ބޮލީވުޑް

ނެރުމުގެ ކުރިން "ޓިއުބްލައިޓް" އަށް ރެކޯޑް އާމްދަނީއެއް!

Apr 14, 2017

މިއަހަރު ކުރިއަށް ރިލީޒް ކުރަން ހުރި ފިލްމުތަކުގެ ތެރެއިން ސުޕަސްޓާ ސަލްމާން ޚާންގެ "ޓިއުބްލައިޓް" އަކީ ބެލުންތެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމެވެ.

ކަބީރް ޚާން ޑައިރެކްޓްކޮށް، ސަލްމާން ޚާނާއި ޗައިނާގެ ބަތަލާ ޒޫ ޒޫ ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ ބޮކްސް އޮފީހުގައި ގިނަ ރެކޯޑްތަކެއް މުގުރާލާނެ ފިލްމެއް ކަމަށް ބުނަމުން އަންނައިރު، ފިލްމު ރިލީޒް ކުރުމުގެ ކުރިން ވަނީ ބޮޑު ފައިދާއެއް ވެފަ އެެވެ.

ފިތުރު އީދާ ދިމާކޮށް ޖޫން މަހުގެ 23 ވަނަ ދުވަހު ރިލީޒްކުރާ "ޓިއުބްލައިޓް" ގެ މިއުޒިކް ރައިޓްސް އާއި ތިއެޓްރިކަލް ރައިޓްސް މިވަނީ ރެކޯޑް އަގެއްގައި ވިއްކާލާފަ އެވެ. އެގޮތުން މި ފިލްމަށް ރިލީޒް ކުރުމުގެ ކުރިން މިހާރު ވެސް 227 ކްރޯޑް ރައިޓްސް ވިއްކައިގެން ލިބިފައިވާ ކަމަށްވެ އެވެ.

އިންޑިއާގައި މި ފިލްމު ދެއްކުމަށް އެންއެޗް ސްޓޫޑިއޯޒް ނަމަކަށް ކިޔާ ބަޔަކަށް ވިއްކާލާފައިވަނީ 132 ކްރޯޑަށެވެ. އަދި ޗައިނާގައި ވެސް ފިލްމު ދެއްކުމަށް ވިއްކާލާފައިވަނީ 75 ކްރޯޑަށް ކަމަށްވެ އެވެ. ތިއެރެޓިކަލް ރައިޓްސްގެ ގޮތުގައި 207 ކްރޯޑް ލިބިފައިވާއިރު، ފިލްމުގެ ސޮނީ މިއުޒިކަށް ފިލްމުގެ މިއުޒިކް ރައިޓްސް ވިއްކާލާފައިވަނީ 20 ކްރޯޑަށެވެ. މިއާ މި ފިލްމު މިވަނީ މިފަހުން ފިލްމުގެ ރައިޓްސްތައް އެންމެ ބޮޑު އަގެއްގައި ވިއްކާލި ފިލްމަށް ވެގެން ގޮސްފަ އެވެ.

ފިލްމު ރިލީޒްކުރުމުގެ ތިން މަހެއްހަ ކުރިން 227 ކްރޯޑް ލިބުމަކީ ހަމަޔަގީނުން ވެސް ފިލްމު ރިލީޒްކޮށްގެން ފިލްމަށް ބޮޑު ފައިދާއެއް ހޯދަން ލިބުނު ފުރުސަތެކެވެ.

މިފަހުން މަރުވި ކުރީގެ މަޝްހޫރު އެކްޓަރު އޯމް ޕޫރީ "ޓިއުބްލައިޓް" ގެ މުހިންމު ރޯލަކުން ފެނިގެންދާއިރު، ސަލްމާންގެ ބޭބެގެ ރޯލުން އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ސޮހެއިލް ޚާން ވެސް ފެނިގެންދާނެ އެވެ.