ދުނިޔެ

ލީބިޔާގައި އެފްރިކާގެ ރެފިއުޖީން އަޅުންގެ ގޮތުގައި ވިއްކަނީ

Apr 12, 2017

އުތުރު އެފްރިކާ މަގުން އެކި ގައުމުތަކަށް ހިޖުރަކުރަން މަސައްކަތް ކުރާ އަޅުންގެ ގޮތުގައި ގަނެވިއްކުމުގެ އަމަލުތައް ލީބިޔާގައި ފާޅުގައި ހިންގާ ކަމަށް ، ހިޖުރަކުރާ މީހުންނާ ބެހޭ އދ.ގެ އެޖެންސީ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން( އައިއޯއެމް) އިން އިއްޔެ ބުނެފިއެވެ.

އައިއޯއެމް އިން ބުނީ އިންސާނުންގެ ވަގުފާރީގެ އަމަލުތަކުގެ ޝިކާރައަކަށް ވުމަށް ފަހު ސަލާމަތްވެފައިވާ މީހުން ، އެމީހުންނަށް ފެނުނު ކަންތައްތައް ލީބިޔާއާއި ނައިޖީރިއާގައި ހަރަކާތްތެރިވާ އެޖަމާއަތުގެ މުވައްޒަފުނަށް ކިޔައިދީފައިވާ ކަމަށެވެ. ގާނާއާއި ގެމްބިއާއާއި ނައިޖީރިއާއަށް ނިސްބަތްވާ އެމީހުން ކިޔައިދީފައި ވަނީ ބޮޑު ހައިރާންކަމެއް ލިބޭ ފަދަ ވާހަކަތަކެއް ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ލީބިޔާގައި ހިންގާ އަޅުންގެ ބާޒާރުތަކުން ސަލާމަތްވި ބައެއް މީހުން ކިޔައިދީފައިވާ ގޮތުގައި އެހެން ގައުމަކަށް ހިޖުރަކުރުމުގެ ބޭނުމުގައި ލީބިޔާ އަށް ދިއުމުން އެމީހުން ހައްޔަރުކޮށްފައި ބޭތިއްބި ތަންތަނުގައި ކާން ނުދިނުމާއި އެހެނިހެން އަނިޔާތައް މީހުންނަށް ދެއެވެ. އަދި އެމީހުންގެ އާއިލާތަކަށް ގުޅައި، ފިދުޔައިގެ ގޮތުގައި ފައިސާގެ ބޮޑެތި އަދަދުތައް ދޭން ބުނުމަށް ފަހު، އެއަދަދަށް ފައިސާ ނުދެވުމުން އެމީހުން ވިއްކާލާ ކަމަށް ވެސް ސަލާމަތްވީ މީހުން ވަނީ ކިޔައިދީފައެވެ.

ލީބިޔާގެ އަޅުންގެ ބާޒާރުތަކާ ބެހޭ ގޮތުން އދ. އިން ހާމަކޮށްފައި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެބާޒާރުތަކުގައި އަޅުންގެ ގޮތުގައި އަންހެނުންނާއި ކުޑަކުދިންވެސް ވިއްކާފައި ވެއެވެ.

ލީބިޔާގެ ކުރީގެ މުއައްމަރުލް ގައްޒާފީގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލައި، އޭނާ އަވަހާރަކޮށްލި ފަހުން ލީބިޔާއަށް ހަމަޖެހުމެއް ނުލިބެއެވެ. އެގައުމުގެ އެކި ސަރަހައްދުތައް ކޮންޓްރޯލް ކުރަނީ ހަނގުރާމަވެރި އެކި ޖަމާއަތްތަކުންނެވެ.