ހަބަރު

ޝަރީއަތް ފަށަނީ ގާސިމް ޖަލަށް ލާން: ވަކީލުން

މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޝަރީއަތާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަލުން ބަންދަށް ބަދަލު ކުރާނެކަމަށް ލަފާ ކުރެވޭކަމަށް ގާސިިމްގެ ވަކީލުން ބުނެފި އެވެ.

ގާސިމްގެ ވަކީލުންގެ ޓީމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި އެ ޓީމުގެ ވަކީލު ހިސާނު ހުސެން ވިދާޅުވީ، މާދަމާގެ ޝަރީއަތް ފެށުމާއި އެއްކޮށް ގާސިމް އަލުން ވެސް ބަންދަށް ބަދަލު ކުރުމަށް އަމުރު ކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވޭ ކަމަށާއި، ގާސިމް ދޫކޮށްލާނެ ވަކި ދުވަހެއް ބުނަން އެބޭފުޅުންނަށް ވެސް ނޭންގޭ ކަމަށެވެ. ހައިކޯޓުން މިއަދު ގާސިމް އިބްރާހިމް ދޫކޮށްލި ނަމަވެސް މާދަމާގެ ޝަރީއަތް ފެށުމާއެކު، ގާސިމް އަލުން ވެސް ބަންދު ކުރާނެ ކަމަށެވެ.

ގާސިމް އިބްރާހިމް ދޫކޮށްލުމަށް ހައިކޯޓުން މިއަދު އަމުރު ކުރީ، ބަންދުގައި ހުންނަތާ ހަ ދުވަސް ފަހުން ކަމުގައި ވީނަމަވެސް، ގާސިިމް ދޫކޮށްލުމަށް ހައިކޯޓުން މިއަދު ކުރި އަމުރާއި މެދު އުފާ ކުރާ ކަމަށާއި، އެ އަމުރުގެ ސަބަބުން އިންސާފުގެ މަގަށް އިތުރު ކުރިއެރުމެއް ލިބިގެން ހިނގައްޖެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމްގެ ވަކިލުންގެ ޓީމުގައި ހިމެނޭ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ، ހައިކޯޓުން މިއަދު ގާސިމް ދޫކޮށްލުމަށް އަމުރުކޮށް، ގާސިމް ހައްޔަރު ކުރި އިޖުރާއަތު ބާތިލް ކަމަށް ކަނޑައަޅާފައިވުމުން، ޕްރޮސެކިޔުޓާ ޖެނެރަލް ކޯޓަށް ހުށަހެޅި މައްސަަ ވެސް ބާތިލްވާނެ ކަމެށެވެ. އެހެންކަމުން މާދަމާ ޝަރީއަތް ބޭއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވައްޑެ ވިދާޅުވި އެވެެ.

ގާސިމް އިބްރާހިމް ދޫކޮށްލުމަށް ހައިކޯޓުން މިއަދު އަމުރު ކުރީ އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ކުރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ ޝަރީއަތް މާދަމާއަށް ތާވަލު ކޮށްފައިވާއިރު، ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް ކޮށްފަ އެވެ. ދައުލަތުން ގާސިމްގެ މައްޗައް ކުރާ ދައުވާއަކީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމުގެ ދައުވާ އެވެ.