ކުޅިވަރު

ކޮލިފައިނުވެ ދާނެ ކަމުގެ ބިރު ބޮޑުވެ އާޖެންޓީނާގެ ކޯޗު ވަކި ކޮށްފި

Apr 11, 2017

ކޮލިފައިންގައި ރަނގަޅު ނަތިޖާތަކެއް ނުހޯދި، އަންނަ އަހަރު ރަޝިޔާގައި ބޭއްވުމަށް، ހަމަޖެހިފައިވާ ވޯލްޑްކަޕަށް ކޮލިފައި ނުވެދާނެ ބިރު އާޖެންޓީނާ އަށް ކުރިމަތިވުމުން، މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ އަށް ފަހު ކޯޗް ކަމަށް ހަމަޖެއްސި އެޑްގާޑޯ ބައުޒާ މަގާމުން ވަކި ކޮށްފި އެވެ.

ވޯލްޑްކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ބައްރުގައި އާޖެންޓީނާ އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ. ކޮލިފައިން ނިމޭއިރު، ފަސް ވަނައިގައި އޮވެއްޖެނަމަ، އެ ޓީމު ޖެހޭނީ، އޯޝޭނިއާ ސަރަހައްދުން އެއް ވަނަ އަށް އަންނަ ޓީމާ ދެކޮޅަށް ޕްލޭއޮފް ކުޅޭށެވެ.

މިހާރު ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް އާޖެންޓީނާ ކޮލިފައި ނުވެއްޖެނަމަ އެވެގެންދާނީ 1970 ވަނަ އަހަރުގެ ފަހުން، އެ ޓީމަށް ވޯލްޑަކްޕުން ޖާގަ ގެއްލޭ ފުރަތަމަ ފަހަރެވެ.

ބައުޒާގެ ކޯޗް ކަމުގެ ދަށުން، މިހާތަނަށް އާޖެންޓީނާ ކުޅުނު އަށް މެޗުގެ ތެރެއިން އެޓީމު މޮޅުވީ އެންމެ ތިން މެޗުން ނެވެ.

މިއީ މިދިޔަ މަހު އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްކަމާ ހަވާލުވެ، ކްލައުޑިއޯ ޓަޕިއާ އާޖެންޓީނާގެ ފުޓްބޯޅައަށް ގެނައި ފާހަގަ ކުރެވޭ ފުރަތަމަ ބަދަލެވެ.

އާޖެންޓީނާގެ ފެޑްރޭޝަނުން، އެގައުމުގެ ކޯޗް ކަމަށް ގެނައުމަށް އެންމެ ބޭނުންވާ ލިސްޓްގެ އެއް ވަނައިގައި ހިމެނެނީ، ސެވިއްޔާގެ ކޯޗް ހޯޖޭ ސަމްޕައޮލީ އެވެ. ނަމަވެސް ސެވިއްޔާއާ އެކު އޭނާގެ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން މަހުގެ 30 ނިޔަލަށް އެބައޮތެވެ.

ދާދިފަހުން ސަމްޕައޮލީ ބުނެފައިވަނީ، އޭނާގެ ކުރިމަގާ ބެހޭގޮތުން ވާހަކަ ދައްކަން ސެވިއްޔާގެ މެނޭޖްމެންޓާއެކު އިޝީންނާނެ ކަމަށެވެ. ކޮންޓްރެކްޓްގެ މުއްދަތުގެ ކުރިން ސެވިއްޔާ ދޫކޮށް، ސަމްޕައޮލީ ދާނަމަ ސެވިއްޔާއަށް 1.5 މިލިއަން ޔޫރޯ ދޭން ޖެހޭނެ އެވެ.

އޭނާގެ އިތުރުން، އާޖެންޓީނާއަށް 2004 ވަނަ އަހަރު އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅަ މުބާރާތް އާޖެންޓީނާއަށް ކާމިޔާބު ކޮށްދިން، މާސެލޯ ބިއެލްސާ ވެސް ހިމެނެ އެވެ.