ކުޅިވަރު

ގްރަނާޑާގެ ކޯޗަކަށް އާސެނަލްގެ ކުރީގެ ކެޕްޓަން އެޑަމްސް

Apr 11, 2017

ރެލިގޭޓް ވުމުގެ ބިރު ކުރިމަތިވެފައިވާ ސްޕެއިންގެ ގްރަނާޑާގެ ކޯޗަކަށް އާސެނަލް އާއި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓޯނީ އެޑަމްސް ހަމަޖައްސައިފި އެވެ.

އެޑަމްސް، 50 ގްރަނާޑާގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ، އެ ޓީމުގެ ކޯޗަކަށް ހުރި ލޫކަސް އަލްކަރޭޒްއަށް ޓީމަށް އެދެވޭ ހިސާބަކަށް ނުގެންދެވުމުން ނެވެ.

ގްރަނާޑާގެ އޯނަރު ޗައިނާގެ މަހުޖަނު ޖިއާން ލިޒްހަންގް ވަނީ، މިދިޔަ ހަފުތާގައި، އެ ޓީމުގެ ޓެކްނިކަލް ޑައިރެކްޓަރަކަށް، އެޑަމްސް ހަމަޖައްސާފަ އެވެ.

ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ވެލެންސިއާ އަތުން ބަލިވި މެޗަށް ފަހު، ރެލިގޭޝަންގެ ބިރު އިތުރަށް ބޮޑުވުމުން ޖިއާން ވަނީ އަލްކަރޭޒް ވަކިކޮށް އެޑަމްސް އަށް ކޯޗުކަން ހަވާލު ކޮށްފަ އެވެ. މިހާރު އެއްބަސްވެފައިވާ ގޮތުން އޭނާ ގްރަނާޑާގެ ކޯޗަކަށް ހުންނާނީ، ސްޕެނިޝް ލީގްގައި ބާކީ އޮތް އަށް މެޗަށެވެ.

އެޑަމްސް އެންމެ ފަހުން ކޯޗިންގައި މަސައްކަތް ކޮށްފައި ވަނީ، 2011 ވަނަ އަހަރު އަޒަރުބައިޖާންގެ ގަބަލާ އެފްސީ އަށެވެ.

އެޑަމްސް އަކީ، ޖިއާން ހިންގާ ފުޓްބޯލް މެނޭޖްމެންޓް ކުންފުންޏެއް ކަމަށްވާ ޑީޑީއެމްސީ ފުޓްބޯޅަ ކުލަބު މެނޭޖްމެންޓް ކޮމްޕެނީގެ ނައިބު ރައީސް ވެސްމެ އެވެ.

ގްރަނާޑާއިން ވަނީ، އަލްކަރޭޒްގެ ދަށުން މަސައްކަތް ކުރި އޭނާގެ އެސިސްޓެންޓް ކޯޗުން ވެސް މަގާމުތަކުން ވަކި ކޮށްފަ އެވެ.

އާސެނަލް އަށް ހަތަރު ޗެމްޕިއަންޝިޕާއި ތިން އެފްއޭ ކަޕް ހޯދައިިދިން، އެޑަމްސް ފުޓްބޯޅަ ކުޅުން ހުއްޓާލީ، 2002 ވަނަ އަހަރު އެވެ. އޭނާ ކޯޗިންގެ ދާއިރާއަށް ނިކުތީ 2003 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ކޯޗް ކޮށްދިނީ އިނގިރޭސި ފުޓްބޯޅަ ލީގް ދޭއްގައި ކުޅޭ ކުލަބެއް ކަމަށްވާ، ވައިކޮމްބޭ ވެންޑާސް އަށެވެ.

އެއަށްފަހު 2009 ވަނަ އަހަރު ޕޯޓްސްމައުތާ ހަވާލުވެ، 2009 ވަނަ އަހަރު ފެބްރުއަރީ މަހާ ހަމަޔަށް ދިޔައިރު 10 ޕޮއިންޓް ލިބިފައި އޮތުމުން އޭނާ ވަކިކޮށް ކޯޗް ކަން ދިނީ ހެރީ ރެޑްނެޕަށެވެ.

ގްރަނާޑާ ރެލިގޭޝަނުން ސަލާމަތް ކުރުމަށްޓަކައި، ގިނަ ކަންކަމެއް އޭނާ އަށް ބަދަލު ކުރަން ޖެހޭނެ އެވެ. ގްރަނާޑާ އޮތީ ލީގްގެ ފުުލުން ދެ ވަނައިގަ އެވެ. އެޓީމަށް ލިބިފައި ވަނީ 22 ޕޮއިންޓެވެ.