ބޮލީވުޑް

ހާފް ގާލްފްރެންޑް: ފުރިހަމަ ލޯބީގެ ވާހަކައަކަށް ވާނެ

Apr 11, 2017

ފުރާވަރު ކުދިންގެ ލޯބީގެ ކުޅިގަނޑުގެ މައްޗަށް ހިންދީ ފިލްމުތައް އުފެއްދުން މިހާރު އާންމުވެފައިވާއިރު، މުޅިން އާ ޒުވާން ލޯބީގެ ފިލްމެއްގެ ޓްރެއިލާ އިއްޔެ މިވަނީ އާންމުކޮށްފަ އެވެ.

އަންނަ މަހު ރިލީޒްކުރާ އަރްޖުން ކަޕޫރާއި ޝްރަދާ ކަޕޫރު ލީޑްރޯލުން ފެނިގެންދާ "ހާފްގާލްފްރެންޑް" ގެ ޓްރެއިލާ އިއްޔެ އާންމުކޮށްފައިވާއިރު، އެ ފިލްމުގެ ޖާދޫގައި އެތަކެއް ސަތޭކަ ބަޔަކު މިވަނީ ޖައްސާފަ އެވެ.

އަރްޖުން އާއި ޝްރަދާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު، "ހާފްގާލްފްރެންޑް" އަކީ ލިޔުންތެރިޔާ ޗޭތަން ބަގަތް މި ނަމުގައި ލިޔުނު ވާހަކައެއްގެ އަސްލަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ ވާހަކައަކީ ޓިޕިކަލް ހިންދީ ވާހަކަ، ފަގީރު ފިރިހެން ކުއްޖަކަށް މުއްސަނދި އަންހެން ކުއްޖެއްގެ ދެކެ ލޯބިވެވިގެން ހިނގާ ކަންތައްތަކެއްގެ މައްޗަށް އުފައްދާފައިވާ ފިލްމަކަށް ވިޔަސް ފިލްމުގެ ޓްރެއިލާ ބަލާލުމުން، ފިލްމުގެ ނަމެކޭ އެއްގޮތަށް ފިލްމުގެ ވާހަކަ އަކީ ވެސް އޮޅުން ބޮޅުން ބޮޑު ލޯބީގެ އަސަރުގަދަ ވާހަކައެއްކަން އެނގެ އެވެ.

އަރްޖުން، ބިހާރު އެކްސްންޓް ހުންނަ އިނގިރޭސިން ވާހަކަދައްކަން ނޭނގޭ މާދަވް ޖާ ކިޔާ މީހެއްގެ ރޯލުން ފެނިގެންދާއިރު، ޝްރަދާ ފެނިގެންދަނީ ރިއާ ސޮމާނީ ކިޔާ ދިއްލީ އަށް ނިސްބަތްވާ މުއްސަނދި ކުއްޖެއްގެ ގޮތުގަ އެވެ. މި ދެމީހުން އެއް ކޮލެއްޖެއްގައި ކިޔަވަމުންދާއިރު ދެމީހުން އެކަކު އަނެކަކާ ދިމާވެ ދެމީހުންގެ ދެމެދުގައި ވަރުގަދަ ކެމިސްޓްރީއެއް އުފެދެނީ ދެމީހުންގެ ދެމެދުގައި ބާސްކެޓް ކުޅުމަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ. މިދެމީހުންގެ ހިތަށް ވެސް ލޯބީގެ ތީރު އައިސް ހެރޭ ތަނަކަށް ވަނީ ބާސްކެޓް ކޯޓެވެ.

"ހާފް ގާލްފްރެންޑް" ޓްރެއިލާ:

ބާސްކެޓް ކުޅުމުގެ ތެރޭގައި ގާތް އެކުވެރިންނަށްވާ މާދަވް އާއި ރިއާގެ ދެމެދުގައި ގާތް ގުޅުމެއް އުފެދި އެ ގުޅުމަށް ދޭން ނަމެއް އެދެމީހުންނަށް ވެސް ނޭނގެ އެވެ. އެދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން އެކުވެރިކަމަށް ވުރެން ގާތްކަމަށް ދެމީހުންނަށް ވެސް ގަބޫލުކުރެވުނު ނަމަވެސް އެ ފަދަ ގުޅުމެއް އޮންނަ ކަމަށް ގަބޫލުނުކޮށް ރިއާ ވަނީ އޭނާ އަކީ މާދަވްގެ ހާފްގާލްފްރެންޑް ކަމަށް ބުނެފަ އެވެ. ފުރަތަމަ އެކަމަށް މާދަވް ވެސް އެއްބަސްވި ނަމަވެސް އޭނާގެ އިހުސާސްތައް ކޮންޓްރޯލް ނުކުރެވި ރީޔާ އާ މެދު އޭނާގެ ހިތުގައި ޖަހާ ވިންދު އޮބިނޯންނަވަރު ވުމުން ރީޔާ އަކީ އޭނާގެ ހަމައެކަނި ގާތް އެކުވެރިއެއްގެ ގޮތުގައި ބަލައިގަންނަން އޭނާގެ ހިތަށް ކުޅަދާނަނުވެ އެވެ.

އެންމެފަހުން ރީޔާގެ ލޯބި މާދަވް އަށް ކަމިޔާބު ނުވެ، އޭނާގެ ދިރިއުޅުން ނިއުޔޯކަށް ބަދަލުކުރާ ހިސާބުން އެ ލޯބި ހޯދުމަށް މާދަވްގެ ދަތުރު އޭނާ ފަށަ އެވެ. ހާފްގާލްފްރެންޑް ފުލްގާލްފްރެންޑަކަށް ހަދަން މާދަމް ކުރާ ދަތުރުގައި ހިތްދަތި ކަންތައްތަކަކާ ވެސް ކުރިމަތިލާން ޖެހޭއިރު، ރީޔާ ހޯދަން އޭނާ ނިކުންނަނީ އާއިލާ އާއި ގާތްއެކުވެރިން ވެސް އެ ލޯބީގެ ފަހަތުން ނުދުވަން އާދޭސްކުރަނިކޮށެވެ. މުޅި ދުނިޔެއާ ދެކޮޅަށް މާދަވް އޭނާގެ ލޯބި ހޯދަން ނިކުންނަނީ ރީޔާ އުމުރަށް އޭނާ އަށް ގެއްލިދާނެ ކަމަށް އޭނާގެ ހިތުގައި އޮންނަ ބިރެއްގެ ސަބަބުންނެވެ.

ބަލާ ބެލުމަށް މިއީ ޓިޕިކަލް ލޯބީގެ ވާހަކައެއް ކަމަށް ބެލެވުނަސް މިއީ ކާމިޔާބު ފިލްމުތައް ކަމަށްވާ "ތްރީ އިޑިއަޓްސް" އާއި "2 ސްޓޭޓްސް" ފަދަ ފިލްމުތަކުގެ ވާހަކަލިޔެފައިވާ ޗޭތަންގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އަދި ލޯބީގެ ފިލްމުތައް ޑައިރެކްޓްކުރަން ދެވަނައެއް ނުވާ މޯހިތު ސުރީގެ ޑައިރެކްޝަނެކެވެ.