ކުޅިވަރު

ޓީމަކަށް ރެއާލް ބަލި ކުރެވޭނެނަމަ އެޓީމަކީ ބަޔާން

Apr 11, 2017

ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު ބަލި ކޮށް، އެޓީމު މުބާރާތުން ކަޓުވާލޭނެ އެއްވެސް ޓީމެއް އޮތް ނަމަ އެޓީމަކީ ބަޔާން މިޔުނިކް ކަމަށް، ބަޔާންގެ ރައީސް ކާލޯސް ހެންޒް ރުމޭނިގޭ ވިދާޅުވެއްޖެ އެވެ.

ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން އާއި އެ ޓީމުގެ އަމާޒަކީ، މިފަހަރުގެ ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށް، ޔޫރަޕްގެ އެންމެ ޝަަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތް ރީބްރޭންޑް ކުރި ފަހުން، ވިދިވިދިގެން އެމުބާރާތް ކާމިޔާބު ކުރާ ފުރަތަމަ ޓީމުގެ ޝަރަފު ހޯދުމެވެ.

ނަމަވެސް، ރުމޭނިގޭ ވިދާޅުވީ ބަޔާނުން އޮތީ، ރެއާލް އަށް އެ ފުރުސަތު ދޭން ނޫން ކަމަށެވެ.

"ސެމީ ފައިނަލަށް ދިއުމަށްޓަކައި އަހަރެމެންނަށް މިއޮތީ ވަރަށް ވަރުގަދަ މެޗެއް، މި ދެ މެޗުން ވަރުގަދަ ފައިޓެއް ދީފިއްޔާ އަހަރެމެންނަށް ރެއާލް ބަލި ކުރެވޭނެ،"

"އެންމެ ފަހު ޗެމްޕިއަން މުބާރާތުން ކަޓުވާލެވޭނެ ޓީމެއް އޮތް ނަމަ، އަހަންނަށް ހީވަނީ އެއީ އަހަރެމެންގެ ޓީމު ހެން،" ޖަރުމަންގެ ޑީޕީއޭ ނޫސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ރުމޭނިގޭ ވިދާޅުވި އެވެ.

އަންޗެލޯޓީ ބަޔާނަށް ތަފާތު ގެނައި ކޯޗެއް

އިންޓަވިއުގައި، ރުމޭނިގޭ،61 ވަނީ ބާޔާންގެ މިހާރުގެ ކޯޗް އިޓަލީގެ ކާލޯ އަންޗެލޯޓީ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އޭނާ ވިދާޅުވީ، ބަޔާނަށް އައި އެންމެ ތަފާތު ކޯޗުންގެ ލިސްޓުގައި އަންޗެލޯޓީ އަށް ވާނެ ކަމަށެވެ.

"ބަޔާން މިޔުނިކުގައި ހުރިހާ ގޮތްގޮތުންވެސް ތަފާތު ކޯޗުން އަހަންނަށް ފެނިއްޖެ، އަންޗެލޯޓީ މަސައްކަތާއި އޭނާ ގެންގުޅޭ ސްޓާއިލްގެ ސަބަބުން އަހަންނަށް ވަރަށް ބޮޑު ހިތް ހަމަ ޖެހުމަކަށް ވެއްޖެ، އަހަންނަށް އޭނާގެ މަސައްކަތް ވަރަށް ބޮޑަށް ކަމުދޭ،"

ރުމޭނިގޭ، ވިދާޅުވީ، ރެއާލްއާ އެކު އަންޗެލޯޓީ ޗެމްޕިއަންސް ލީގް ހޯދާފައި ވުމަކީ ޓީމަށް އޮތް ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި އެކަމުގެ ފައިދާ ޓީމަށް ކުރާނެ ކަމަށެވެ.