ފިނިޕޭޖް

ކެޓްރީނާ އާއެކު "ޖައްގާ ޖާސޫސް" ޕްރޮމޯޓްކުރަން ރަންބީރު ތައްޔާރު

Apr 13, 2017

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެކްޓަރު ރަންބީރު ކަޕޫރާއި ބަތަލާ ކެޓްރީނާ ކައިފްގެ ހަ އަހަރުވީ ލޯބީގެ ގުޅުން ކުއްލިއަކަށް ނިންމާލުމާއެކު އެ ދެތަރިންގެ ފޭނުންނަށް ލިބުނީ ކުއްލި ސިހުމެކެވެ.

ރަންބީރާއި ކެޓްރީނާ ރުޅިވިއިރު ދެތަރިން އައީ އަނޫރާގް ކަޝްޔަޕްގެ "ޖައްގާ ޖާސޫސް" ޝޫޓްކުރަމުންނެވެ. މިދެތަރިންގެ ކުއްލި ރުޅިވުމާއެކު ދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ މި ފިލްމަށެެވެ. އެގޮތުން ފިލްމުގެ ޝޫޓިން ނުނިމި ދިގުލައިގެން ގޮސް ފިލްމު ރިލީޒްކުރަން ހަމަޖެހި އޮތް ތާރީހުގައި ވެސް ފިލްމު ވަނީ ނުނިމިފަ އެވެ. މި މަހުގެ 7 ވަނަ ދުވަހު ފިލްމު ރިލީޒްކުރާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް ފިލްމުގެ ޝޫޓިން ނުނިމޭތީ ވަނީ ޖުލައި މަހުގެ ތެރޭގައި ރިލީޒްކުރާ ގޮތަށް ނިންމާފަ އެވެ.

އަންގާރަ ދުވަހު މި ފިލްމުގެ އެންމެފަހުގެ މަންޒަރުތައް ރަންބީރު ނަގައި ނިންމާލިއިރު، އެންމެ ގަދަޔަށް ދެކެވެމުން އައި ވާހަކަ އަކީ ރަންބީރާއި ކެޓްރީނާ އެކުގައި މި ފިލްމު ޕްރޮމޯޓްކޮށްފާނެތޯ އެވެ.

ކެޓްރީނާ، ރަންބީރު ދެކެ ހިތްހަމަނުޖެހިފައި ހުރިލެއް ބޮޑުކަމުން އޭނާ އާއެކު މި ފިލްމު ޕްރޮމޯޓްނުކުރާނެ ކަމުގެ ވާހަކަތަކެއް މީގެ ދުވަސްކޮޅެއް ކުރިން އަޑުއަރާފައިވީ ނަމަވެސް އެންމެފަހުން ރަންބީރު މިވަނީ ކެޓްރީނާ އާއެކު "ޖައްގާ ޖާސޫސް" ޕްރޮމޯޓްކުރާނެ ކަމަށް ބުނެފަ އެވެ.

ކެޓްރީނާ އޭނާ އާއެކު މި ފިލްމު ޕްރޮމޯޓްކުރަން ދެކޮޅު ހަދާފައިވާ ވާހަކަތައް ދޮގުކުރަމުން ރަންބީރު ވަނީ އޭނާ އެކޭ އެއްވަރަށް ކެޓްރީނާ ވެސް މި ފިލްމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރި ކަަމަށާއި އަދި މި ފިލްމަކީ އޭނާގެ ފިލްމެކޭ އެއްވަރަށް ކެޓްރީނާގެ ވެސް ފިލްމެއް ކަމަށެވެ.

"އަހަރުމެން މި ފިލްމު ވަރަށް ރަނގަޅަށް ޕްރޮމޯޓްކޮށް، ވަރަށް ރަނގަޅަށް ރިލީޒްކުރާނަން. ފިލްމެއް އުފައްދާއިރު، ކޮންމެ ބަޔަކު ވެސް އުފައްދަނީ ވަރަށް ލޯތްބާ އެކު. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ފިލްމުގެ ހުރިހާ ކަމެއް ވީހާވެސް ރަނގަޅަށް ކުރިއަށް ގެންދާނަން" ރަންބީރު ބުނެފައިވެ އެވެ.

މި ފިލްމަކީ ރަންބީރު އަލަށް ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު ވެސް މެ އެވެ. މިފަހުން އޭނާ ވަނީ ފިލްމު ރިލީޒްކުރުން އެޕްރީލް 7 ވަނަ ދުވަހަށް ވުރެން ލަސްކުރާނަމަ އޭނާ އަށް ބޮޑު ގެއްލުމަކާ ކުރިމަތިވާނެ ކަމަށް ބުނެފަ އެވެ.

ރަންބީރު އިތުރަށް ވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހު މި ފިލްމު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި ބެލުންތެރިންގެ ފުރިހަމަ ތަރުހީބު މި ފިލްމަށް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ރަންބީރު އެންމެފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުގެ ތެރޭގައި ރިލީޒްވި "އޭ ދިލްހޭ މުޝްކިލް" އިންނެވެ. އަދި މިހާރު އޭނާ އަންނަނީ އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަންޒަރުތައް ނަގަމުންނެވެ.