ދުނިޔެ

ވޯލްމާޓް ސެލަޑްގައި ކުނިވެފައި އޮތް ވާލެއް

Apr 11, 2017

އެމެރިކާގެ މަޝްހޫރު ރީޓެއިލް ޗެއިން ' ވޯލްމާޓް' އިން ވިއްކި ސެލަޑް ޕެކެޓެއްގައި ކުނިވެފައި އޮތް ވާލެއް އޮއްވައި ފެނިއްޖެއެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ ފްލޮރިޑާ ސްޓޭޓްގެ ދެމީހަކު ގަތް " އޯގަނިކް މާކެޓް ސައިޑް ސްޕްރިން މިކްސް ސެލަޑް" ގައި އޮތް ވާލު ފެނުނީ ސެލަޑުން ބައެއް ކޭ ފަހުން ކަމަށެވެ. ވާލު އޮތް ސެލަޑް ކެވުނު ދެމީހުންނަށް، އާއްމުކޮށް ވާލުން ޖެހޭ ބައްޔެއް ކަމަށްވާ ރެބީސްގެ ވައިރަހުގެ އަސަރު ކޮށްފައިވޭތޯ މިހާރު ވަނީ ޓެސްޓްކޮށްފައެވެ.

ވޯލް މާޓުން ވަނީ ވާލު އޮތް ސެލަޑް ހިމެނޭ ބެޗްގެ ހުރިހާ ސެލަޑް ޕެކްތަކެއް ފިހާރަތަކުން ނަގަން އަންގާފައެވެ. އަދި އެ ބެޗްގެ ސެލަޑް ގަތް ކަސްޓަމަރުންނަށް ފައިސާ އަނބުރާ ދޭނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑީސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ޯ(ސީޑީސީ) އިން ބުނީ ވާލު އޮތް ސެލަޑް ކެވުނު މީހުންގެ ސިއްހީ ހާލަތު ރަނގަޅުކަމަށާައި އެމީހުންގެ ގައިން ރެބީސްގެ ވައިރަސް ފެނިފައި ނުވާ ކަމަށެވެ. އަދި އެވައްތަރުގެ ސެލަޑް ގަނެވުނު މީހުން ، އެމީހުން ގަތް ސެލަޑްގައި ޖަނަވާރެއްގެ ބައެއް ނުވަތަ އެތިކޮޅެއް އޮތްތޯ ބަލަން ވެސް އެއިދާރާއިން ވަނީ އެދިފައެވެ. ނަމަވެސް ޖަނަވާރެއްގެ ބައެއް ފެނިފައި ނުވާ ނަމަ ނުރައްކަލެއް ނެތް ކަމަށާއި އިދާރާގެ ސިއްހީ ޑިޕާޓްމަންޓާ ގުޅުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ސީޑީސީން ވަނީ ބުނެފައެވެ.