ދުނިޔެ

މައްކާ އާއި މަދީނާއަށް ވެލީގެ ތޫފާނެއް އަރައިފި

Apr 12, 2017
3

މާތްވެގެންވާ މައްކާއާއި މަދީނާ ހިމެނޭ ސަރަހައްދަށް ވެލީގެ ތޫފާނެއް އަރައިފިއެވެ.

ސައުދީ އަރަބިއްޔާގެ ނޫސްތަކުން ބުނީ އިއްޔެ އެރި ވެލީގެ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ މައްކާ، މަދީނާ، ޖިއްދާ، ރިޔާޒު އަދި ގާސިމް އާއި އިރުމަތީ ޕްރޮވިންސަށް ކަމަށެވެ. އެސަރަހައްދުގައި މިހާރުވެސް ގަޑިއަކު 55 މޭލަށް ވައިޖެހެމުންދާ އިރު ސައުދީ އަރަބިއޔާގެ މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރަނީ މާދަމާގެ ނިޔަލަށް ތޫފާން ދެމިހުންނާނެ ކަމަށެވެ.

ތޫފާނުގައި އެއްވެސް މީހަކު މަރުވެ، ނުވަތަ ޒަހަމްވީ ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ. ނަމަވެސް ނޭވާލާ ނިޒާމަށް ވެލީގެ އަސަރުކޮށް، ނޭވާލުމަށް ދަތިވެގެން ގިނަ ބަޔަކު ހޮސްޕިޓަލަށް ދައްކާފައިވާ ކަމަށް ބައެއް ހޮސްޕިޓަލްތަކާ ހަވާލާދީ ނޫހުން ބުންޏެވެ.

ސައުދީ ސަރުކާރުގެ ނޫސް އެޖެންސީން ބުނީ ތޫފާނާ ގުޅިގެން ސަރަހައްދުގެ ހުރިހާ ސްކޫލްތަކެއް ބަންދުކޮށްފައިވާ ކަމަށެޗވެ.

ސައުދީ އަރަބިއްޔާގެ މޫސުމާ ބެހޭ އިދާރާގެ ތަރުޖަމާން މުޙައްމަދު އަލް ޤަހުތާނީއާ ހަވާލާދީ އަރަބް ނިއުސް ބުނީ ތޫފާނުގެ ބާރު އެންމެ ގަދަވާނެ ކަމަށް ބެލެވެނީ މިއަދު ކަމަށާއި ބާރު ކެނޑެން ފަށާނީ މާދަމާ ކަމަށް ބެލެވޭ ކަމަށެވެ. ތޫފާނުގެ ސަބަބުން އެ ސަރަހައްދުގައި ދުރު ފެންނަ މިންވަރު ވަނީ އެންމެ ކިލޯމީޓަރަކަށް ދަށް ވެފައެވެ. އެހެންވެ، ޖިއްދާގެ ބަނދަރުގައި މުދާ އަރުވައި ބޭލުމުގެ މަސައްކަތަށް ހުރަސް އެޅިފައި ވާއިރު އެ ބަނދަރުން އެހެން ސަރަހައްދުތަކަށް މުދާ ގެންދިއުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ތޫފާނުގެ ސަބަބުން ސަރައްދުގައި ހޫނު ގަދަވެފައި ވާއިރު މާދަމާ ފިނިހޫނުމިން 39 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ސައުދީގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.