ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު ފަރު ހުދުވެ މަރުވަނީ

އޮސްޓްރޭލިއާގެ އައްސޭރީގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ފަރު "ދަ ގްރޭޓް ބެރިއާ ރީފް" ގެ ބޮޑުބައެއް ހުދުވެ މަރުވަންފަށާފައި ވާކަމަށް ވައި ގެ މަގުން ކުރި ސާވޭ ތަކުން ހާމަވެއްޖެ އެވެ. މިއީ މި އަހަރު މި ފަރުގެ ބޮޑުބައެއް ހުދުވެގެން ދިޔަ ދެވަނަ ފަހަރެވެ.

މީގެ އިތުރުން ފާއިތުވެދިޔަ 20 އަހަރުތެރޭ ތިންފަހަރަކު - 1998، 2002 އަދި 2016 - ވަނީ މި ގޮތަށް ގިނަ އަދަދެއްގެ މުރަކަ ހުދުވެފަ އެވެ. މުރަކަތަށް ހުދުވެ މަރުވާން ދިމާވަނީ ދުނިޔެ ހޫނުވުމާއި ގުޅިގެން ފެންގަނޑު ގެ ހޫނުމިން މައްޗަށް ދާތީ ކަމަށް ސައިންސްވެރިން ބުނެއެވެ.

އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ގައި ހުންނަ އާކް ސެންޓާ ފޯ ކޮރަލް ރީފް ސްޓަޑީސް ގެ ސީނިއާ އޮފިސަރަކު ބުނީ އެންމެ ހަލުވިކަމާއެކު ހެދިބޮޑުވާ މުރަކަތައް ވެސް ލިބުނު ގެއްލުން ތަކުން ސަލާމަތް ވާން މަދުވެގެން 10 އަހަރު ނަގަ އެވެ. އަދި 2016 ވަނަ އަހަރާއި މިއަހަރު ދެފަހަރު އެ ފަރުގެ ބޮޑު ސަރަހައްދެއް ހުދުވެ މަރުވާން ކައިރިވެފައިވާތީ އެ މުރަކަތަށް ހެދިބޮޑުވާން އެއްވެސް ފުރުސަތެއް ނުލިބޭ ކަމަށްވެސް އެ އޮފިސަރު ބުންޔެވެ.

މުރަކަތައް ހުދުވަނީ އާދައިގެ ހޫނުމިނަށްވުރެ ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މުރަކައަށް ކުލަ ގެނުވައިދީ މުރަކައަށް ކާނާ ހޯދަދޭ "އަލްގޭ" މަރުވުމުގެ ސަބަބުންނެވެ. އަދި ކަނޑުގެ ލޮނުގަނޑު ކުރިން ހުރި ހޫނުމިނަށް ވެއްޓުމުން މުރަކަތަކަށް ދިރުން ލިބޭކަމަށާއި ހޫނުމިން އެއް މިންގަނޑެއްގައި ނުހުރެ ބަދަލުވާނަމަ މުރަކަތައް މަރުވުމުގެ ފުރުސަތު ބޮޑުކަމަށް އާކް ސެންޓާގެ އޮފިސަރު ބުންޔެވެ.

ދިރާސާތަކުން ދައްކާގޮތުން މިދިޔަ އަހަރު ކުރިމަތިވި "ބްލީޗް" ވުމުގެ ހާދިސާއާއި ގުޅިގެން ބެރިއާ ރީފް ގެ 90 ޕަސެންޓް ސަރަހައްދަށް ވަނީ އަސަރުކޮއްފަ އެވެ.