ދުނިޔެ

ބޮމުގެ ހަަމަލާތަކާ ގުޅިގެން މިސްރުގައި ކުއްލިހާލަތު އިއުލާންކޮށްފި

Apr 10, 2017

މިސްރުގެ ތަންތާ އާއި އިސްކަންދަރިއްޔާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު އިއުލާންކޮށްފިއެވެ.

ކުއްލި ހާލަތު އިއުލާންކުރެއްވުމަށް ފަހު މިސްރުގެ ރައީސް ޢަބުދުލް ފައްތާޙު އައް ސީސީ ވިދާޅުވީ 'ޖިހާދީން'ނާ ދެކޮޅަށް ކުރަން އޮތީ ދެމިގެންވާ އުނދަގޫ ހަނގުރާމައެއް ކަމަށެވެ. ސީސީ މިސްރުގައި ކުއްލި ހާލަތު އިއުލާންކުރެއްވީ ޑިފެންސް ކައުންސިލާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.

ކޯޓުއަމުރަކާ ނުލައި މީހުން ހައްޔަރުކުރުމާއި ގެތައް ފާސްކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ އިހުތިޔާރު މިސްރުގެ ސަލާމަތީ ބާރުތަކަށް ލިބޭނެއެވެ. ނަމަވެސް އެކަންތައްތައް ކުރެވޭނީ ކުއްލި ހާލަތު އިއުލާން ކުރި ކުރުމަށް މިސްރުގެ ޕާލަމެންޓުން ތާއީދުކުރުމުންނެވެ. ރައީސް ސީސީއަށް އަޣުލަބިއްޔަތު އޮންނަ، މިސްރުގެ ޕާލަމެންޓުން އެކަމަށް ތާއީދުކުރާނެ ކަމަށް ބެލެވެއެވެ.

މިސްރުގެ ބައިމަދު ނަސާރާއިންނާ ދެކޮޅަށް ތަންތާއާއި އިސްކަންދަރިއްޔާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި 44 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވިއެވެ. އެހަމަލާތަކުގެ ޒިންމާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ( އައިއެސް) އިން ވަނީ އުފުލާފައެވެ. އިއްޔެގެ ހަމަލާތައް ދިނީ ނަސާރާއިން ފާހަގަ ކުރާ ހާއްސަ އިހުތިފާލެއް ކަމަށްވާ "ޕާމް ސަންޑޭ" ފާހަގަކުރުމަށް ޗާޗްތަކަށް މީހުން ޖަމާވެފައި ވަނިކޮށެވެ.

ހަމަލާތަކާ ގުޅިގެން މިސްރުގެ މުހިއްމު އިމާރާތްތަކާއި ތަންތަނުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމަށް ސީސީ ވަނީ ސިފައިން ފޮނުއްވާފައެވެ.