ހަބަރު

ރާއްޖޭގެ މަސްވެރިކަން ހިމާޔަތް ކުރަން ގަރާރުތަކެއް އިސްލާހު ކުރަނީ

ރާއްޖޭގެ މަސްވެރިކަން ހިމާޔަތް ކުރުމަށް ބައިނަލް އަގުވާމީ ހަތަރު ގަރާރަކަށް ރާއްޖެއިން އިސްލާހު ހުށަހެޅުމަށް މަޝްވަރާ ކުރަމުން ގެންދާ ކަމަށް ފިޝަރީޒް މިނިސްޓާ ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

މިނިސްޓާ މިހެން ވިދާޅުވީ، އަންނަ މެއި މަހު އިންޑޮނޭޝިއާގައި ބާއްވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 21 ވަނަ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ހިޔާލު އެއްގޮތް ކުރުމަށް ކުރުމަށް ހޮޓަލް ޖެންގައި މިއަދު ފެށި ބައްދަލުވުމުގަ އެވެ.

މިނިސްޓާ ވިދާޅުވީ، މި ބައްދުލުވުމުގައި، އައިއޯޓީސީ އަށް މިއަހަރު ހުށަހެޅުމަށް ގަސްދުކުރާ ހަތަރު ގަރާރަކާއި މެދު ހިޔާލު އެއްގޮތް ކުރުމަށް މަޝްވަރާ ކުރާނެ ކަމަށެވެ. އެގޮތުން، އިންޑިއާ ކަނޑުގައި ކުރާ ކަނޑުގެ މަސްވެރިކަމުގައި ބޭނުންކުރާ ދަލުގައި ހުންނަން ޖެހޭ މިންގަނޑުތައް ކަނޑައެޅުމުގެ ގަރާރަކާއި، ބޮޑުދަލުގެ މަސްވެރިކަމުގައި ބޭނުންކުރާ އޮއިވާލި ކަނދުފަތި މަދުކުރުމާއި ބެހޭ ގަރާރަކާއި، ސައުތު އެފްރިކާއިން ހުށަހަޅާ އައްސޭރިފަށުގެ ކަނޑުމަހުގެ ބާވަތްތަކާ ގުޅޭ ގަރާރަކާއި، ސީޝެލްސް އިން ހުށަހަޅާ ރީންދޫ އުރަހަ ކަންނެއްޔާ ބެހޭ ގަރާރަށް އިސްލާހެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ، ކުދި ޖަޒީރާ ރަށްތަކަކަށް ނިސްބަތްވާ ބައެއް. އަޅުގަނޑުމެންނަށް ލިބެން ހުންނަ މަސްވެރިކަން ކުރާ ވަސީލަތްތައް ހަގީގަތުގައި ވަރަށް މަދު. އަޅުގަނޑުމެން މި ހުށަހަޅާ ގަރާރުތަކުން ތިން ކަންތައް ހާސިލްވިނަމަ ވެސް އެއީ އަޅުގަނޑުމެނަނަށް ލިބޭ ވަރަށް ބޮޑު ކުރި އެރުމެއް." ޑރ. ޝައިނީ ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބާރުވެރިކުރުވުމަށާއި، އިންޑިއާ ކަނޑުގައި ބޮޑުދަލުގެ މަސްވެރިކަން ކުރާ ގައުމުތަކުގެ ނުފޫޒު މަދު ކުރުމަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ. އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ މެންބަރަކަށް ރާއްޖެ ވީ 2011 ވަނަ އަހަރު އެވެ.