ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

"އެއާޕޯޓަށް ދުވާލަކު 1.3 މިލިއަން ރުފިޔާ އިންވެސްޓްކުރޭ"

Oct 31, 2016
5
  • ތިން އަހަރުން 90 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފި
  • އިންވެސްޓް ކުރަން ޖެހުނީ އެއާޕޯޓް ހަލާކުވެފައި އޮތުމުން
  • އެއާޕޯޓް ތަރައްގީވުމުން 3،000 ވަޒީފާ އުފެދޭނެ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް ދުވާލަކު 1.3 މިލިއަން ރުފިޔާ އިންވެސްޓް ކުރާ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެއްޖެ އެވެ.

އައިއެންއައިއޭގައި ބޮޑީ ސްކޭނާ މެޝިނެއް ބަހައްޓަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ސަރުކާރުން ވޭތުވެދިޔަ ތިން އަހަރު ތެރޭގައި އެއާޕޯޓަށް 90 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށާއި، މިއީ ދުވާލެއްގެ މައްޗަށް ބަލައިގެން ހިސާބު ހަދާނަމަ ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާ ކަމަށެވެ.

"ކޮބައިތޯ ސަބަބަކީ؟ އަޅުގަނޑުމެންނާ ހަވާލުވިއިރު އެއާޕޯޓްގެ ރަންވޭ އޮތީ ހަލާކުވެފައި. އުތުރުކޮޅުގެ އެޕްރޮންގެ މަސައްކަތް ނުކޮށްފިނަމަ ޓޫރިޒަމް އިންޑަސްޓްރީ އަށް ބޮޑެތި ގެއްލުންތަކެއް ވާނެ. އަދި ކުރީގެ ޕްލޭނަށް ބަލާނަމަ ރަންވޭއެއް އެޅޭނެ ގޮތެއް ނެތް. އެއީ ޖީއެމްއާރުން ކުރައްސަވާފައި އޮތް ގޮތަކީ. ނަމަވެސް ރައީސް {އަބްދުﷲ ޔާމީންގެ] އިސް ނެންގެވުމެއްގެ ދަށުން އެމްއޭސީއެލް އިން ރަންވޭއެއް އަޅަނީ،" އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ކޯޗެއާ، ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ އެއާޕޯޓު ބިން ހިއްކުމުގެ ބައެއް ނިންމާލާފައިވާ ކަމަށާއި ރަންވޭ އަޅަން ބިން ހިއްކައި ނިމުމުން މިހާރު އެއާޕޯޓުގެ ކުރީގެ ސައިޒަށް ވުރެ ތިން ބައިކޮށްފައި އެބައި އިތުރުވާނެ ކަމަށެވެ.

"މުޅި މަޝްރޫއު 2018 ވަނަ އަހަރު ނިމޭއިރު، ކޮންމެ ދިވެއްސަކު ވެސް ފަހުރުވެރިކަމާއެކު ބަލައި ގަންނާނެ ޕްރޮޖެކްޓަކަށް ވެގެންދާނެ. މީގެ ނަފާ އެތައް ގުނައެއް އިތުރު ވެގެންދާނެ،" ސައީދު ވިދާޅުވި އެވެ.

އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ސަބަބުން ގިނަ އަދަދެއްގެ ވަޒީފާތައް އުފެދިގެންދާނެ ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

"މިހާރު އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 90 ޕަސެންޓަކީ ދިވެހިން. މިހާރުގެ މަސައްކަތް ނިމިގެންދާއިރު 6،000 މުވައްޒަފުންނާ ގާތް ކުރާ ވަރަށް އިތުރުވާނެ. މީގެ މާނައަކީ 3،000 ވަޒީފާ އިތުރު ވުމުގެ ފުރުސަތު އިތުރުވުން،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ވާހަކަތަކަކީ ބައެއް ކަންފަތްތަކަށް އަޑު އަހަން އެހާ ފަސޭހަ ވާހަކަތަކެއް ނޫން ކަމަށާއި އެކަމަކު މިއީ ހަސަދަވެރިނުވެ، އަތާ އަތް ގުޅާލައިގެން ކުރިއަށްދާވީ ވަގުތު ކަމަށެވެ/

"އަޅުގަނޑުމެންނަށް އެއާޕޯޓު ތަރައްގީ ނުވާނެއޭ ކިޔާފައި ނުއަގުގައި، ނުހައްގުން ދިން ބަޔަކަށް އެވާހަކަ އަޑު އަހަން ފަސޭހައެއް ނުވާނެ. އަޅުގަނޑުމެން ގަބޫލު ކުރަން ބޭނުންވި އަސް ނުވިއަސް ރައީސުލް ޖުމްހޫރިއްޔާގެ ތަރައްގީގެ މި ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން ބޭނުންވަނީ ވަޒީފާގެ ފުރުސަތު. ބޭނުންވަނީ ފުދުންތެރި ގައުމަކަށްވުން،" ސައީދު ވިދާޅުވި އެވެ.