ދުނިޔެ

ފަލަސްތީނުގެ ދެ ގްރޫޕެއް ދެމެދު ހަމަނުޖެހުން ހިނގައި ހަތް މަރު

ލުބުނާނުގައިވާ ފަލަސްތީނު މީހުން ދިރިއުޅޭ ރެފިއުޖީ ކޭމްޕެެއްގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކެއްގައި ހަތް މީހުން މަރުވެ، 40 މީހުން ޒަހަމްވެއްޖެއެވެ.

ލުބުނާނުގެ ޑެއިލީ ސްޓާ ނޫހުން ބުނީ އައިނުލް ހިލްވާ ނަމަކަށް ކިޔާ ރެފިއުޖީ ކޭމްޕްގައި ފަލަސްތީނުގެ ފަތުޙު ޖަމާއަތަށް ނިސްބަތްވާ ގްރޫޕަކާއި ޖުންދުއް ޝާމް ނަމަކަށް ކިޔާ ޖަމާއަތަކާ ހަމަލާ ބަދަލުކުރާތާ ތިން ދުވަސްވެފައިވާ ކަމަށެވެ.

ފަލަސްތީނުގެ ހަބަރުފަތުރާ ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރުން ބުނީ ، ހަމަނުޖެހުންތައް ހިނގީ ބިލާލު ބާދަރު ނަމަކަށް ކިޔާ މީހަކު އިސްވެ އުޅޭ "ހައްދު ފަހަނަ އަޅާފައިވާ" ގްރޫޕެއް ރޫޅާލުމަށް އައިނުލް ހިލްވާ ރެފިއުޖީ ކޭމްޕްގައި ހަރަކާތްތެރިވާ އެހެން ގްރޫޕްތައް ގުޅިގެން މަސައްކަތް ފެށުމުން ކަމަށެވެ. އަދި ބުނީ އެހެން ގްރޫޕްތައް ގުޅިގެން އުފައްދާފައިވާ ސަލާމަތީ ބާރުތަކަށް، ބިލާލް ބާދަރު ގްރޫޕް މީހުން އަމާންދީ ހަތިޔާރުތައް ހަވާލުކުރަން ހަ ގަޑި އިރުގެ މުހުލަތެއް ދިން ކަމަށެވެ.

ގުޅިފައިވާ ގްރޫޕްތަކުން ބޭއްވި ނޫސްކޮންފަރެންސެއްގައި ބުނެފައި ވަނީ އެގްރޫޕުން އުފައްދާފައިވާ ސަލާމަތީ ބާރުތަކަކީ ލުބުނާނު ސަރުކާރާ ގުޅިގެން އުފައްދާފައިވާ ބާރުތަކެއް ކަމަށާއި ކޭމްޕްގެ ކޮންމެ ތަނަކަށް ބޭނުން ވެއްޖެ ކޮންމެ ހިނދަކު ވަނުމުގެ އިހުތިޔާރު އެބާރުތަކަށް ލިބިގެންވާ ކަމަށެވެ.

ދެގްރޫޕްގެ ދެމެދުގައި ހުކުރުދުވަހު ފެށުނު ހަމަނުޖެހުންތަކުގައި ބިލާލް ބަދުރަށް ތާއީދުކުރާ މީހުން މެޝިން ބަޑިއާއި ރޮކެޓް ޕްރޮޕެލްޑް ގްރެނޭޑް( އާރްޕީޖީ) ބޭނުންކުރި ކަމަށް އަނެއް ގްރޫޕުން ތުހުމަތު ކުރެއެވެ.

އައިނުލް ހިލްވާ އަކީ ލުބުނާނުގައި ފަލަސްތީނު މީހުން ދިރިއުޅޭ 12 ކޭމްޕްގެ ތެރެއިން އެންމެ މީހުން ގިނަ ކޭމްޕެވެ. އެ ކޭމްޕްގައި ކުރިން އުޅުނީ 70000 މީހުންނެވެ. ނަމަވެސް ސޫރިޔާގައި ހަނގުރާމަފެށުމުން ހިޖުރަކުރިމީހުންނާއި އެކު އެ ކޭމްޕްގެ އާބާދީ ވަނީ 120000 އަށް އަރާފައެވެ.