަށާއި ސައިބާ ސެކިއުރިޓީ އަށް ޓަކައި އޭގެ ފަހުން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
ޗައިނާ ސަރުކާރުން އެޅި އެފަދަ ފިޔަވަޅުތަކަށް ހުޅަނގުގެ ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.