ވިޔަފާރި

އެއާޕޯޓް އާ ރަންވޭ އަންނަ އަހަރު އޮގަސްޓްގައި ބޭނުންކުރަން ފަށަނީ

Apr 12, 2017
  • މުވައްޒަފުންގެ އެއްބާރުލުން ބޮޑު
  • މަސައްކަތް ދަނީ ހަލުވި ކޮށް
  • މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރާ، ދެވަނަ ރަންވޭ، އަންނަ އަހަރުގެ އޮގަސްޓް މަހު ހިސާބު ބޭނުންކުރަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ. ން.

އެއާޕޯޓަށް 51 އަހަރު ފުރުން ފާހަގަ ކުރަން، ހުޅުލޭގައި ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ކޯޑް އެފް ސްޓޭންޑަކަށް ތަރައްގީ ކުރަމުން ގެންދާ، އާ ރަންވޭގެ މަސައްކަތް ޖުލައި ނުވަތަ އޮގަސްޓް މަހު ބޭނުންކުރަން ފަށޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"އެއާޕޯޓް ތަރައްގީއަށް އެއް ބިލިއަން ޑޮލަރު ހަރަދު ކުރަމުން މިދަނީ. މި މަސައްކަތާއެކު އާ ފިއުލް ފާމް އަކާއި ޓާމިނަލް އަދި އާ ރަންވޭއެއް އެޅޭނެ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި، މިފަދަ ބިޔަ މަޝްރޫއެއް ކުރިއަށް ގެންދެވެނީ މުވައްޒަފުންގެ އެއްބާރުލުމާއެކު، ރައީސް އަބްދުﷲ ޔާމީންގެ ދުރުވިސްނުން ފުޅާއެކުގަ އެވެ. އަދި އެއާޕޯޓަށް 51 އަހަރު ފުރިގެންދާއިރު، މިވަރުގެ ބިޔަ މަޝްރޫއެއް ރާއްޖޭގެ ތާރީހުގައި ހިންގާފައި ނެތްކަން މިނިސްޓަރު ތަކުރާރު ކުރެއްވި އެވެ.

"ގަބޫލުކުރާ ގޮތުގައި ކުދި ޖަޒީރާ އެއްވެސް ގައުމެއްގައި މިފަދަ އިނޮވޭޓިން މަޝްރޫއެއް ނުހިންގާ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއާޕޯޓުގެ މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވެނީ، މުވައްޒަފުންގެ ވަރަށް ބޮޑު އެއްބާރުލުމެއް އޮވެގެން ކަމަށެވެ.

"މިފަދަ ބޮޑު މަސައްކަތަކާ ކުރިމަތިލާން ކެރުނީ އެއާޕޯޓުގެ މުވައްޒަފުންގެ ތައްޔާރީއާއި އަމާން ވެއްޓެއް އޮތް އަމިއްލަ މިނިވަން ކަމާއެކު ކޮޅަށް ތެދުވެ ހުރެ، ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ. ތިމަން މަނިކުފާނުގެ ސަރުކާރެއްގައި މިހެންހުރި މައްސަތަކަމާ ކުރިމަތިލައްވާނެއޭ. އެންމެ ތިން އަހަރު ތެރޭގައި އޮންޖެހުންތަކާއެކު މި ހިސާބަށް އާދެވިފައި މިވަނީ،" ސައީދު ވިދާޅުވި އެވެ.

އާ ރަންވޭ ކުރުކޮށް

  • ދިގު މިނުގައި 3400 މީޓަރު
  • ފުޅާ މިނުގައި 65 މީޓަރު
  • މަޝްރޫއުގެ އަގު 400 މިލިއަން ޑޮލަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ބިޔަ މަޝްރޫއުގެ އަގު އެއް ބިލިއަން ޑޮލަރަށް އަރަ އެވެ. މި މަޝްރޫއުގެ ދަށުން ޕެސެންޖަރު ޓާމިނަލް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މި މަސައްކަތް ހަވާލުކޮށްފައިވާ ސައޫދީ ބިންލާދިން ގްރޫޕަށް 300 މިލިއަން ޑޮލަރަށެވެ. އަދި މުޅި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރަށް އަރަ އެވެ. އަދި މި މަޝްރޫއު ނިންމަން ކަނޑައަޅާފައިވަނީ އަންނަ އަހަރު އެވެ. ވީއައިއޭގެ އާ ޕެސެންޖަރު ޓާމިނަލް ތަރައްގީ ކުރަނީ ގާތްގަނޑަކަށް 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގަ އެވެ. އެއާޕޯޓް ތަރައްގީ ކުރަނީ ފަސް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށެވެ.

އާ އިންޓަނޭޝަނަލް ޓާމިނަލް

  • 40 ޑީޕާޗާ ގޭޓް
  • 38 އިމިގްރޭޝަން ކައުންޓަރު
  • ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
  • ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
  • ޒަމާނީ ބެގޭޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
  • ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
  • ފިއުލް ހައިޑްރެންޓް ސިސްޓަމް

ވީއައިއޭގައި އަޅާ އާ ރަންވޭގެ މަސައްކަތް ކުރަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެންނެވެ. އާ ރަންވޭ އަށް 400 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. އަދި މީގެތެރެއިން 373 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވަނީ ޗައިނާގެ ލޯނު އެހީގެ ދަށުންނެވެ. މި މަސައްކަތް ކުރަނީ ގަލްފް ކޮބްލާ ކުންފުނިންނެވެ.