ދުނިޔެ

ހެކު ކުރި މައްސަލައިގައި އެމެރިކާއިން ރަޝިޔާ މީހަކު ހައްޔަރުކޮށްފި

Apr 11, 2017

އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ، އެގައުމުގެ ޑިމޮކްރެޓިކް ޕާޓީގެ އީމެއިލް އެކައުންޓްތައް ހެކްކުރި މައްސަލައިގައި ރަޝިޔާ މީހަކު ހައްޔަރުކޮށްފިއެވެ.

ސްޕެއިންގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ އެމެރިކާއިން ނެރެފައިވާ އަމުރެއް ތަންފީޒުކުރުމުގެ ގޮތުން ސްޕެއިންގެ ބާސެލޯނާގައި މިހިނގާ އޭޕްރިލް މަހުގެ ހަތްވަނަ ދުވަހު ހައްޔަަރުކޮށްފައި ވަނީ ޕިޔޮތަރު ލަވަޝޯފް ނަމަކަށް ކިޔާ ކޮމްޕިއުޓަރު ޕްރޮގްރާމަރ އެއް ކަމަށެވެ.

އޭޖެންސެ ފްރާންސް ޕްރެސް ( އޭއެފްޕީ) އާ ހަވާލާދީ ބީބީސީން ބުނީ ލަވަޝޯފް އެމެރިކާއަށް ފޮނުވައިދޭން އެގައުމުން އެދިފައިވާތީ ސްޕެއިންގެ ނެޝަނަލް ކްރިމިނަލް ކޯޓުން މިހާރު އެކަން ދިރާސާކުރަމުން އަންނަ ކަމަށް ސްޕެއިންގެ ގާނޫނީ އޮފިޝަލަކު ބުނި ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހިންގި ހެކް ކުރުމުގެ އަމަލުތަކަކީ އެގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަންނަވަން އެހީވެވަޑައިގަތުމަށް ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އަމުރުކުރައްވައިގެން ކުރި ކަމެއް ކަމަށް ޖެނުއަރީ މަހު އާއްމުވި އިންޓެލިޖެންސް ރިޕޯޓެއްގައި ބުނެފައި ވެއެވެ. ރިޕޯޓްގައި ބުނެފައި ވަނީ އީމެއިލްތައް ލީކް ކުރީ އެމެރިކާގެ ޑިމޮކްރަސީގެ ނިޒާމާ ދޭތެރޭ މީހުންގެ އިތުބާރު ގެއްލުވައިލުމަށާއި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަންގެ އަގުވައްޓައިލުމަށް ކަމަށެވެ.

ހެކްކޮށް، ވިކިލީކްސްއަށް ދީގެން އާއްމުކުރި އީމެއިލްތަކުން ރިޔާސީ އިންތިހާބުގެ ނަތީޖާއަށް އަސަރު ނުކުރާ ކަމަށް ޓްރަމްޕް ފަހުން ވަނީ ވިދާޅުވެފައެވެ. ޓްރަމްޕްގެ ކެމްޕޭން ޓީމާ ރަޝިޔާ ސަރުކާރާ ގުޅުން އޮތް ކަމަށް ބެލެވިގެން އެމެރިކާ ޕާލަމެންޓްގެ އިންޓެލިޖެންސް ކޮމިޓީން އަންނަނީ އެކަން ތަހުގީގުކުރަމުންނެވެ.