ދުނިޔެ

ސޫރިޔާއަށް ހަމަލާދިނީ އިވަންކާގެ ނުފޫޒުން

Apr 11, 2017
2

ސޫރިޔާގެ އިދުލީބު ޕްރޮވިންސްގެ ޚާން ޝައިޚޫންއަށް އެގައުމުގެ ސަރުކާރުން ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާއިން ސޫރިޔާ ސަރުކާރުގެ އެއާ ބޭހަކަށް ހަމަލާދޭން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވީ ދަރިކަނބަލުން އިވަންކާ ޓްރަމްޕްގެ ނުފޫޒުން ކަން ހާމަވެއްޖެއެވެ.

ޓްރަމްޕްގެ ދަރިކަލުން އެރިކް ޓްރަމްޕް ދަ ޓެލެގްރާފަށް ވިދާޅުވެފައި ވަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް ހަމަލާދޭން ޓްރަމްޕް ނިންމެވީ އިވަންކާ ބާރު އެޅުއްވުމުން ކަން ޔަގީންވެވަޑައިގަންނަވާ ކަމަށެވެ.
" އިވަންކާއަކީ ތިން ކުދިންގެ މަންމަ، އޭނާގެ ނުފޫޒު އެބައޮތް. އަހަރެންނަށް ޔަގީން އޭނާ ވިދާޅުވި، މިއީ ބިރުވެރި ކަމެކޭ،" ކެމިކަލް ހަމަލާގެ މަންޒަރުތައް ދެކެވަޑައިގަންނެވުމަށް ފަހު އިވަންކާ ބައްޕާފުޅާ ވާހަކަ ދައްކަވާފައިވާނެ ގޮތް ސިފަކޮށްދެއްވަމުން އެރިކް ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ ސޫރިޔާއާ މެދު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ރައީސް ދެ އަހަރު ކުރިން ވިދާޅުވެފައިވާ ކަމަށާއި އެހެން ނަމަވެސް މިފަދަ ހާލަތްތަކުގައި ބައްޕާފުޅު ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް އެރިކް ވިދާޅުވެފައި ވެއެވެ. އޭޝަޔާގައިވާ ޓްރަމްޕް ޓާން ބެރީ ރިޒޯޓްގައި ދަ ޓެލެގްރާފް ނޫހަށް ދެއްވި އިންޓަވިއުގައި އެރިކް ވިދާޅުވެފައި ވަނީ އެމެރިކާއިން އަސަދާ ދެކޮޅަށް ހަމަލާދިނީ ދުނިޔޭގެ ގަދަބާރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ޒިންމާ އަދާކުރުމަށް ކަމަށެވެ. އަދި އެހަމަލާ ދިނީ އެމެރިކާގެ ބައިވެރިންގެ ތާއީދާ އެކު ކަމަށް ވިދާޅުވެ، އެރިކް ވަނީ ބައްޕާފުޅުގެ ސަރުކާރަށް ތައުރީފުކުރައްވާފައެވެ.

އުމުރުފުޅުން 33 އަހަރުގެ އެރިކް ޓްރަމްޕަކީ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން ބޭބޭފުޅު ޑޮނަލްޑް ޖޫނިއާ ޓްރަމްޕާ އެކު އާއިލީ ވިޔަފާރި ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެކެވެ. ސޫރިޔާ ހަމަލާއާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އިންޓަވިއުގައި ވެސް އޭނާ ވިދާޅުވީ އޭނާ އުޅުއްވަނީ ސިޔާސީ ކަންކަމާ ދުރުގައި ކަމަށެވެ.

އިވަންކާ ޓްރަމްޕަކީ ރައީސް ޓްރަމްޕްގެ އިސް އެހީތެރިއެއްގެ ގޮތުގައި ވައިޓް ހައުސް ގައި އިންނަވާ ބޭފުޅެކެވެ. ނަމަވެސް އޭނާއަަކަށް މުސާރައެއް ނޯވެއެވެ. ރައީސް ޓްރަމްޕްގެ މައްޗަށް ދަރިކަނބަލުން އިވަންކާގެ ނިފޫޒު ވަރަށް ބޮޑަށް އޮންނަ ކަމަށް އެމެރިކާގެ މީޑިއާތަކުން އަންނަނީ ކުރީއްސުރެ ބުނަމުންނެވެ.