ބޮލީވުޑް

"ޕަދްމާވަތީ" އާ ހެދި ދިޕިކާ ޝާހްރުކްގެ ފިލްމު ދޫކޮށްލީ

Apr 13, 2017
1

ސުޕަސްޓާ ޝާހްރުކް ޚާނާއެކު 2007 ވަނަ އަހަރު "އޯމް ޝާންތީ އޯމް" އިން ބޮލީވުޑަށް ނިކުތް ދިޕިކާ ޕަދުކޯން ވަނީ މިހާތަނަށް ޝާހްރުކް އާއެކު ސުޕާހިޓް އިތުރު ދެ ފިލްމެއް ކަމަށްވާ "ޗެންނާއި އެކްސްޕްރެސް" އާއި "ހެޕީ ނިއު އިޔާ" އިން ފެނިގެން ގޮސްފަ އެވެ.

ޝާހްރުކާ އެކު އަނަންދް އެލް ރާއި ޑައިރެކްޓްކުރާ ފިލްމަކުން ދިޕިކާ އަށް ބަތަލާގެ ރޯލު ލިބުނު ނަމަވެސް އޭނާ މިހާރު ޝޫޓްކުރަމުން އަންނަ ފިލްމު "ޕަދްމާވަތީ" ގެ ޝޫޓިން ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ވަނީ އެ ފިލްމު ދޫކޮށްލަން ޖެހިފަ އެވެ.

ދިޕިކާ އަށް ޝާހްރުކާ އެކު ލިބުނު މި ފިލްމު ދޫކޮށްލަން ޖެހިފައިވަނީ އެ ދެތަރިންގެ ދެމެދުގައި އެއްވެސް މައްސަލައެއް ޖެހިގެން ނޫނެވެ. ނުވަތަ މި ފިލްމުގައި ޝާހްރުކާއި ދިޕިކާގެ އިތުރުން މުހިންމު ރޯލަކުން ބަތަލާ ކެޓްރީނާ ކައިފް ވެސް ފެނިގެންދާނެ ކަމަށްވާއިރު، މިދެތަރިންގެ ދެމެދުގައި ޒާތީ ހަސަދަވެރިކަމަކާއި ރުޅިވެރިކަމެއް އޮތް ނަމަވެސް ދިޕިކާ މި ފިލްމު ދޫކޮށްލީ ކެޓްރީނާއާ މައްސަލަތަކެއް އުޅޭތީ ނޫންކަމަށްވެ އެވެ.

މި ފިލްމުގައި މަސައްކަތްކުރާ ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ދިޕިކާ އަނަންދްގެ ފިލްމު ނުކުޅޭ ގޮތަށް ނިންމާފައިވަނީ "ޕަދްމާވަތީ" އާއި އެ ފިލްމުގެ ޝޫޓިން ދުވަސްތައް ފުށުއަރާތީ ކަމަށެވެ.

ރާނީ ޕަދްމިނީގެ ހަޔާތުގެ އަސްލަކަށް ބަަލައިގެން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އުފައްދާ "ޕަދްމާވަތީ" ގެ ޝޫޓިން މިދިޔަ އަހަރުގެ ނޮވްމްބަރުގެ ތެރޭގައި ފަށައި، މުމްބައިގައި ނަގަން ހަމަޖެހިފައިވާ މަންޒަރުތައް ނަގައި ނިމުނު ފަހުން ދެވަނަ ޝެޑިއުލްގެ މަންޒަރުތައް ނެގުމަށް ޖެއިޕޫރަށް ދިއުމުން ކާނި ސެނާ ނަމަކަށް ކިޔާ ގްރޫޕަކުން ވަނީ ފިލްމުގެ ސެޓަށް ވަދެ ޝޫޓިންގެ ގިނަ ސާމާނުތައް ހަލާކުކޮށް ބަންސާލީގެ ގައިގައި ތަޅައިގެންފަ އެވެ. އެ ހަމަލާއާ ގުޅިގެން ފިލްމުގެ ޝޫޓިން ވަގުތީ ގޮތުން މަޑުޖައްސާލުމަށްފަހު ފިލްމުގެ ޓީމު އެނބުރި މުމްބައި އަށް ވަނީ އައިސްފަ އެވެ. ފަހުން ފިލްމުގެ ޖޫނިއާ އާޓިސްޓުން ތަކަކާ އެކު ބައެއް މަންޒަރުތައް މަހަރާޝްތްރަ ސްޓޭޓްގެ އަވަށެއް ކަމަށްވާ ކޯލާޕޫރްގައި މިދިޔަ މަހުގެ ތެރޭގައި ކުރިއަށް ދަނިކޮށް ވަނީ ފިލްމުގެ ކޮސްޓިއުމްތައް ބަހައްޓާފައި ހުރި ޓެންޓަކަށް ޕެޓްރޯލް ބޮން އުކައި އެތަނަށް ގެއްލުންދީފަ އެވެ.

އެ ހާދިސާގެ ފަހުން ފިލްމުގެ ޝޫޓިން އަލުން މަޑުޖައްސާލާފައިވާއިރު، ކުރިން ކަނޑައެޅި ތާރީހަށް ފިލްމުގެ މަސައްކަތް ނުނިމޭނެ އެވެ. އެހެންކަމުން މި ފިލްމުގެ ޝޫޓިން ނުނިމެނީސް ދިޕިކާ އަކަށް އިތުރު ފިލްމެއް ކުޅެން ފެށޭކަށް ނެތެވެ. އަލުން "ޕަދްމާވަތީ" ގެ ޝޫޓިން ފަށާނެ ދުވަހެއް ވެސް އަދި ނިންމާފައެއްނުވެ އެވެ.